މަސްވެރި ޢާއިލާތައް ވަނީ ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެފައި: އިދިކޮޅު ކޯލިޝަން
މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި މަސްވެރިން ވީ އިތުރަށް ނިކަމެތި ކަމަށާއި އަދި މަސްވެރި އާއިލާތައް ވެސް ވަނީ ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެފައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި އިދިކޮޅުން ބުނެފައި ވަނީ މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި ޢާއިލާތައް ތިބީ ހިތްދަތިކަމާއި މާޔޫސްކަންމަތީގައި ކަމަށާއި މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި ތިބެން ޖެހޭ ކަމަށެވެ. އަދި މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން
ބޭރުގައި މަސްވެރިންނަށް ތިބެންޖެހޭ ކަމަށް ވެސް އިދިކޮޅުން ފާހަގަ ކޮށްފައިވެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން، ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަން ޖެހުމުގެ އިތުރުން މަސްވެރި ޢާއިލާތައް ވަނީ ނިކަމެތިވެ ކަންމަތީ ފިހާރަތަކަށް ދަރަނިވެރި ވެފައި ކަމަށެވެ.
މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ މިސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށާއި، މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ކަމުގެ ވައުދާއެކު ނަމަވެސް ސަރުކާރަށް ދެ އަހަރު ވީއިރު މަސްވެރިން ވަނީ އިތުރަށް ނިކަމެތިވެފައި ކަމަށެވެ. އަދި ގޭދޮށު މަސްފެކްޓްރީއެއް ނެތް ކަމަށާއި މަސްވެރިންގެ ޕްލެޓްފޯމް ގާއިމް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ނެތް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.