ދެން ފުރަމަލަ

އަރީޝާ: ކާމިޔާބީގެ ސިއްރަކީ މަންމަގެ ހެޔޮދުޢާއާއި އަމިއްލައަށް ކުރި ހިތްވަރު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގައި އަޅުގަނޑުމެން ހީނުކުރާފަދަ އެތައް ކަމެއް ދިމާވެދާނެއެވެ. އަޅުގަނޑުމެން ކުރިއަރަން ބޭނުންވާ ދާއިރާ ނޫން އެހެން ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ވެސް ފަހި ވެދާނެއެވެ. އަދި އެ ދާއިރާ އަކީ އަޅުގަނޑުމެންނަށް މާ ކާމިޔާބު އަދި މާ ރަނގަޅު ދާއިރާ އަކަށް ވެދާނެއެވެ. ދިރިއުޅުމުގެ ހަގީގަތަކީ ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފައިގެން ކުރިޔަށް ދާން އެނގުމެވެ. ރާއްޖޭގެ އެންމެ މޮޅު އެއް އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔާ އަރީޝާގެ ވާހަކަ އަކީ ވެސް މިކަހަލަ ވާހަކައެކެވެ.

Ads by STELCO

އެންމެ ފުރަތަމަ ކުޅެ އުޅުނީ ފުޓުބޯޅަ

ހއ ބާރަށަށް އުފަން އާމިނަތު އަރީޝާ ދެން އެމްވީއަށް އޭނާގެ ވާހަކަ ހިއްސާކުރިއެވެ. އޭނާގެ ހުވަފެންތަކާއި މިހާރުގެ ހާލަތާއި ކާމިޔާބީގެ ދަތުރުގެ ވާހަކަ ކިޔާދިނެވެ. ވަރަށްވެސް ތަފާތެވެ.

އޭނާ ބުނީ، އެންމެ ކުޑައިރު ކުޅެއުޅުނީ ފުޓުބޯޅަ ކަމަށެވެ. އަދި އޭރު އޭނާގެ ރަހުމަތްތެރިންގެ ގޮތުގައި ވެސް ގިނަވާނީ ފިރިހެން ކުދިން ކަމަށާއި އާއިލާގެ ދެބެންގެ ދެދަރި ކުދިންނަކީ ވެސް ފިރިހެން ކުދިން ކަމަށެވެ. އެހެން ކަމުން އެންމެ ކުޑައިރު ގޭ ކައިރީގައި އޮންނަ ބޯ ފަސްގަނޑެއްގައި ފުޓުބޯޅަ ކުޅެ އެޅުމަކީ ކުރާހިތުން ކުރިކަމެއްކަމަށެވެ.

އެހެން އުޅުމުގެ ތެރޭގައި ވޮލީ ވެސް ކުޅޭ ކަމަށާއި ރައްޓެހިންނާ އެކު އަމިއްލައަށް ވޮލީ ކޯޓެއް ރަށުގައި އެޅި ކަމަށް ވެސް ބުންޏެވެ. އަދި ހަމަ އެހެންމެ އަމިއްލައަށް ވޮލީ ނެޓުވެސް ހެދި ކަމަށް އަރީޝާ ބުންޏެވެ. ނަމަވެސް ސިކުނޑިތެރޭގައި މުޅިންވެސްް އޭރު އެބުރުނީ ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުންކަމަށް އަރީޝާ ބުންޏެވެ.

ވޮލީ ކުޅުމަށް ހިތް ޖެހުނީ މާލެ ބަދަލުވެ، ސުކޫލުން ކުޅެން ފުރުސަތު ލިބުމުން

އުމުރުން 14 އަހަރުގައި އަރީޝާ އޭނާގެ އުފަން ރަށް ދޫކޮށް މާލެއަށް ބަދަލު ވީ ވެސް ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމުގެ ފޮނި އުއްމީދު ތަކާ އެކުގައެވެ. ފަހަރުގައި ވެސް ވޮލީގެ ދާއިރާއިން އޭނާގެ ނަން ވިދާލާނެ ކަމަކަށް ނޫނެވެ. ނަމަވެސް ކަންތައް ވީ ހީކުރި ގޮތަކަށް ނޫނެވެ.

ގަލޮޅު މަދަރުސާގައި ތައުލީމު ހާސިލު ކުރަން ފެއްޓި އަރީޝާގެ ވޮލީގެ ފެށުމަކީ 2012 ވަނަ އަހަރުގެ ސޯޅަ އަހަރުން ދަށުގެ އިންޓަރ ސުކޫލު މުބާރާތެވެ. އެ މުބާރާތަކީ އަރީޝާގެ ހަޔާތުގައި ވެސް ވޮލީ މުބާރާތަކާ ކުރިމަތިލި ފުރަތަމަ ފަހަރެވެ. ﷲގެ އިރާދަފުޅާއެކު އެ މުބާރާތް ވީ ވަރަށް ވެސް ކާމިޔާބު މުބާރާތަކަށެވެ. އެގޮތުން ގަލޮޅު މަދަރުސާ އަކީ އެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

ގަލޮޅު މަދަރުސާއަށް އެ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރި އެކަކީ އަރީޝާ އެވެ. އެގޮތުން މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ވެސް އަރީޝާ ހިމެނުނެވެ. އަރީޝާ ބުނީ އެއީ އުއްމީދުކޮށްގެން ހުރި ގޮތް ނޫން ކަމަށާއި ވޮލީ ބޯޅައިން އަރީޝާގެ ނަން ވިދާލުމުން ވަރަށް ގިނަ ބަޔަކު ހައިރާން ވެސް ވިކަމަށެވެ.

ވޮލީގެ ދާއިރާއިން ކުރިޔަށްގޮސް ދެވެން އޮތް އެންމެ އުހަށް ދާން އަޒުމު ކަނޑައެޅީ އެ ހިސާބުންކަމަށްވެސް އަރީޝާ ކިޔާދިނެވެ.

އުމުރުން އެންމެ 15 އަހަރުގައި ސީނިއަރ ގައުމީ ޓީމަށް

2012 ވަނަ އަހަރުގެ މުބާރާތަށް ފަހުވެސް އަރީޝާގެ ވިދުމަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. ޖެހިގެން އައި 2013 ވަނަ އަހަރުގެ ސޯޅަ އަހަރުން ދަށުގެ މުބާރާތުގައި ގަލޮޅު މަދަރުސާއިން ޗެމްޕިއަންކަން ހޯދި އިރު އަރީޝާ އަކީ އެ ޓީމުގައި އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އެގޮތުން އެ އަހަރުވެސް މޮޅު ކުޅުމެއް ދައްކައި އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި އަރީޝާ ހިމެނުނެވެ.

ނަތީޖާ އަކަށް ވީއަރީޝާގެ މޮޅު ކުޅުމަށް ކޯޗުންގެ ލޯތައް ހުއްޓުމެވެ. އަރީޝާގެ މޮޅު ކުޅުން ފެނި އެތައް ކޯޗުންނެއް އާޝޯހު ވުމެވެ. އެ އަހަރުގެ އިންޓަރ ސުކޫލު މުބާރާތަށް ފަހު އުމުރުން އެންމެ 15 އަހަރުގައި ރާއްޖޭގެ ގައުމީ ސީނިއަރ އަންހެން ވޮލީ ޓީމަށް އެރުމުގެ ފުރުސަތު އަރީޝާއަށް ލިބުނެވެ. އެ ފުރުސަތަކީ އޭރުގެ ވޮލީ ބޯލަ އެސޯސިއޭޝަންގެ ރައީސްގެ ފަރާތުން އަރީޝާއަށް ލިބިގެން ދިޔަ ފުރުސަތެކެވެ.

މިިހާތަނަށް އައި އިރު ލިބުނު އެންމެ ބޮޑު ކާމިޔާބީ

އަރީޝާ މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަކީ ގުނާ އަދަދުވެސް ނުކުރެވޭހާ ގިނަ ކާމިޔާބީ ތަކެކެވެ. އެ ވާހަކަ ދައްކަން ވެއްޖެ ނަމަ ވާނީ ހަމަ ދައްކާހާއެވެ. މިހާތަނަށް އަރީޝާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ކޮބާތޯ އަޅުގަނޑު އަރީޝާ އާ ސުވާލު ކޮށްލީމެވެ.އަރީޝާ ބުނީ، 2014 ވަނަ އަހަރުގެ ހަވީރު ސްޕޯރޓްސް އެވޯރޑްސްއިން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ ވަރަށް ބޮޑަށް އުފާވި ކަމެއް ކަމަށެވެ. އަދި ހަމަ އެހެންމެ އެ އަހަރުގެ މުޅި ރާއްޖެއިން 3 ވަނަ އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އަރީޝާ އަށެވެ. އޭރު އަރީޝާގެ އުމުރަކީ އެންމެ ސޯޅަ އަހަރެވެ.

އަދި 2018 ވަނަ އަހަރުގެ މިހާރު ސްޕޯރޓްސް އެވޯރޑްސް އިން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އަރީޝާ އަށެވެ. އަދި އެ އަހަރުގައި ވެސް ރާއްޖޭގެ އެންމެ މޮޅު އަންހެން 3 ވަނަ ކުޅުންތެރިޔާގެ މަގާމު ލިބުނީ އަރީޝާ އަށެވެ. މި 2 ކާމިޔާބީ އަރީޝާ ފާހަގަ ކުރަނީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައެވެ.

އަދި ހަމަ އެހެންމެ ފާއިތުވެދިޔަ 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު އަރީޝާއަށް ލިބުނެވެ. އަދި އެ އަހަރު ރާއްޖޭގެ ޓީމުން ރިހި މެޑަލް ހޯދި އިރު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ އަރީޝާ އެވެ. އަދި އެ އަހަރުގެ މުބާރާތުގައި ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގައި ޕްލެޔަރ އޮފް ދަ މެޗްވެސް އަރީޝާ އަށް ލިބުނެވެ.

މި ކާމިޔާބީ ތަކަކީ އަރީޝާ އޭނާގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ތަކުގެ ގޮތުގައި ފާހަގަ ކުރާ ކާމިޔާބީ ތަކެވެ.

ކެރިއަރުގައި މާޔޫސްވާ ކަންކަމާވެސް ކުރިމަތިވި

ވޮލީބޯޅަ ކެރިއަރުގައި މިހާތަނަށް އެންމެ މާޔޫސްވެ ދެރަވާން ޖެހުނު ކަމަކީ ކޮބާތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އަރީޝާ ބުނީ، 2017 ވަނަ އަހަރުގެ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އޮތީ ރާއްޖޭގައި ކަމަށެވެ. އަދި އެ މުބާރާތަކީ އަމިއްލަ ގައުމުގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތް ކަމުން އެ މުބާރާތަށް ހުރިހާ ކުޅުންތެރިން ވެސް ތައްޔާރުވަމުން ދިޔައީ ނުހަނު ޖޯޝާ ހިތްވަރާ އެކުގައި ކަމަށެވެ.

އެގޮތުން އަރީޝާވެސް ހުރީ އަމިއްލަ ގައުމުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ގައުމީ ޖާރޒީގައި ކުޅެލުމަށް ނުހަނު ކެތް މަދުވެފައެވެ. އަދި ހަމަ އެހެންމެ ލޯބިވާ މަންމަގެ ކުރިމަތީގައި ގައުމީ ޖާރޒީގައި ކުޅެލުމަށް ފުރުސަތު ލިބޭތީ އެކަމާވެސް ނުހަނު އުފާވެފައެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ އަރީޝާ އެންމެ އުއްމީދު ކުރި ގޮތަކަށް ނޫނެވެ.

މުބާރާތުގެ ފުރަތަމަ 2 މެޗުގައި، މެޗު ނިމެންދެން ވެސް އަރީޝާ އިންނަން ޖެހުނީ ބެންޗުގައެވެ. ކުޅެން އަރުވާތޯ ދުޢާ ކޮށްލަ ކޮށްލާ އަރީޝާ އިނީ އަރުވައިފި ނަމަ މޮޅު ކުޅުމެއް ދެއްކޭނެ ކަމުގެ ފުރިހަމަ އިތުބާރާ އެކުގައެވެ. ތިން ވަނަ މެޗުގައި ދިވެހި ޓީމު ބައްދަލު ކުރީ ވާދަވެރި ނޭޕާލާ ދެކޮޅަށެވެ. އެ މެޗުގެ ވަކި ހިސާބަކުން އަރީޝާ ކުޅުމުގެ ތެރެއަށް އެރުވި ނަމަވެސް، ރަނގަޅަށް ކުޅެނުގަނެވެނީސް އަނެއްކާވެސް ބަދަލު ކުރީ ކަމުގައި އަރީޝާ ބުންޏެވެ.

އަމިއްލަ ގައުމުގައި ކުޅުނު އެމުބާރާތް ދިވެހި ޓީމަށް ވެގެން ދިޔައީ އެހާ ކާމިޔާބު މުބާރާތަކަށް ނޫނެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ވެސް މާ ރަނގަޅު ކުޅުމެއް ނުދެއްކުނުއެވެ. ނަމަވެސް އެ މުބާރާތުގައި ބައިވެރިވީ ޖުމުލަ 3 ޓީމު ކަމުން 3 ވަނަ ލިބުނު ކަމުގައި އަރީޝާ ބުންޏެވެ.

އަދި އަރީޝާ ބުނީ، އެގޮތަށް އެކަންތައް ދިމާވި ކަމުގައި ވިޔަސް ދުވަހަކުވެސް ހިތްވަރު އެލުވާ ނުލާ ކަމަށެވެ. އަދި ކޯޗަށް އޭނާ އަކީ ފުރަތަމަ 6 ގައި ހިމެނެންޖެހޭ ވަރުގެ ކުޅުންތެރިއެއްކަމަށް ސާބިތުކޮށްދިނުމަށް އެދުވަހު އަޒުމް ކަނޑައެޅި ކަމަށާއި އަދި އެކަން ﷲގެ އިރާދަފުޅުން މިއަދު ކާމިޔާބުވެސް ވެފައި ވާ ކަމަށެވެ.

ކާމިޔާބީއަށް ވާސިލުވުމުގައި ކޮންމެ މީހަކަށް ވެސް މިކަހަލަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަން ފާހަގަ ކުރަމުން އަރީޝާ ބުނީ، އެ ކަންކަމަކީ ކުރިއަށް ދިއުމަށް ލިބޭ އިތުރު ހިތްވަރެއް ކަމުގައި ބަލައިގެން ކުރިއަށް ދިއުމުން އިރާދަކުރެވިއްޔާ ކާމިޔާބީގެ އައްސޭރިއަށް ވާސިލު ވާނެ ކަމަށެވެ.

އަރީޝާ އަކީ ގައުމީ ބީޗް ވޮލީ ޓީމުގެ ވެސް ކުޅުންތެރިއެއް

އަރީޝާ އަކީ ގައުމީ ބީޗް ވޮލީ ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އެގޮތުން ބީޗް ވޮލީގައި ވެސް އަރީޝާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. މިކަމުން ސާބިތު ކޮށްދެނީ އަރީޝާއަކީ ދިވެހި ވޮލީ ބޯޅައިގައި ވިދުންގަދަ ތަރިއެއް ކަމެވެ.

އެގޮތުން 2015 ވަނަ އަހަރުގެ ގައުމީ ބީޗް ވޮލީ މުބާރާތުގައި އަރީޝާ ވަނީ ކުޅެފައެވެ. އަދި އެ އަހަރުގެ މުބާރާތުގައި ޗެމްޕިއަން ކަންވެސް ވަނީ ހޯދާފައެވެ. ހަމަ އެއަހަރު މާލޭގައި ބައިނަލްއަޤްވާމީ ބީޗް ވޮލީ މުބާރާތެއް އޮތް ކަމަށް އަރީޝާ ބުންޏެވެ. އެ މުބާރާތުގައި ވެސް ރިހި މެޑަލް އަރީޝާ ވަނީ ހޯދާފައެވެ.

އަދި މި ނޫނަސް ބީޗް ވޮލީއިން ވެސް އަރީޝާ ވަނީ އެތަކެއް ކާމިޔާބީއެއް ހޯދާފައެވެ.

މިހާ ހިސާބަށް އާދެވުނީ މަންމަ ގެ ހިތްވަރުގެ ސަބަބުން

އަބަދުވެސް އަރީޝާ ކުޅޭ ހުރިހާ މެޗެއް ބެލުމަށް ވެސް އަރީޝާގެ މަންމަ އަންނަ ކަމަށް އަރީޝާ ބުންޏެވެ، އެގޮތުން އަރީޝާ ފާހަގަ ކުރި އެއް ކަމަކީ އެންމެ ފުރަތަމަ އަރީޝާ ކުލަބު މުބާރާތެއް ކުޅުނު އިރު މުޅި އިންޑޯރ ހޯލުގައި ވެސް އަރީޝާ މެންގެ ސަޕޯޓަރަކަށް ހުރީ މަންމަ ކަމުގައެވެ. ނަމަވެސް އެކަނިމާއެކަނި ވިޔަސް ލޯބިވާ ދަރިފުޅަށް ހިތްވަރު ދިނުމުގައި އެމަންމަ ފަހެއް ނުޖެހެއެވެ. މުޅި އިންޑޯރ ހޯލްގައި އެ މެޗުގައި އަރީޝާގެ މަންމަ އަދި އިތުރު 2 މީހަކު އެ މެޗުގައި އަރީޝާމެންގެ ޓީމަށް ސަޕޯޓު ކުރުމުގައި ދެމިތިބެ މެޗު ނިމިގެން ދިޔައީ އަރީޝާމެންގެ ޓީމު މޮޅު ވެގެންނެވެ.

މާލޭގައި އުޅުނު އިރު އަބަދުވެސް ކޮންމެ މެޗެއްވެސް ފެށުމުގެ 15 މިނެޓް ކުރިން މަންމަ އައިސް ހުންނާނެ ކަމަށް އަރީޝާ ބުންޏެވެ. އެގޮތުން އެއް ދުވަހަކު މަންމަ ވަރަށް ބޮޑަށް ބަލިވެ އުޅުނު ދުވަހެއް ކަމަށާއި މެޗަކީ ވަރާށް ފަސޭހަ މެޗެއް ކަމުން ކޮންމެހެން މެޗުބަލަން ނައުމަށް ވެސް މަންމަ ގާތުގައި އޭނާ ބުނި ކަމަށެވެ. ނަމަވެސް އެ ދުވަހުވެސް ފެނުނީ މެޗު ފެށުމުގެ 15 މިނެޓު ކުރިން މެޗު ބެލުމަށް ޓަކައި މަންމަ އައިސް ހުރި ތަން ކަމަށް އަރީޝާ ބުންޏެވެ.

އަރީޝާ ބުނީ މަންމަ ރަށަށް ބަދަލުވުމަށް ފަހުގައި ވެސް އަރީޝާގެ މެޗުތަކަށް ނުބުނެ ސަޕްރައިޒް ދިނުމަށް އަންނާނެ ކަމަށެވެ. އެއް މެޗެއްގައި އަރީޝާ ގާތުގައި އަންނަ ވާހަކަ ނުބުނެ މަންމަ މެޗު ބަލަން އައި ކަމަށާއި، މަންމަގެ ތަރުހީބުގެ އަޑު އިވުމުން ދިޔައީ ސިއްސައިގެން ކަމަށާއި އެ ކުރެވުނު އިހުސާސް ބަޔާން ކުރަންވެސް ދަތި ކަމަށެވެ. އަބަދުވެސް ގޮވާލާ ގޮތަށް "7 ނަންބަރު ދަރިފުޅާ ސާބަހޭ" ކިޔާ ގޮވާލާ އަޑު އިވުމުން ކުޅުމަށް ވެސް އިތުރު ހިތްވަރެއް ލިބޭ ކަމަށް އަރީޝާ ބުންޏެވެ.

އަދި ބަލިވަމުން ދާ މެޗުތަކުގައި ވެސް މަންމަ އަބަދުވެސް ހިތްވަރު ދޫނުކޮށްލާ ކުޅުމަށް ހިތްވަރު ދޭ ކަމަށާއި، މަންމަގެ އެ ހިތްވަރުގެ އަޑު އިވުމުން ފާޑެއްގެ "ކިކެއް" އަންނަ ކަމަށާއި، ވަރަށް ގިނަ މެޗުން ފަހަތުން އަރައި މޮޅުވެސް ވާ ކަމަށެވެ. އަދި ބަލިވިޔަސް މޮޅު ވިޔަސް އަބަދުވެސް އަރީޝާ އާއި ޓީމަށް ސަޕޯޓުކުރުމުގައި މަންމަ ދެމިހުންނަ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އަރީޝާ އިތުރަށް ފާހަގަ ކުރީ، މާލޭގައި ބޮޑު ކުލި ދީގެން އުޅުން ވީ ވަރަށް ދަތިވި ކަމަކަށް ކަމަށާއި އަދި މަންމަ ވަރަށް ބުރަކޮށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މަންމަ ގޭގެއަށް ގޮސް ކައްކައިދީ ވެސް ހަދާ ކަމަށާއި، މަންމަ ދުވަހު އެ ބުރަ މަސައްކަތް ނުކުރި ނަމަ މިއަދު ވޮލީ ކޯޓުގައި ގައުމީ ޖާރޒީ ލައިގެން އަރީޝާ ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން އަރީޝާގެ ކާމިޔާބީގެ އަސްލަކީ އޭނާގެ މަންމަ ކަމުގައި އޭނާ ފާހަގަ ކުރެއެވެ.

"މަންމަ އަބަދުވެސް އަރީޝާ އާ މެދު ފަޚުރުވެރިވަން"

ދެން އެމްވީ އާ ވާހަކަ ދައްކަމުން އަރީޝާގެ މަންމަ ބުނީ، އަރީޝާ ވޮލީއިން މިހާވަރަށް ކުރި އަރާނެ ކަމަން އޭނާ ކުރިން އުއްމީދުވެސް ނުކުރާ ކަމަށެވެ. ސަބަބަކަށް ވަނީ ކުރިން ވެސް ދެންނެވި ފަދައިން އަރީޝާ ކުޅެ އުޅުނު ކުޅިވަރަކީ ފުޓުބޯޅަ ކަމަށް ވާތީ އެވެ. ނަމަވެސް އަރީޝާ މާލެ ބަދަލު ވުމަށް ފަހު ވެގެން ދިޔައީ ވޮލީގެ ދާއިރާއިން ވަރަށް ކާމިޔާބު ކުޅުންތެރިއެއް ކަމުގައި ކަމަށް އަރީޝާގެ މަންމަ ބުންޏެވެ. އަދި އެކަމާ ނުހަނު އުފާ ކުރާ ކަމުގައި ވެސް ބުންޏެވެ.

އަރީޝާގެ މަންމަ ބުނީ އަބަދުވެސް އަރީޝާގެ މެޗުތައް ބަލަން ދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި ތަނަކަށް ވަޒީފާ އަކަށް ދިޔަ ކަމުގައި ވިޔަސް އަބަދުވެސް ދަރިފުޅުގެ މެޗު އޮންނަ ވަގުތަށް ހުސް ކޮށްލަދިނުމަށް އެދޭ ކަމަށް އޭނާ ބުންޏެވެ. އަދި މާލޭގައި ހުރެ އަރީޝާގެ މެޗެއް ބަލަން ނުގޮސް ދުވަހަކުވެސް ނުހުންނަން ކަމަށާއި، އަބަދުވެސް އޭނާގެ ހެޔޮ ދުއާވެސް އަރީޝާ އާ އެކު ވާނެ ކަމަށް އަރީޝާގެ މަންމަ ބުންޏެވެ.

މާލެ ބަދަލު ވުމަށް ފަހުގައި ވެސް އަރީޝާ ގޮވައިގެން ވޮލީގެ ހުރިހާ ފަރިތަކުރުން ތަކަށާއި މެޗުތަކަށްވެސް ގޮވައިގެން ދަނީ އޭނާ ކަމުގައި ފާހަގަ ކުރަމުން އަރީޝާގެ މަންމަ ބުނީ، އޭނާ ހުރި ހިނދެއްގައި އޭނާގެ ދަރިފުޅު އެކަނި ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެކަނި މާއެކަނި ވިޔަސް ދަރިފުޅަށް ހިތްވަރުދިނުމުގައި ދެމި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އަރީޝާ އާ މެދު ކުރާ އުއްމީދަކީ ކޮބާތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އަރީޝާގެ މަންމަ ބުނީ، ރާއްޖޭގެ އަންހެން އެއް ވަނަ ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމު އަރީޝާ އަށް ލިބުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ. އަދި ހަމަ އެހެންމެ ގައުމަށް ތައްޓެއް ހޯދައިދީ އެ ތަށި ހިފައިގެން އޭނާގެ އުފަން ރަށް ކަމުގައި ވާ ހއ.ބާރަށަށް އަންނަ ދުވަހަކީ ވެސް އޭނާ ދެކެން ބޭނުންވާ ދުވަހެއް ކަމަށް ބުންޏެވެ.

އަރީޝާ އާ މެދު އަބަދުވެސް ފަހުރުވެރިވާ ކަމަށާއި އަރީޝާ އަކީ މަންމަގެ ބަސް އަހާ ބަސްގަބޫލު ކުރާ ކުއްޖެއްގެ ގޮތުގައި އަރީޝާގެ މަންމަ އަރީޝާ ސިފަ ކުރިއެވެ.

އަރީޝާގެ ކޯޗުން އަރީޝާ އާ މެދު ދެކޭގޮތް

އަރީޝާ އާ އެކު ގައުމީ ޓީމުގައި ވަރަށް ގިނައިން މަސައްކަތް ކޮށްފައިވާ ކޯޗެއް ކަމުގައި ވާ އަދީލް ބުނީ، އަރީޝާ ފާހަގަ ކުރެވެނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރު ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ހަމަ އެއާ އެކު އަރީޝާ އަކީ އެހާ ދިގު ކުޅުންތެރިއެއް ނޫންނަމަ ވެސް އަރީޝާ އަކީ ވަރަށް މައްޗަށް ފުއްމާ ކުޅުންތެރިއެއް ކަމަށާއި، އަރީޝާގެ މޮޅު ކުޅުމުގައި ފާހަގަ ކުރެވޭ އެއް ކަމަކީ އެއީ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އަދި އަރީޝާ އަކީ މިހާރުވެސް ރާއްޖޭގެ ގައުމީ ޓީމުގައި މުހިއްމު ކުޅުންތެރިއެއް ކަމަށާއި ފާއިތުވެދިޔަ 2019 ވަނަ އަހަރު ޓީމުން ރިހި މެޑަލް ހޯދުމުގައި ވެސް އަރީޝާގެ ދައުރު ބޮޑު ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އުއްމީދަކީ އަރީޝާގެ މޮޅު ކުޅުމާއެކު ދިވެހި ޓީމަށް އިތުރު ކާމިޔާބީތަކެއް ހޯދައިދިނުން ކަމަށް އޭނާ ބުންޏެވެ.

އަރީޝާއާ އެކު އެންމެ ގިނައިން މަސައްކަތް ކޮށްފައިވާ އެއް ކޯޗު ކަމުގައިވާ ފައިސަލް ބުނީ، އަރީޝާ އާ އެންމެ ފުރަތަމަ ދިމާވީ ގަލޮޅު މަދަރުސާއިން ކަމަށެވެ. އަދި އެންމެ ކުރިންސުރެއްވެސް އަރީޝާ ފާހަގަ ކުރެވެނީ ވަރަށް މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ދުވަހަކުވެސް ހިތްވަރު އެލުވާ ނުލާނެ ކަމަށެވެ. އަދި ހަމަ އެހެންމެ އަރީޝާ އަކީ ރާއްޖޭގައި މިހާރު ހުރިހާ ގޮތަކުން ބަލާއިރު ހުރި އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އޭނާ ގަބޫލު ކުރާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އަރީޝާއަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔާއަށް ވާނެކަމަށް އޭނާ އުއްމީދު ކުރާ ކަމަށާއި އަދި ގައުމަށްވެސް ރީތި ނަން ކުރިއަށް އޮތްތަނުގައި ވެސް ހޯދަދޭނޭ ކުޅުންތެރިއަކަށް އޭނާ ވެގެން ދާނެ ކަމަށް ވެސް އުއްމީދު ކުރާ ކަމަށް ބުންޏެވެ

އަރީޝާގެ ޓީމް މޭޓުން ބުނަނީ އަރީ އަކީ ހަމަ އެންމެ "ބެސްޓް" ކަމަށް

އަރީޝާއާ އެކު ވަރަށް ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ އެއް ކުޅުންތެރިއެއް ކަމަށް ވާ އިމްތިނާން ބުނީ، އަރީ އަކީ ޓީމުގައި އަބަދުވެސް އެންމެ ސަޕޯޓިވް ކުޅުންތެރިޔާ ކަމަށެވެ. އަދި އަބަދުވެސް އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އަރީޝާ ދެމިހުންނަކަން ފާހަގަ ކުރަމުން އިމްތިނާން ބުނީ، އަރީޝާ އަކީ ދުވަހަކުވެސް "ގިވްއަޕް" ކުރާ ކުޅުންތެރިއެއް ނޫން ކަމަށެވެ.

އަރީޝާއާ އެކު ގައުމީ ޓީމުގައި އެންމެ ގާތުން މަސައްކަތް ކުރާ އެއް ކުޅުންތެރިޔާ ހަމްނާ ބުނީ، އަރީޝާ އަކީ "ޓީމް ސްޕިރިޓް" އެންމެ ރަނގަޅު ކުޅުންތެރިޔާ ކަމަށެވެ. އެގޮތުން ޓީމު ބަލިވި ކަމުގައި ވިޔަސް މޮޅުވި ކަމުގައި ވިޔަސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ ދެމިހުންނާނެ ކަމުގައި ހަމްނާ ފާހަގަ ކުރިއެވެ.

އަދި ދަނޑުން ބޭރުގައި ވެސް ކަމެއް ދިމާވެއްޖެ ނަމަ އެންމެ ބޮޑަށް އެހީވާ އެކުވެރިއަކީ އަރީޝާ ކަން އޭނާ ފާހަގަ ކުރިއެވެ. އަބަދުވެސް އަރީޝާ ވަރަށް ފައްސިކޮށް ވިސްނާކަން ފާހަގަ ކުރަމުން ހަމްނާ ބުނީ، ކުރުކޮށް ބުނާނަމަ އަރީޝާ އަކީ ހަމަ "ބެސްޓް" ކަމަށެވެ.

އަރީޝާގެ އެހެން ޓީމް މޭޓެއް ކަމަށްވާ ރިޔާސާ ބުނީ އަރީޝާ އަކީ މަޖާ މިޒާޖެއްގެ ރަހުމަތްތެރިއެއް ކަމަށެވެ. އަދި ހަމަ އެހެންމެ އަރީޝާ އަކީ ކޮންމެ ކަމެއްގައި ވެސް އޭނާ އަށް ވާވަރަކުން އެހީވާ މީހެއް ކަމަށާއި، ދަނޑުމަތީގައިވެސް ހިތްވަރު ދިނުމުގައި އަބަދުވެސް ދެމިހުންނަ ކަމަށެވެ. އަރީޝާ އަކީ ވަރަށް "ކެއަރ" ކުރާ ރަހުމަތްތެރިއެއް ކަމުގައި ފާހަގަ ކުރަމުން ރިޔާސާ ބުނީ، އަރީޝާ އަކީ ހަމަ އެންމެ "ނައިސް" ޓީމް މޭޓް ކަމަށެވެ.

އަރީޝާގެ އުއްމީދަކީ ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމު ލިބުން

ކުރިމަގަށް ކުރާ އުއްމީދަކީ ކޮބާތޯ ސުވާލު ކޮށްލުމުން އަރީޝާ ބުނީ، އޭނާގެ އުއްމީދަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުން ކަމުގައެވެ. މިހާ ހިސާބަށް އައިއިރު 2 ފަހަރަށް މިހާރު ސްޕޯރޓްސް އެވޯޑް އިން ރާއްޖޭގެ 3 ވަނަ ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ އަރީޝާ ބުނީ، ﷲގެ ރަހުމަތް ފުޅާއެކު އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް ކުރިމަތިލާން ޖެހޭ ހުރިހާ ކަމަކާ ވެސް ކުރިމަތި ލުމަށް ތައްޔާރަށް ހުރި ކަމުގައި އަރީޝާ ފާހަގަ ކުރިއެވެ.

އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެއަށް އިތުރު ރަން ވަނަ ތަކެއް ހޯދައިދިނުމަކީ ވެސް އޭނާ ދެކޭ ހުވަފެނެއް ކަމުގައި އަރީޝާ ބުންޏެވެ. އެގޮތުން ބައިނަލްއަޤްވާމީ މުބާރާތެއްގެ ތަށި ހިފައިގެން ރާއްޖެއަށް އައުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމުގައި އަރީޝާ ފާހަގަ ކުރިއެވެ.

މިހާ ހިސާބަށް އާދެވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އަރީޝާ ބުންޏެވެ. އަދި ވަރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވެސް އެކި ގޮތްގޮތުން އަމާޒު ވީ ފަހަރުތައްވެސް އައި ކަމަށާއި، އެ ފާޑުކިޔުންތަކަށް އޭނާ ދިނީ ބީރު ކަންފަތެއް ކަމަށެވެ. އަދި އޭނާގެ މަންމަ އަބަދުވެސް ހިތްވަރު ދިނުމުގައި ދެމި ހުންނަ ކަމަށާއި އެކަހަލަ މަންމަ އެއް ދެއްވީތީ ﷲގެ ހަޒްރަތަށް ހަމްދު ކުރާ ކަމަށްވެސް ފާހަގަ ކުރިއެވެ.

އަރީޝާ ބޭނުންވަނީ އަބަދުވެސް މަންމަ ފަޚުރުވެރިވާ ކުޅުންތެރިއަކަށް ވާށެވެ. އަދި މުޅި ގައުމުވެސް އޭނާ އާ މެދު ފަޚުރުވެރިވާނެ މީހަކަށް ވުމަކީ އަރީޝާގެ އުއްމީދެވެ. އޭނާގެ ކާމިޔާބީގެ ސިއްރަކީ މަންމަގެ ހެޔޮ ދުއާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!