ދުނިޔެ

ކޮވިޑް19: ނިޔާވި ބައްޕަގެ ގާތުގައި ހޭދަކޮށްލަން ލިބުނީ ތިން މިނެޓް، ''ހިތް ކުދިކުދި ކޮށްލައިފި"

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19ގެ މި ދަތި ޙާލުގައި އެންމެ ބޮޑު ތަކްލީފަކާއި ހިތްދަތިކަމެއް އުފުލަން ޖެހިފައިވާ އެއް ބަޔަކީ ބައިބޯ އިންޑިއާގެ ރައްޔިތުންނެވެ. އެގައުމުގެ އެތައް މިލިއަން ރައްޔިތުންނަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ސިޓީތަކުގައި މަސައްކަތް ކުރާ މީހުންނެވެ. ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑު ފިޔަވަޅަކަށްވި ފުރަބަންދުގެ ޙާލަތުވީ އެފަދަ މަސައްކަތްތެރިންގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިގެން ދިޔަ ކަމަކަށެވެ. މަސައްކަތް ގެއްލި ފައިސާ ފޮއްޗެއް ނުލިބި އެތައް ބަޔަކު މަގުމަތި ވެގެން ދިޔައެވެ.

Ads by WAMCO

މިގޮތަށް މަގުމަތި ވެގެން ދިޔަ އެތައް ބަޔަކު ވަނީ އެކި ގޮތް ގޮތުން އަމިއްލަ ވަޒަނަށް ގޮސްފައެވެ. އެތައް ބަޔަކު ވަނީ އެތައް މޭލެއް ހިނގާފައި އާއިލާ ގާތަށް ގޮސްފައެވެ. އަދި ޢާއިލާ ގާތަށް ދިޔުމުގެ ދަތުރު މަތީގައި އެތައް ބަޔަކު ވަނީ އެކްސިޑެންޓްވެ ނުވަތަ ހައިހޫނު ކަމުގައި މަރުވެފައެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން އިންޑިއާ ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ފާޑު ކިޔުންތަކާއި ރުޅިވެރިކަމެއް އަމާޒުވެފައެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތްތެރީން އަމިއްލަ ވަޒަނަށް ދިޔުމަށް އިންޑިއާ ސަރުކާރުން ވަނީ ޚާއްޞަ ރޭލް ދަތުރުތަކެއް ފަށާފައެވެ. ނަމަވެސް ހިތާމައަކީ މިފަދަ ދަތުރުތަކުގައި ވެސް ހިތްދަތި އެތައް ހާދިސާއެއް ހިނގުމެވެ.

މިފަދަ އެއް ހާދިސާއަކީ މިދިޔަ މަހުގެ ފަހުކޮޅުގައި ތުއްތު ދަރިފުޅާއެކު ދަތުރުކުރަމުން ދިޔަ މަންމައަކު ދަތުރުމަތީގައި ބަނޑަށް ޖެހި މަރުވުމެވެ.

މިއީ ވެސް ހިތްދަތި ހިތާމަވެރި މިފަދަ ޙާދިސާއެކެވެ. މަސައްކަތް ގެއްލުމުގެ ސަބަބުން ޗެންނާއީގައި މަސައްކަތް ކުރާ 22 އަހަރުގެ އަންޖަލީ ދިޔައީ އަމިއްލަ ވަޒަނަށް މަނިޕޫރަށެވެ. ނަމަވެސް އަންޖަލީއާއެކު ދަތުރުކުރި މީހަކު ކޮވިޑަށް ޕޮސިޓިވް ވުމުން އަންޖަލީއަށް ޖެހުނީ ކަރަންޓީނަށް ދާށެވެ. އޭނާ ކަރަންޓީނުގައި ހުއްޓާ ، ދުވަސްވީ ބަލީގައި އަންޖަލީގެ ބައްޕަ މަރުވީ އޭނާއާއި ބައްދަލުވެސް ނުވެއެވެ.

އަންޖަލީއަށް ބައްޕައާއި ބައްދަލުކޮށްލަން ލިބުނީ އެންމެ ތިން މިނެޓެވެ. ރައްކާތެރިކަމުގެ ކިޓްއަޅައިގެން އަންޖަލީ ދިޔައިރު ބައްޕަގެ ހަށިގަނޑުވަނީ ސައްދޯކަށްލާ ބޭރަށް ނެރެފައެވެ. އަދި އަންޖަލީއަށް ލިބުނު ތިން މިނެޓް ހަމަވުމުން ޑޮކްޓަރުން ވަނީ އޭނާ އެތަނުން ގެންގޮސްފައެވެ.

މި ޙާދިސާއާއި ގުޅިގެން ޓްވިޓާގައި ޝުޢޫރު ފާޅު ކުރި އެކަކު ބުނެފައިވަނީ ''ހިތް ކުދިކުދި ކޮށްލައިފި'' ކަމަށެވެ. އަދި ބައްޕަގެ ގައިގައި ބީހިލަން ފުރުސަތު ނުލިބުނު ، ލިބޭނެ ހިތްދަތިކަން އިހްސާސްކޮށްލަން ވެސް ނޭނގޭނެ ، ކޮވިޑްގެ ސަބަބުން އިންސާނުންގެ ބަލިކަށިކަން އެތައް ގޮތަކުން އެނގިގެން ހިނގައްޖެ'' ކަމަށް އެހެން މީހަކު ލިޔެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!