ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ގާޒީ މަގާމުން ދުރުކުރެއްވި ގޮތުން ގިސްލާ ރޮވުނު: އަލްހާން
ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ގާޒީ މަގާމުން ދުރުކުރެއްވި ގޮތުން ގިސްލާ ރޮވުނު ކަމުގައި އަމިއްލަ ގޮތުން މާލެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާފައިވާ އަލްހާން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
“ރައީސް ޔާމީން ޖަލަށް ނުލެވިދާނެހެން ހީވެގެން އެމަނިކުފާނު ޖޭއެސްސީގައި އިންނަވައިގެން ރައީސް ޔާމީންގެ ޝަރީޢަތް ކުރެއްވި ޤާޟީ އަހުމަދު ހައިލަމް މަގާމުން ވަކިކޮށްލައްވާ ބަދުނާމު ކޮށްލިގޮތުން އަޅުގަނޑަށް ގިސްލާ ރޮވުނު!” ހައިލަމް ޓެގް ކުރައްވައި އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނު ޖަލަށް ލީ ދުވަހު އެކަމާ ވަރަށް ހިތާމަ ކުރި ކަމަށާއި ވީދެރައިން ރޮވެން ވެސް ރޮވުނު ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޔާމީނު ޖަލުގައި އޮތުމަކީ އެމަނިކުފާނު އެދޭ ގޮތެއް ނޫން ކަމަށާއި ޔާމީނު ޖަލަށް ލެވުނު ދުވަހު އެކަމާ ވީދެރައިން ކީރިތި ވެސް ކުރެވުނު ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވާގޮތުގައި، ރައީސް ޔާމީނު ހައްޔަރު ކުރީ އެމަނިކުފާނު ހައްޔަރު ކުރުމުން އެކަމުގެ ބަދަލު ހިއްޕެވުމަށް ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެގޮތަށް އެވާހަކަތައް ދެކެވޭތީ އެކަމާ އެމަނިކުފާނު ލަދުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު އެގޮތަށް ވިދާޅުނުވާ ކަމަށާއި، އެމަނިކުފާނު އެހެން ވިދާޅުވުމުގެ ކުރިން އަދި ފަހުން ވިދާޅުވި އެއްޗަކަށް ނުބައްލަވާ ނޫސްތަކުން އެމަނިކުފާނު ވިދާޅުވި އެއްޗެއްގެ މާނަ އޮޅުވާލީ ކަމަށް ތުހުމަތު ކުރެވޭ ގޮތަކަށް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ.
ނަޝީދު ވިދާޅުވީ ވެރިން ހައްޔަރު ކުރުމުގެ ސަގާފަތް ހުއްޓުވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބުނު ކަމަށާއި އަދި އެކަން ހުއްޓުވުމަށް އެމަނިކުފާނު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ރައީސް ޔާމީނު ކުރެއްވި ނަމަ މިއަދު އެކަން ފެންނަން އޮންނާނީ ވަރަށް ތަފާތުކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެންމެން ހާދަ ރޮވިގެން އުޅޭ ދުވަހެއް