ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ ފައި ބިންދާލައިފި

ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކަށް ހަމަލާދީ އެމީހާގެ ފައި ބިންދާލައިފިއެވެ.
ބިދޭސީ މީހާއަށް ހަމަލާދިނީ މިރޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެމީހާގެ ފައި ބިންދާލުމުގެ އިތުރުން، އޭނާގެ ފޯނާއި ވޮލެޓު ވެސް ވަނީ ފޭރިގެންފައެވެ.
އެމީހާއަށް އަނިޔާ ކޮށްފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މިހާރު މީސްމީޑިއާ ގައި އާއްމުވެފައިވާއިރު އެމީހާގެ އަންނައުނު ވެސް ވީދާލައި ބިންމައްޗަށް ވައްޓާލާފައި އޮތް މަންޒަރު ފޮޓޯތަކުން ފެނެއެވެ. އަދި އޭނާގެ އެއް ފައިގައި ލޭ ހުރިކަން ވެސް ފާހަގަ ވެއެވެ. އަދި އެމީހާ ކައިރީގައި ފުލުހުން ތިބި މަންޒަރު ވެސް ފެނެއެވެ.
މި މައްސަލައިގައި ފުލުހުން ބުނީ ބިދޭސީއަކަށް ހަމަލާދީ އޭނާގެ ފޯނާއި ވޮލެޓް ފޭރިގަނެފައިވާ މައްސަލައެއް މިރޭ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެމީހާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.