ފްލައިންގ ސްކޫލާއި ގުޅޭގޮތުން މިނިސްޓަރ ނަހުލާ ހެއްދެވީ އިތުރުފުޅެއް : ސްޓޭޓް މިނިސްޓަރ ޒުހައިރު
ޓްރާންސް މިނިސްޓަރު އައިޝަތު ނަހުލާ އިތުރުފުޅު ހައްދަވައިފި ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ތުހުމަތު ކުރައްވައިފިއެވެ.
ޒުހެއިރު ތުހުމަތު ކުރައްވާފައި ވަނީ އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގަމުންދާ ފްލައިން ސްކޫލްގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
ޒުހައިރު ސޮއި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ 5 ޖެނުއަރީ 2021 ވަނަ ދުވަހު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ސްޓޭޓް މިނިސްޓަރާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް އަސްލެއް ނެތް ވާހަކަތަކެއްކަން ރައްޔިތުންގެ މަޖިލީހުގެ އަދި އެ ކޮމެޓީގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.
ޒުހެއިރުގެ ސިޓީގައި ވިދާޅުވެފައި ވަނީ ސަރުކާރު އެހެން ވުޒާރާތަކުގައި ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާ ސިޔާސީ އެކި ފަރާތްތަކައި ޒިންމާ އަދި މަސްއޫލިއްޔަތު ހަވާލު ކުރައްވާނީ އޮފީސް އިންޓާނަލް މެމޯއިން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ކަމަށްވާއިރު، ވަޒީފާއާ ހަވާލުވީއްސުރެ މިއަދާ ހަމައަށް އައްޑޫ ފްލައިން ސްކޫލާ ގުޅޭ ގޮތުން އެއްވެސް މެމޯއެއް މިނިސްޓަރު ސޮއިކޮށް ނެރެފައި ނެތް ކަމަށެވެ. އަދި ވަޒީފާއާ ހަވާލުވި ފަހުން މިއަދާ ހަމައަށް މިނިސްޓަރުގެ ފަރާތުން އެއްވެސް ކަމަކާ ގުޅޭ ގޮތުން އެއްވެސް އީމޭއިލްއެއް، އަދި މައްސަލަތަކާ ގުޅޭ ގޮތުން ފޮނުވި އެއްވެސް އީމެއިލްއެއްގެ ޖަވާބު ވެސް ލިބިފައި ނެތްކަން ވެސް ޒުހެއިރު ފާހަގަ ކުރައްވާފައި ވެއެވެ.
އެކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވެފައި ވަނީ އޭއޭއޭ ފްލައިންގ ސްކޫލްގެ މައްސަލަ މިދިޔަ އަހަރު ފަހުކޮޅު އެކަމަނާގެ ސަމާލުކަމަށް އައި ކަމަށެވެ.
ނަމަވެސް ޒުހެއިރު ވިދާޅުވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު މިނިސްޓަރަށް އަދި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސެއިން ޖަލީލަށް ސީސީކޮށް، ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ގަނީ އަށް ވާނީ އީމެއިލްގެ ޒަރިއްޔާއިން އެމައްސަލަ އަންގާފައި ކަމަށާއި އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިންގް ސްކޫލާ ގުޅޭ ގޮތުން ހުރި މައްސަލަތައް ދެނެގަނެ ކުދިންގެ ޝަކުވާތައް އަޑުއަހާ، ދަރިވަރުންގެ ފަރާތުންނާއި ފްލައިން ސްކޫލުގެ ބަސް ހޯދާ ޑެޕިއުޓީ މިނިސްޓަރު ހަމަދުގެ ބެލުމުގެ ދަށުން ކޮމްޕްރިހެންސިވް ރިޕޯޓެއް ތައްޔާރު ކުރުމަށް ވެސް އެންގި ކަމަށެވެ.