ޚަބަރު

އެމްޕީއެލްގެ ކެފޭ އައުޓްސޯސްކޮށް ބިދޭސީ ވެއިޓަރުން ތިބޭތީ ކުރީގެ ސީއީއޯ ކަންބޮޑުވުން ފާޅުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކެފޭ ކުންފުނިން ބޭރުން ބަޔަކާ ހަވާލުކޮށް (އައުޓްސޯސްކޮށް) އެތަނުގައި މިހާރު ބިދޭސީ ވެއިޓަރުން ތިބޭތީ، އެމްޕީއެލް ގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނެއިދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖުނެއިދު ފޭސްބުކްގައި މިރޭ ޖެހި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނޯތު ހާބަރުގައި ގާއިމް ކޮށްފައިވާ އެކެފޭއަށް މިރޭ ވަޑައިގެންނެވީ ވަރަށް ގިނަ ދުވަހަށްފަހު ކަމަށާއި، އަދި އެ ކެފޭ އެންމެ ފުރަތަމަ ހުޅުވީ އެމަނިކުފާނު އެމްޕީއެލްގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނަވަނިކޮށް ކަމަށެވެ.

"އެމްޕީއެލް ގެ ސީއީއޯ ކަމުގެ މަގާމުގައި ހުރެ އަޅުގަނޑު މިކެފޭ ހެދީ އެމްޕީއެލް ގެ މުވައްޒަފުންނަށް ފައިދާ ވާނެ ގޮތަށް. އަޅުގަނޑު މިތަން ހިންގީ ހުސް ދިވެހީންނާއެކު. ނަމަވެސް މިއަދު މިކެފޭ ބިދޭސީން ހިންގާ މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް. އަދި މިކެފޭ އައުޓްސޯސްކޮށް، މިތަނުުން ލިބޭ ފައިދާ އެމްޕީއެލުން ބޭރަށް ދިޔުމަކީ ވެސް ވަރަށް ދެރަކަމެއް" ޖުނެއިދު ވިދާޅުވިއެވެ.

މީގެއިތުރުން ޖުނެއިދު ވިދާޅުވީ ވަޒީފާ ނުލިބި އެތައް ބަޔަކު އަޅުގަނޑުމެންގެ މިޤައުމުގައި މިހާރު އުޅެމުންދާއިރު، މިފަދަ ކިތަންމެ ކޭސްއެއް އެބައުޅޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ޒިންމާ ނަގާނެ ފަރާތެއްވޭތޯ ވެސް ޖުނެއިދު ވަނީ ސުވާލު ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!