އަމިއްލައަށް މަރުވާން ނުވިސްނާ! އަމިއްލައަށް މަރުވުމަކީ ވަރަށް ބޮޑު ފާފައެއް!
އެއްވެސް މީހެއްގެ މަރަކީ އެމީހެއްގެ އަމިއްލަ އަތް މަތީގައިވާ އެއްޗެއް ނޫނެވެ. ފުރާނަ އަޅުއްވާނީ އަދި ގެންދަވާނީ ވެސް އަހަރެމެން ހެއްދެވި ފަރާތެވެ.
ނަމަވެސް ކަންކަމުގައި ހާސްވުމުން، ނުވަތަ ކުރިމަތިވާ މުސީބާތްތަކެއްގެ ސަބަބުން، އަމިއްލަ ފުރާނަ ދުއްވާލާ މީހުން މަދެއް ނޫނެވެ. މުސީބާތްތަކުން ސަލާމަތްވުމަށް، ތިމާގެ އަމިއްލަ ނަފްސު އެ ވައްޓާލެވެނީ މިދުނިޔޭގައި އެމީހަކު އުފުލަން ޖެހުނު ވޭނަށްވުރެ މާބޮޑު ވޭނަކަށްކަން އެފަދަ މީހުންނަށް ނޭނގެނީއެވެ.
އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ. އަމިއްލައަށް މަރުވެގެން ގޮސްފައިވާ މީހުން އެކަން ކުރުމުން ސަލާމަތް ނުކުރެވުނު ކަމުގައި ވިޔަސް، ދުނިޔޭގައި ތިބި މީހުންގެ ތެރެއިން އަމިއްލައަށް މަރުވާން ވިސްނާ މީހުން ސަލާމަތް ކުރުމުގެ ނިޔަތުގައި މިލިޔުން ލިޔެލާނަމެވެ. ކީރިތި ޤުރްއާނާއި ރަސޫލާ (ޞޢޥ) ގެ ޙަދީޘެއްގެ އަލީގައެވެ.
އަމިއްލައަށް މަރުވާ މީހުންނާމެދު މާތް ﷲ ރުއްސަވާ ވޮޑިގެން ނުވެއެވެ. ކީރިތި ޤުރްއާނުގެ ހަތަރު ވަނަ ސޫރަތުގެ 29 ވަނަ އާޔަތުގެ ބައެއްގައި، އަމިއްލަ ނަފްސުތައް ގަތުލު ނުކުރުމަށް އެކަލާނގެ ގޮވާލައްވާފައިވެއެވެ.
﴿29﴾ يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
[ އައްނިސާ 29 ވަނަ އާޔަތް ]
ގިނަ މީހުންނަށް މުސީބާތްތަކާއި ހިތް ދަތިވުން ކުރިމަތިވުމުން ވެސް އަމިއްލައަށް މަރުވާން ވިސްނައެވެ. ނަމަވެސް މިއީ ވަގުތީ ދުނިޔެއެއްކަމާއި ދާއިމީ ދުނިޔެއަކީ ދެން އޮތް ދުނިޔެކަމަށް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ވަހީ ކުރައްވަވާފައެވެ. އަދި މިދުނިޔޭގައި ހިތާމައާ މަޑުމޮޅިކަން އެކުލެވިގެންވީ ނަމަވެސް، އެއާއެކު އުފަލާއި ހިތްހަމަ ޖެހުން ވެސް އެކުލެވިގެންވާކަމާއި ހިތާމައަކަށްފަހު އުފާވެރިކަން ވެސް ވާކަން އެކަލާނގެ އަންގަވާފައިވެއެވެ.
﴿5﴾ فَإِنَّ مَعَ الْعُسْرِ يُسْرًا
ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
[ އަލް އިންޝިރާޙް 5 ވަނަ އާޔަތް ]
އަމިއްލައަށް މަރުވުމާއި ބެހޭ ގޮތުން ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ، މީސްތަކުންކުރެ އަމިއްލައަށް މަރުވާ މީހާވާނީ، މުޅި އުމުރަށް ނަރަކަވަންތަ ވެރިއެއް ކަމަށެވެ. އެމީހަކީ ދުނިޔޭގައި އުޅުނުއިރު ކިތަންމެ ގިނަ ހެޔޮ ކަމެއް ކޮށްފައި އުޅުނު މީހެއް ކަމުގައިވީ ނަމަވެސް އެވެ.
"އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް އަޅުކަން ކުރާ މީހާއާއި، ތިމާގެ ފުރާނަ އަމިއްލައަށް ދުއްވާލާ މީހާއަށް ލިބެންހުރީ އެއް އަޒާބެކެވެ. އެއީ ނަރަކައިގެ ވޭންދެނިވި އަލިފާންގަނޑެވެ. އަދި ފަހެ ތަޤްވާވެރިއަކާ ދިމާލަށް ޙައްޤު ނޫން ބަހެއް ބުނެފިނަމަ، އެއީ އެމީހަކު ގަތުލު ކުރުމާ އެއްފަދަ ކަމެކެވެ. އަދި ތަޤްވާވެރިއަކާ ދިމާލަށް އެއީ ތަޤްވާވެރިއެއް ނޫންކަމުގައި ބުނުމަކީ ވެސް އެތަޤްވާވެރިއަކު ގަތުލު ކޮށްލުމާއި އެއްފަދަ ވެގެންވާ ކަމެކެވެ." (ސަޙީޙް ބުޚާރީ 78 ވަނަ ފޮތުގެ 647 ވަނަ ޙަދީޘް)
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.