ދުނިޔެ

ކޮވިޑް-19ގެ ހަނގުރާމަ ވަކި ކޮޅެއްގައި ނުޖެހި ތިއްބާ އިންޑިޔާ އަދި ބަނގްލަދޭޝްއަށް ބާރުގަދަ ތޫފާނެއް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ގަރުނުގައި ވެސް ބޭ އޮފް ބެންގޯލްގައި ނުއުފެދޭހާ ބާރުގަދަ ތޫފާނެއް އުފެދި އިންޑިޔާ އަދި ބަނގްލަދޭޝްއިން ދެ މިލިއަނެއްހާ މީހުން ރައްކާތެރި ހިސާބު ތަކަށް ގެންދިއުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ނަމަވެސް ކޮވިޑް-19 ގެ ބިރަށް ގައިދުރުކަން ގާއިމްކުރަމުން މިކަން ކުރުވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. އަމްފާންގެ ނަން ދެވިފައިވާ ތޫފާނަކީ އިންޑިޔާ ކަނޑުގައި މިހާތަނަށް އުފެދުނު ދެވަނަ އަށް އެންމެ ބާރުގަދަ ތޫފާނެވެ. މިވަގުތަކީ އިންޑިޔާގެ ގިނަ ހިސާބުތަކެއްގައި މަސައްކަތް ކުރުމަށް އެހެން ސިޓީތަކުން އައިސް ތިބި މީހުން ފައިމަގުގައި އެމީހުގެ އާއިލާ ގާތަށް ދިއުމަށް އެތައް މޭލަކަށް ދަތުރު ކުރަމުންދާ ދުވަސް ވަރެއްކަމުން ހުރިހާ ގޮތަކުންވެސް ތޫފާނުގެ ސަބަބުން އިތުރު އުނދަގޫ ތައް އަންނަނީ ކުރިމަތި ވަމުންނެވެ.

މިތޫފާނުގެ ވައި ގަޑިއަކު 240 ކިލޯމީޓަރަށް ހުރި އިރު، މިތޫފާން ބަނގްލަދޭޝްއަށް އެރުމުގެ ކުރިން ކޮންމެވެސް ވަރަކަށް ވައިމަޑުވާނެ ކަމަށް ބެލެވުނު ނަމަވެސް، ބޮޑެތި ގެއްލުންތަކެއް ވާނެކަން ވަނީ ޔަގީން ކުރެވިފައިވާ ކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާގެ ވެރިޔާ މްރުތިޔުންޖޭ މޮހަޕަތްރާ ހާމަ ކުރިއެވެ.

ތޫފާނުގައި 10-16 ފޫޓުގެ ރާޅު އަރާ އައްސޭރިފަށުގައިވާ ޗަކަ އާއި މަށިން ހަދާފައިވާ ހުރިހާ ގެތަކެއް ހަލާކުވެ، މުޢާޞާލާތީ ޚިދުމަތަށް ބޭނުންކުރާ ޓަވަރުތައް ބުޑުން ލުހިގެން ގޮސް، މަގުތަކާއި ރޭލު ދަގަނޑުތައްވެސް ހަލާކު ވާނެކަމަށް ވަނީ ބެލެވިފައެވެ.
މިތޫފާނުގެ ސަބަބުން އެތައް ކިލޯމީޓަރުގެ ސަރަޙައްދެއްގައި ފެންބޮޑުވާނެކަމަށް ބެލެވެއެވެ. 30 މިލިއަން މީހުންގެ އާބާދިއެއް އޮންނަ ބިންތިރި ބަނގްލަދޭޝް އަކީ ކޮންމެ އަހަރަކު އަންނަ އެތައް ތޫފާނެއްގެ ސަބަބުން ގިނަ ފުރާނަތަކެއް ގެއްލި ގިނަ އާއިލާތަކެއް ބިކަ ވެގެންދާ ގައުމެކެވެ. މީގެ އަށް އަހަރު ކުރިން އެރި ތޫފާން ތަކެއްގައި އެގައުމުން 139،000 މީހުންވަނީ މަރުވެފައެވެ. އިންޑިޔާގެ އޮޑިއްސާ އަށް 1999 ވަނަ އަހަރު އެރި ތޫފާނެއްގައި 10،000 މީހުންވަނީ މަރުވެފައެވެ.
މިވަގުތު ދެގައުމަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތޮއްޖެހުން ކުޑަ ކުރުމާއެކު މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސް، އެމީހުނަށް މާސްކް، ސެނެޓައިޒަރ އަދި ސައިބޯނި ފޯރުކޮށްދިނުމެވެ.

ބަނގްލަދޭޝްއިން ހާމަ ކުރި ގޮތުގައި ރައްކާތެރި ވަގުތީ ހިޔާ ތަކުގައި، މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ އެކަހެރި ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ބަނގްލަދޭޝްއަށް އޮތް އަނެއް ކަންބޮޑުވުމަކީ މިހާރުވެސް ކޭމްޕްތަކުގައި ދިރިއުޅެމުންދާ ރޮހިންޔާގެ މިލިއަނެއްހާ މުސްލިމުންގެ ދިރިއުޅުމަށް މި ތޫފާނުގެ ސަބަބުން އިތުރު ގެއްލުންތައް ކުރިމަތި ވުމެވެ. ވިއްސާރަ އާ ފެންބޮޑުވުމުގެ ސަބަބުން ކޮވިޑް-19 ފެތުރޭ ސްޕީޑް މަތިވެދާނެކަމަށް ކުރިންވެސް ވަނީ ލަފާ ކުރެވިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!