ރޫހާނީ ލީޑަރެއް ކަމަކު ހުރިހާ އެއްޗެއް ނޭނގިދާނެ: ޑރ. އިޔާޒް

ދީނީ ކަންކަމުގައި ބަސް ބުނާނީ އެ ދާއިރާގެ ބޭފުޅުން ކަމަށާއި "ރޫހާނީ ލީޑަރެއް" ކަމަކު ހުރިހާ އެއްޗެއް ނޭނގިދާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.
"ސިޔާސީ ގޮތުން އަޑުގަދަ ކޮށްލާފައި އުޅޭ ބައެއް ބޭފުޅުންނަށް އިސްލާމްދީނުގެ ހުކުމްތައް ނޭނގޭ ހާލު ދީނީ ކަންކަމާ ގޮތް ކިޔާ ފަތުވާދީ ހެދުމުން ފިތުނަ އުފެދޭ" ކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެ ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ ކޮންމެ ކަމެއް ވެސް އެކަމެއްގެ އަހުުލުވެރިންނަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
"ސިޔާސީ ކަންކަމުގައި ބަސްބުނާނީ އެކަމުގެ ތަޖުރިބާ ބޭފުޅުން، ކުޅިވަރުގައި އެފަންނު ގެ ބޭފުޅުން. ދީނީ ކަންކަމުގައި އެދާއިރާގެ ބޭފުޅުން. ރޫހާނީ ލީޑަރެއް ކަމަކު ހުރިހާ އެއްޗެއް ނޭނގިދާނެ، ނުވެސް އެނގޭނެ" ޑރ. އިޔާޒް ވިދާޅުވެފައި ވެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުފައިވާއިރު، ނަޞާރާއިން ފާހަގަ ކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ، އެމްޑީޕީ ގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެބައިމީހުންނަށް ފޮނުވައިފައެވެ. މިކަމާ ގުޅިގެން ދީނީ ބައެއް ޢިލްމުވެރިންނާއި އަމިއްލަ ފަރާތްތަކުން ވެސް ވަނީ ރައީސް ނަޝީދަށް ނުރުހުން ފާޅު ކުރައްވާފައެެވެ.