Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ކޮވިޑް19: ސްރީލަންކާގައި އޮތް ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވުމުން އާ ކޭސްތަކެއް ފެނިދާނެކަމުގެ ބިރު ބޮޑުވެއްޖެ

ސްރީލަންކާގެ ނުވަރައެލިޔާގައި ބޭއްވި ސިޔާސީ މީހެއްގެ ޖަނާޒާގައި، ގައިދުރުކަން ބެހެއްޓުމެއްނެތި ގިނަ ބަޔަކު ބައިވެރިވުމުގެ ސަބަބުން ލަންކާއިން ކޮވިޑް-19 ގެ އާ ކޭސްތަކެއް ޕޮޒިޓިވް ވެދާނެކަމުގެ ބިރުހީވެއްޖެއެވެ. މި ޖަނާޒާއަކީ އެގައުމުގެ ސައިފަތްހައްދާ މީހުންގެ ޔޫނިއަންގެ ލީޑަރު އަދި ސަރުކާރުގެ މިނިސްޓަރ އަރުމުގަމް ތޮންޑަމަންގެ ޖަނާޒާއެވެ.

މިދިޔަ އަންގާރަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ތޮންޑަމަންގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެދާނެތީ މިއަދަކީ ލަންކާގައި 24 ގަޑިއިރަށް ކާފިއު އިޢުލާން ކުރެވިފައިވާ ދުވަހެކެވެ. ނަމަވެސް މިކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގިނަ ބަޔަކު ބައިވެރި ވެފައި ވުމާއި ގުޅިގެން ޑޮކްޓަރުން ވަނީ، "މިގޮތަށް ބައިބޯ ޖަނާޒާތައް ބޭއްވުމުން މިހާ ދުވަހު ބަލި ކޮންޓްރޯލް ކުރަން ކުރި މަސައްކަތުގެ އެއްވެސް ބޭނުމެއް ނުފެނި، އަލުން ބަލި ފެތުރެން ފެށުމުގެ ފުރުސަތު ބޮޑު" ކަމަށް ބުނެ މިހެން މިކަން ނުކުރުމަށް އިންޒާރު ދީފައެވެ.

ތޮންޑަމަންގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ނުވަރައެލިޔާގައި އަންދާލާއިރު، ޖަނާޒާތަކުގައި ބައިވެރި ވެވޭނީ އާއިލާގެ ގާތް މީހުންގެ ތެރެއިން ވެސް މަދު ބަޔަކަށް ކަން އަންގާފައި ވަނިކޮށް މިހެން މިކަން ކުރުމުން ޑޮކްޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ހަމައެހެންމެ ފުލުހުން ވަނީ އާންމުން ކޮންޓްރޯލް ކުރުން ވީ އުނދަގޫ ކަމެއްކަމަށް ހާމަ ކޮށްފައެވެ. "ދެރަވެފައި ތިބި ތޮންޑަމަން އަށް ތާއީދު ކުރާ މީހުން ފުލުހުންގެ ބެރިކޭޑްތައް ފަޅާލުމަށްފަހު، އެ އިމާރާތަށް ވަދެ އެންމެ ފަހުގެ ސަލާމް އަދާކުރަން ބޭނުންވި" ކަމަށް ފުލުހުން ފާހަގަ ކުރިއެވެ.

Advertisement
Ooredoo — Truecaller (box)

ކޮލޮމްބޯގައި ހުންނަ ސިލޯން ވާރކާސް ކޮންގްރެސް ޕާޓީ ހިންގާ އިމާރާތް ކައިރިއަށް ވެސް ގިނަ ބަޔަކު އެއްވެ ޖަނާޒާގެ ކުރިއަށް ތޮންޑަމަންގެ ހަށިގަނޑު ދެކިލުމަށް އެދެމުން ދިޔައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް