ދުނިޔެ

ކައިވެނީގެ ރަނުގެ ގޮތުގައި ސައިކަލެއް ނުލިބުމުން އިންޑިއާ މީހަކު ސޯޝަލް މީޑިއާގައި އަނބިމީހާގެ ޢިއްޒަތް ނަގާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގައި ނުވަތަ ހިންދޫންގެ ތެރޭގައި އޮންނަ ކައިވެނިކުރުމުގެ އާދަކާދައިގެ ދަށުން ކައިވެނީގެ ރަނަކީ އަންހެންމީހާގެ ފަރާތުން ފިރިހެން މީހާއަށް ދޭ އެއްޗެކެވެ. މިގޮތުން ރަނުގެ ގޮތުގައި މުދަލާއި ފައިސާގެ ބޮޑެތި ޢަދަދުތައް ހޯދުމުގެ މަޤްޞަދުގައިކުރާ ކައިވެނިތައް އެގައުމުގައި ވަރަށް ގިނައެވެ. ހިންދީ ބަހުންނަމަ ''ދަހޭޖް'' ގެ މައްސަލައަކީ އިންޑިއާގައި ބޮޑު މައްސަލައެކެވެ. އަނބިމީހާގެ ކިބައިން އަގުބޮޑެތި މުދަލާއި ފައިސާ ހޯދަން އުޅުމުގެ މައްސަލަތަކުގައި ކޮންމެ ދުވަހަކު އެތަކެއް ބަޔަކު އަމިއްލައަށް މަރުވެސް ވެއެވެ.

Ads by Sosun Fihaara

މިފަދަ މައްސަލަތަކުގައި އަންހެނުންނަށް ލިބޭ އަނިޔާއާއި އެހެނިހެން ގެއްލުންތަކުގެ ސަބަބުން އިންޑިއާގައި މިފަދަ ޢަމަލުތައް ހިންގުން ވަނީ މީގެ އެތައް އަހަރެއް ކުރިން މަނާކޮށްފައެވެ. އެގޮތުން 1961 ގައި ފާސްކުރި ޤާނޫނެއްގެ ދަށުން އެފަދަގޮތަކަށް މުދަލާއި ފައިސާ ހޯދުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅި ނަމަވެސް އިންޑިއާގައި މި އާދަކާދަ މިގޮތުގައި ހިނގަމުން އެބަދެއެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިފަދަ މައްސަލަތަކުގައި އިންޑިއާގައި ކޮންމެ ދުވަހަކު މަދުވެގެން 20 އަންހެނުން މަރާލައެވެ. ނުވަތަ އަމިއްލައަށް މަރުވެއެވެ.

ކައިވެނީގެ ރަނުގެ މިފަދަ މައްސަލައެއްގައި އިންޑިއާއިން މިވަނީ އަނެއްކާ ވެސް ލަދުވެތި ކަންތައް ތަކެއް ފެނިފައެވެ. އުއްތަރަ ޕުރަދޭޝްގެ ތުތިއާ ވިލެޖަށް ނިސްބަތްވާ ޕުނީތު ކިޔާ މީހަކު ކައިވެނީގެ ރަނުގެ ގޮތުގައި ޑިމާންޑްކުރި ސައިކަލެއް ނުލިބުމުން އޭނާ ވަނީ އަނބިމީހާއަށް އެތައް އަނިޔާއެއް ކޮށްފަވެ. އެންމެފަހުން ޕުނީތު ދޫކޮށް އަނބިމީހާގެ މައިންބަފައިން ގާތަށް އޭނާ ދިޔުމުން ޕުނީތު ވަނީ އަނބިމީހާގެ ފޮޓޯއާއި ފޯން ނަމްބަރު ސޯޝަލް މީޑިއަށް ދޫކޮށްލާފައެވެ. އަދި އޭނާ އެދިފައިވަނީ އަނބިމީހާއާއި ވާހަކަ ދެއްކުމަށާއި ޖިންސީ ގުޅުން ހިންގަން ބޭނުންނަމަ ފައިސާ ދިނުމަށެވެ.

ސޯޝަލް މީޑިއާގައި މިގޮތަށް އާންމުކުރުމުން އަނބިމީހާގެ ފޯނަށް މީހުން ގުޅަން ފެށުމުން އޭނާ ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. މިހާރު ޕުނީތު ހުރީ ފުލުހުންގެ ހައްޔަރުގައެވެ. ފުލުހުން ބުނީ އޭނާއަށް ހަރުކަށި އަދަބު ލިބިގެންދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!