އެމެރިކާގެ އެފް.ޑީ.އޭގެ އިންޒާރުތަކާ ދެކޮޅަށް ޓްރަމްޕް މެލޭރިޔާ ބޭސް ބޭނުން ކުރަނީ
މެލޭރިއާއަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން އަކީ، ކޮވިޑް-19 އަށް ފަރުވާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބޭހެއް ކަމަށް ޓްރަމްޕް ދަޢުވާ ކުރިއަސް އެއްވެސް ގައުމެއްގެ ކްލިނިކަލް ސްޓަޑީއަކުން މިކަން ހާމަ ވެފައެއް ނުވެއެވެ.
އެހެންކަމުން ކޮވިޑް-19 އަށް ފަރުވާ ކުރުމަށް މި ބޭސް ބޭނުން ނުކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޭޖެންސީއިން ވަނީ އިންޒާރު ދީފައެވެ. ނަމަވެސް މި އިންޒާރު ތަކަށް ބެލުމެއް ނެތި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގުމަށް އެގައުމުގެ ހޮސްޕިޓަލްގައި ދަނީ މި ބޭސް ބޭނުން ކުރަމުންނެވެ.
ޓްރަމްޕް ހާމަ ކުރިގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިބޭސް ބޭނުން ކުރަމުން ދާތާ މިހާރު ދެތިން ހަފްތާ ވެއްޖެ ކަމަށެވެ. އިތުރަށް ޓްރަމްޕް ހާމަ ކުރި ގޮތުގައި އިސްސަފުގައި މަސައްކަތްކުރާ ގިނަބަޔަކު ބަލިޖެހުމުގެ ކުރިން މި ބޭސް ބޭނުން ކުރާކަމަށާއި، މި ބޭހަކީ މީގެ 40 ހަކަށް އަހަރު ކުރިން ފެށިގެން ބޭނުންކުރާ ބޭހެއް ކަމަށެވެ. އަދި މިބޭހުގައި ވަރަށް ގިނަ ރަނގަޅު ކަންކަން ހިމެނޭ ކަމަށް އޭނާ ބުންޏެވެ. މިބޭހުން ގޯސް އަސަރެއް ކޮށްފި ނަމަވެސް އެކަމެއް މީޑިޔާއަށް ހާމަ ކުރާނެކަމަށް ޓްރަމްޕް ބުންޏެވެ. އާންމުކޮށް ދުވާލަކު ގުޅައެއް ބޭނުން ކުރާ ކަމަށާ ވަކި ހިސާބަކުން ބޭސް ބޭނުން ކުރުން ހުއްޓާލާނެކަމަށްވެސް ޓްރަމްޕް ވަނީ މީޑިޔާއަށް މަޢުލޫމާތުދެމުން ހާމަ ކޮށްފައެވެ.
އެންމެން ވެސް ބޭނުންވަނީ ކޮވިޑް-19 އަށް ފަރުވާ އެއް ނުވަތަ ވެކްސިނެއްކަން ފާހަގަ ކުރަމުން ޓްރަމްޕް ބުނީ، މި ބޭސް ބޭނުންކޮށްގެން ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ. ނަމަވެސް އެފް.ޑީ.އޭ އިން އިންޒާރުދެނީ އެއްވެސް ކަމަކަށް ޑޮކްޓަރުގެ ލަފައެއް ނެތި މިބޭސް ބޭނުން ނުކުރުމަށެވެ.
ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް ފެނި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އެމެރިކާގައި ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތުތަކަށް އެމެރިކާގެ ރައްޔިތުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީފާޑު ކިޔަމުންނެވެ. އެމެރިކާއިން މިހާތަނަށް ދޮޅުމިލިއަން މީހުނަށް ކޮވިޑް ޖެހި 91 ހާސް މީހުން މީހުންވަނީ މަރުވެފައެވެ.