"ޤާނޫނީ ޒިނޭ" އާ ގުޅޭގޮތުން ޝަމީމް ދެއްކެވި ވާހަކަތަކަށް އަމާޒުވި ފާޑުކިޔުން ތަކަށް ރައްދު ދެއްވައިފި
"ޤާނޫނީ ޒިނޭ"އާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވުމުން، އެކަމަށް ރައްދު ދެއްވައިފިއެވެ.
އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވީ ޑީއެންއޭ މެދުވެރިކޮށް ޒިނޭ ސާބިތު ކުރުމަށް އޮތް ހައްލަކީ ޒިނޭގެ ދެ ވައްތަރު ކަނޑައަޅައި ޝަރުޢީ ޒިނޭއާއި ޤާނޫނީ ޒިނޭ ވަކިކުރުން ކަމަށް ވިދާޅުވުމުންނެވެ.
ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި "ޤާނޫނީ ޒިނޭ"ގެ ވާހަކަ ވިދާޅުވުމުން، ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިން ވަނީ އެކަމާ ސުވާލު ކުރައްވާފައެވެ.
‘އެއީ ޝަރުޢީ ޤަޒުފާއި ޤާނޫނީ ގަޒުފު؟ ޝަރުޢީ ވައްކަމާއި ޤާނޫނީ ވައްކަން؟ ޝަރުޢީ ރާބުއިމާއި ޤާނޫނީ ރާބުއިން؟ (އަންނަން އުޅެނީތޯ) “ އަލީ ހުސައިން ޓްވީޓް ކުރައްވާފައި ވެއެވެ.
އެގޮތުން ޕީޖީ ޝަމީމް މިއަދު ވެސް ވިދާޅުވީ ބަހަކީ ބަހެއް ނޫން ކަމަށާއި ބަހަކީ އެއަށްދޭ މާނަ ކަމަށެވެ. ބަހަށް ބަހޭ ކިޔުނީ ކީއްވެގެން ކަމުގެ ފަލްސަފީ ޝަރަޙައެއް ނުދެވޭނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
"ބަހަކީ ބަހެއް ނޫނެވެ. ބަހަކީ އެއަށްދޭ މާނައެވެ. ބަހަށް ބަހޭ ކިޔުނީ ކީއްވެގެން ކަމުގެ ފަލްސަފީ ޝަރަޙައެއް ނުދެވޭނެއެވެ. ދިވެހިން ދަތް އުނގުޅާ ބޭހަށް ކިޔަނީ ކޮލްގޭޓެވެ. ކިއުކަމްބާގެ މަސްހޫރު ނަމަކީ ކަމްބާއެވެ. މިކަހަލަ ބައިވަރު މިސާލެވެ. ބަހުގެ ޤައިދުން ނެއްޓެން ޖެހެއެވެ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން އެހެން ޓްވީޓެއްގައި ޝަމީމް ވިދާޅުވީ ޙަގީގީ މުޢާމަލާތަކީ ހަރަކާތުން ކުރާ ކަމެއް ކަމަށެވެ. އަދި ބަސް ބޭނުން ކުރަނީ ހަރަކާތުން ނުފުދޭ ހާލަތުގައި ކަމަށެވެ.
"ޙަޤީޤީ މުޢާމަލާތަކީ ޙަރަކާތުން ކުރާ ކަމެކެވެ. އެނަރޖީންނެވެ. ބަސް ބޭނުން ކުރަނީ ޙަރަކާތުން ނުފުދޭ ހާލަތުގައެވެ. އަލަށް ވިހާ ކުދިންނާ މަންމައާ ދެމެދު ވާހަކަދައްކާ ބަހެއް ނޯވެއެވެ. އެކަމު ބަރާބަރަށް މުޢާމަލާތު ކުރެއެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމެވެ. ވިސްނާ ފިކުރު ކުރާނަމައެވެ." ޕީޖީ ޝަމީމް ގެ ޓްވީޓުގައިވެއެވެ.