އިންޑިއާ ގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2 ލައްކައަށް، ޕީކަށް ދާނެ ކަމަށް ބެލެވެނީ ޖުލައި މަހު
އިންޑިއާ ގައި ކޮވިޑް19 ޖެހުނު މީހުން ގެ އަދަދު 2 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ. 2 ލައްކައަށް ވުރެ މައްޗަށް ކޭސްތަކުގެ އަދަދު އަރާފައިމިވަނީ ބުދަ ދުވަހު އެކަނި ވެސް އެ ގައުމުން 9 ހާހަށް ވުރެ ގިނަ މީހުނަށް ބަލި ޖެހިފައިވަނިކޮށެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެ ގައުމުގައި އެންމެ ގިނަ މީހުނަށް ބަލި ޖެހުނު ދުވަސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
އިންޑިއާ ގެ ކޭސްތައް މިހާ އިތުރުވެފައިމިވަނީ ދެ މަހަށް ފަހު އިގްތިސާދު އަލުން ހުޅުވާލުމަށްޓަކައި ލޮކްޑައުން އަށް ލުއި ތަކެއް ދިނުމުންނެވެ.
އިންޑިއާ ގެ ކަމާބެހޭ މާހިރު ބުނާ ގޮތުން ވައިރަސް އިންޑިއާ ގައި އެންމެ ބޮޑަށް ފެތުރެން ދިމާވި ސަބަބަކީ ލޮކްޑައުން ކުރުމާއި ގުޅިގެން އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުން އައި މީހުން އެމީހުުންގެ އަމިއްލަ ވަޒަނަށް އެނބުރި ދިއުމުގެ ސަބަބުންނެވެ.
ޖޫން 2 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އަދި އިންޑިއާ ގެ ޕީކް އާ ހަމައަށް ކޭސްތައް ގާތް ވެސް ނުކުރެއެވެ. ޕީކް އަށް ދާނީ ޖުލައި މަސް ކަމަށް ލަފާކުރެވޭ އިރު ޕީކް މިހާ ތަނަށް މަޑުޖައްސާފައިވަނީ އިންޑިއާ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެހެން ގައުމުތަކާއި އަޅާ ބަލާއިރު އިންޑިއާގެ ހާލަތު ރަނގަޅު ކަންވެސް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.