ދުނިޔެ

އަލްޙަމްދު ލިﷲ! އެމެރިކާއިން ކޮވިޑް-19 އަށް ފުރަތަމަ ޓެސްޓް ކުރި ވެކްސިން ކާމިޔާބު

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ވަބާއިން ރައްކާތެރިވުމަށް ވެކްސިނެއް އުފެއްދުމަށް ބޮޑެތި ހުރިހާ ގައުމުތަކުން ފަށާފައިވާ ރޭހުގައި ފަހަތަށް ނުޖެހި އެމެރިކާއިން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާގެ ބަޔޯޓެކް ކުންފުނިން އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓްކުރުމުން ލިބުނު ނަތީޖާ ރަނގަޅު ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

Ads by WAMCO

މޮޑަރނާ ނަމަކަށް ކިޔާ މި ކުންފުނިގެ ފުރަތަމަ ބުރުގެ ވެކްސިން ޓެސްޓް ކުރުމަށް، 18 އަހަރާއި 55 އަހަރާ ދެމެދުގެ 45 މީހެއްގެ ގަޔަށް، އެކި މިންވަރަށް މި ވެކްސިންގެ ޑޯޒް ޖެހިއެވެ. އޭގެ ތެރޭގައި 25 ނުވަތަ 100 މިލިގްރާމް ގެ ޑޯޒް ދެވުނު 25 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީގެ މިންވަރު އިތުރުވެ، ކޮވިޑް-19 އިން ރަނގަޅުވި މީހަކާ އެއް ހަމައަކަށް ދިޔައެވެ. އެހެން ކަމުން މިއީ ވަރަށް އުންމީދީ އަދި ވަރަށް އުފާވެރި ނިޝާނެއް ކަމަށާ، މިގޮތަށް އެންޓިބޮޑީ އިތުރު ވުމުގެ ސަބަބުން ކޮރޯނާވައިރަސް އަށް ހަށިގަނޑުގެ ތެރޭގައި އިތުރު ނުވެވޭނެކަމަށް، މޮޑަރނާ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސްޓެޕަން ބަންސެލް، ބްލޫމްބަރގްއަށް ދިން އިންޓަރވިއު އެއްގައި ހާމަ ކުރިއެވެ.

މިވެކްސިން ޓެސްޓް ކުރަން ޖެހި މީހުންގެ ތެރެއިން މަތީ ޑޯޒް ދެވުނު 3 މީހަކަށް ވެކްސިންގެ ނޭދެވޭ އަސަރު ކުރުމުން، އެ ވަރުގެ މަތީ ޑޯޒް ދެން ބޭނުން ނުކުރަން ވަނީ ނިންމާފައެވެ. މެދުމިންވަރެއްގެ ޑޯޒް ދެވުނު މީހުންގެ ތެރެއިންވެސް އެކަކަށް ސައިޑް އިފެކްޓް ތަޖުރިބާ ކުރަން ޖެހުނެވެ. ނަމަވެސް މި ހުރިހާ ކަމަކީ ވެސް ވަގުތީ ގޮތުން ތަޖުރިބާ ކުރަން ޖެހުނު ކަންތައް ކަމާ، ބޮޑުވަރުނުވެ އެކަންކަން ޙައްލު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަ ކުރިއެވެ.

މި ވެކްސިންގެ ދެވަނަ ބުރު ވަރަށް އަހަވަށް ޓެސްޓް ކުރަން ފެށޭނެ ކަމަށާ މި ބުރުގައި 600 މީހަކަށް މި ވެކްސިން ޓެސްޓް ކުރުމަށް ޖެހޭނެކަމަށް ކުންފުނިން ހާމަ ކުރެއެވެ. މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ މި ނުރައްކާތެރި ވަބާއިން ސަލާމަތް ވެވޭނެ ހަމަ އެކަނި ގޮތަކީ މި ބައްޔަށް ވެކްސިނެއް ހޯދުން ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!