ޚަބަރު

ކޮވިޑް19: ޔޫކޭ ވޭރިއަންޓާ ގުޅިގެން ފިޔަވަޅު އަޅަން މަޝްވަރާ ކުރަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19ގެ އާ ވޭރިއަންޓާ ގުޅިގެން ރާއްޖޭގައި ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަޝްވަރާތައް ފަށައިފިއެވެ.

Ads by STELCO

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ޔޫކޭއިން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓާ ގުޅިގެން ރިސްކް އެސެސްމަންޓެއް ހަދައި އަޅަންވީ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކާ އެކު މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށެވެ.

އަދި މި މަޝްވަރާތައް ކުރިއަށްދާއިރު ވެސް، ގައި ދުރު ކުރުމާއި މާސްކް އެޅުމާއި ގިނައިން އަތް ދޮވުމަށް ސަމާލުވާން ޖެހޭ ކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ ކަންކަން އެކި ހާލަތްތަކުގައި އެކި ތަންތަނުގައި ކުރަންޖެހޭ ގޮތުގެ އުސޫލެއް ތައްޔާރު ކުރާނެ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން ކަމަށްވާ ރިސޯޓްތަކާއި ސަފާރީތަކާއި ގެސްޓް ހައުސްތަކާއި އެއާޕޯޓް އަދި ޓޫރިސްޓުންނަށް ހިދުމަތްދޭ އެހެނިހެން ތަންތަނުގެ ތެރެއިން ޑައިވިން ސެންޓަރުތަކާއި ސްވެނިއާ ޝޮޕްތަކަށް އިސްކަން ދެވޭނެކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ.

އަދި މިތަންތަނުގައި ހިދުމަތް ދިނުމުގައި އާންމުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެ ފިޔަވަޅުތައް އެތަންތަނުގައި ދަމަހައްޓާތޯ ބަލައި މޮނިޓާ ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއްގެ ކަމުގައި ނަޒްލާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!