ޚަބަރު

މެލޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

މެލޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

Ads by MWSC

މެލޭޝިއާއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑް-19 އަށް ފައްސިވި 1581 މީހުންނާއެކު މެލޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރާފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެގައުމުގައި ބަލިޖެހިގެން ދެ މީހަކު މަރުވެފައިވާއިރު މިހާތަނަށް 446 މީހުން މި ބަލީގައި މަރުވެފައި ވެއެވެ.

ބޭރުގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުން ވަނީ ކުރިން ނުފެންނަ ހަތަރު ކްލަސްޓާއެއް ވެސް ފެނިފައެވެ. ނިމިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް މެލޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 100،318 އަށް އަރާފައެވެ.

މެލޭޝިއާއިން ދަނީ އެގައުމުގެ އާބާދީގެ 82.8 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ގައުމަށް ވެކްސިންގެ ފުރަތަމަ ބެޗް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މެލޭޝިއާއިން ވަނީ ވެކްސިންގެ 12.8 މިލިޔަން ޑޯޒް ގަންނާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. މީގެ އިތުރުން ރަޝިޔާގެ ކޮވިޑް ވެކްސިންގެ 6.4 މިލިއަން ޑޯޒްގެ ވެކްސިން ގަތުމުގެ މަސައްކަތުގެ މަޝްވަރާތައް ވެސް އެގައުމުން ވަނީ ފަށާފައެވެ.

މެލޭޝިއާ އިން ބޭނުން ކުރަން ހަމަޖެހިފައިވަނީ ކޮވިޑް 19 އަށް ތައްޔާރުކުރި ފައިޒާ-ބަޔޮންޓެކް ވެކްސިންއެވެ. މިއީ އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިންއެކެވެ. ތަޖްރިބާކާރުން ވަނީ، ފައިޒާގެ ވެކްސިނަކީ ބައްޔާ ދެކޮޅަށް 95 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ލަފާކޮށްފައެވެ. ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިން އެންމެ ފުތަމަ ބޭނުންކުރަން ފެށީ އިނގިރޭސިވިލާތުގައެވެ. މި ވެކްސިން ބޭނުން ކުރަން ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާ، ބަހުރެއިން، ކެނެޑާ އަދި މެކްސިކޯ ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!