ދާންދޫ އެކްސިޑެންޓްގައި ހާލު ސީރިއަސްވި 3 އަހަރުގެ ކުއްޖާ މާލެ ގެންނަނީ

ގއ. ދާންދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން އަހަރުގެ ކުޑަ ކުއްޖާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުން އެބަދެއެވެ.
ދާންދޫ ކައުންސިލް ރައީސް މުޙައްމަދު ޒަޢީމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކްސިޑެންޓު ހިނގުމާ ގުޅިގެން އިރުއޮއްސި 6:30 ހާއިރު އެކުއްޖާ ގޮވައިގެން އެއަތޮޅު ވިލިނގިއްޔަށް ފުރާފައިވާ ކަަމަށާއި ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ސީރިއަސްކަމުން އިތުރު ފަރުވާއަށް މާލެ ގެންނަން ފްލައިޓެއް ޗާޓަރ ކޮށްގެން މިހާރު ފުރުމުގެ ތައްޔާރީތަށް ވަމުންދާ ކަމަށެވެ.
ޒަޢީމް ވިދާޅުވީ މިއެކްސިޑެންޓުގައި އަނިޔާ ލިބުނީ އުމުރުން ތިން އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި އެކުއްޖާއަށް އިތުރު ފަރުވާއަށް މާލެ ގެންނަން ޗާޓަރ ފްްލައިޓުން މާލެ ގެންނަނީ ކޮން ވަގުތަކު ކަމެއް އަދި އެނގިފައި ނުވާ ކަަމަށެވެ.
އެކްސިޑެންޓާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޒަޢީމު ވިދާޅުވީ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑެއްގައި އެސައިކަލު ދުއްވާފައި ދިޔުމުން ކަމަށާއި، ސައިކަލުން ޖެހުނު ކުޑަ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަަމަށެވެ.
"ސައިކަލު ދިޔައީ ވަރަށް ބާރަށް ދުއްވާފަ. މިރަށުގެ ބޭރުމަގުން، ފުދޭ ވަރަކަށް ބާރަށް، ރަށުގެ ދެކުނުން އުތުރަށް ދުއްވަމުން ދިޔައީ. އެކްސިޑެންޓު ހިނގީ އެމަގުގެ ނިމޭ ހިސާބުގައި. އެކްސިޑެންޓުގައި ސައިކަލުން ޖެހުނު ކުއްޖާގެ ގެ ވެސް ހުންނަނީ އެމަގުގައި އިން ވެގެން ކަހަލަ ގޮތަކަށް. ފާރެއް ވެސް ނުހުންނާނެ. ދުއްވާފަ ދިޔަ މީހާއަށް ފެންނަން ވާނެ އެތަނުން އެއްވެސް މީހަކު ނިކުންނަ ކަމަށް ވަންޏާވެސް. އެކަމަކު ދުއްވާފަ ދިޔަ ބާރުކަމުން ކޮންޓްރޯލް ނުކުރެވިގެން ގޮސް އެކުޑަ ކުއްޖާ ގައިގައި އެޖެހުނީ" ޒަޢީމް ވިދާޅުވިއެވެ.