މާފުށީ ޖަލުން ގައިދީން ފިލާފައެއް ނުވޭ: ފުލުހުން

ކ. މާފުށި ޖަލުން ދެ ގައިދީއަކު ފިލައިފި ކަމަށް ބުނެ ދައުރުވާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާ ގުޅިގެން ޕްރިޒަންސް އޮފިސަރުންނާއި ފުލުހުންނާ ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިޔަށް ގެންދާ ކަމަށާއި ނަމަވެސް މާފުށީ ޖަލުގައި ބަންދުގައި ތިބި އެއްވެސް މީހަކު މަދު ނޫން ކަމަށް ކަރެކްޝަންސް އިން ފުލުހުންނަށް މަޢުލޫމާތު ދޭ ކަމަށެވެ.
ކޮމިޝަންސް އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށާއި އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދޭ ކަމަށެވެ.
މާފުށީ ޖަލުން ބަޔަކު ފިލި ކަމަށާއި ޖަލު ތެރެއަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގަތް ކަމަށް ބުނެ މިރޭ ވަނީ ވާހަކަތަކެއް މީސް މީޑިއާގައި ފެތުރިފައެވެ.
ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާ ގުޅިގެން ޕްރިޒަންސް އޮފިސަރުންނާއި ފުލުހުން ގުޅިގެން، ސާރޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.
މީގެއިތުރުން އެޖަލުގައި ބަންދުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު މަދު ނޫން ކަމަށް ކަރެކްޝަންސްއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.