މަރީގެ މިރޯ ގްލޭޒްޑް ކޭކް ދެކެފިންތަ؟ ވަރަށް ވެސް ޗާލު
އަނެއްކާވެސް ދައްކާލަން މިއުޅެނީ ރާއްޖެ އާރޓްޕޯސްޓިންގް ގުރޫޕުން ފެނުނު ކުޅަދާނަ އާރޓިސްޓެއްގެ ވާހަކަ އެވެ. އެކި ކަހަލަ އާރޓިސްޓުން އުޅޭ މި ގުރޫޕުގައި އުމުރުން 32 އަހަރުގެ މަރިޔަމް ޝަފީގް ދައްކާލަދިނީ އޭނާގެ ޗާލު ކޭކު ތަކެވެ. އޭނާގެ ކޭކުތައް ފެނި އެތައް ބައެއްގެ ތަރުހީބުވެސް ދަނީ ލިބެމުންނެވެ.
ދެން އެމްވީ އާ ވާހަކަ ދައްކަމުން މަރީ ބުނީ ކޭކް އަޅަން އެންމެ ފުރަތަމަ ފެށީ ގޭގައި ކަމެއް ނުކޮށް ނުހުންނަން ވެގެން ކަމަށެވެ. އެންމެ ފުރަތަމަ ކޭކް އަޅަން ފެށީ 2008 ވަނަ އަހަރު ކަން ފާހަގަ ކުރަމުން މަރީ ބުނީ އެންމެ ފުރަތަމަ ފެށި އިރު މިހާ ކާމިޔާބު މަސައްކަތަކަށް މިކަން ވާނޭ ކަމަށް އުއްމީދު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް މި މަސައްކަތް ކުރަން ފެށުމުން މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަން އޭނާ އަށް އެނގިގެން ދިޔަ ކަމަށް އޭނާ ފާހަގަ ކުރިއެވެ.
އަބަދުވެސް އެންމެ އަޅާހިތްވަނީ އެކި ފްލޭވަރސް ގެ ކޭކް ކަމަށް މަރީ ބުންޏެވެ. ނަމަވެސް އެންމެ ފުރަތަމަ މި މަސައްކަތް ފެށި އިރު ދިވެހިންގެ ތެރޭގައި އެކި ފްލެވަރ ތަކުގެ ކޭކް ތަކަށް މާ ގިނަ ތަރުހީބެއް ނޯއްނަ ކަމަށް މަރީ ފާހަގަ ކުރިއެވެ. އެހެން ކަމުން އެ ދުވަސް ވަރު ގިނައިން އޯޑަރުވެސް ލިބެނީ ބަޓަރ ކޭކް އަދި ޗޮކޮލެޓް ކޭކް އަށް ކަމަށް އޭނާ ފާހަގަ ކުރިއެވެ. އެހެން ކަމުން އެދުވަސްވަރު އެކި ފްލެވަރ ތަކަށް ކޭކް އަޅަން އެހާ މަސައްކަތް ނުކުރެވޭ ކަމަށް މަރީ ބުންޏެވެ. ނަމަވެސް މިހާރު އެކި ފްލެވަރ ތަކުގެ ކޭކް އެޅުމަށް ވެސް އޯޑަރ ތައް ލިބެމުން އަންނަ ކަމަށް މަރީ ފާހަގަ ކުރިއެވެ.
މިހާތަނަށް އެޅުނު އެންމެ ތަފާތު ކޭކަކީ ކޮބާތޯ ސުވާލު ކޮށްލުމުން މަރީ ބުނީ މިހާތަނަށް އެޅުނު އެންމެ ތަފާތު ކޭކަކީ "މިރޯ ގްލޭޒްޑް ކޭކް" ކަމަށެވެ. އަދި އެ ކޭކް އަކީ ވަރަށް ގިނަ ބަޔެއްގެ ތަރުހީބު ވެސް ލިބުނު ކޭކެއް ކަން އޭނާ ފާހަގަ ކުރިއެވެ.
ކޭކް އެޅުމުގެ ދާއިރާއިން މިހާ ހިސާބަށް އައި އިރު ވަރަށް ގިނަ ކާމިޔާބީ ތައް ލިބިފައިވާ ކަމަށް މަރީ ބުންޏެވެ. އެގޮތުން އެންމެ އުފާވާ ކަމަކީ ލޯޔަލް ކަސްޓަމަރުން ލިބުން ކަމުގައި މަރީ ފާހަގަ ކުރިއެވެ. އަދި އޭނާގެ މަސައްކަތަށް އޭނާގެ ކަސްޓަމަރުން ދޭ ތަރުހީބު އިތުރުވުމަކީ ވެސް އޭނާ އަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ. އަދި 4 އަހަރު ވަންދެން އަމިއްލަ ބޭކަރީ އެއް ހިންގުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އެކަމަށް ޓަކައި ﷲގެ ހަޒްރަތަށް ޝުކުރު ކުރާ ކަމުގައި މަރީ ފާހަގަ ކުރިއެވެ.
މި މަސައްކަތް ކުރުމުގައި އެންމެ އުނދަގޫ ކަމަކީ ކޮބާތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން މަރީ ބުނީ، ކޭކް އަޅާނެ "އިންގްރެޑިއެންޓްސް" ނުލިބުމަކީ ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. އަދި އެހެން ވުމުގެ ސަބަބުން ބައެއް ފަހަރަށް އަޅަން ބޭނުންވ ކޭކް ނޭޅޭ ކަމުގައި ވެސް އޭނާ ބުންޏެވެ.އަދި ބޭނުންވާ ގޮތަށް ވެސް ކޭކް ނޭޅޭ ކަމަށް އޭނާ ބުންޏެވެ.
ކޭކް އެޅުމުގެ މަސައްކަތް ކުރުމަކީ ގޭގައި ހުރެގެން ވެސް ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ގޭގައި ކަމެއް ނުކޮށް ހުރުމަށް ވުރެ މި ކަހަލަ މަސައްކަތެއް ފެށުމުން ފޫހި ފިލާނެ ކަމަށާއި އަދި ރަނގަޅު އާމްދަނީ އެއްވެސް ލިބޭ ކަމަށް އޭނާ ބުންޏެވެ.
މަރީގެ ކޭކް ތަކުގެ އިތުރުން އޭނާ ހަދާ ބަކްލާވާ އަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައިވާ އެއްޗެކެވެ. އަދި ބަކްލާވާ އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމުގައި މަރީ ފާހަގަ ކުރިއެވެ. އަދި މި ނޫނަސް އެކި ވައްތަރުގެ ފޮނި ކާ އެއްޗިސް މަރީ ތައްޔާރު ކުރެއެވެ.
މި މަސައްކަތުގައި ކުރި އެރުމަށް އެންމެ ބޮޑު ތަރުހިބެއް ލިބުނީ އޭނާގެ ފިރިމީހާގެ ފަރާތުން ކަމަށް މަރީ ބުންޏެވެ. މަރީ ކުރާ ކޮންމެ ކަމެއްގައި ވެސް އެންމެ ސަޕޯޓިވް މީހަކީ އެއީ ކަން ފާހަގަ ކުރަމުން މަރީ ބުނީ އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ. އަދި އާއިލާގެ އެހެން މީހުންގެ ފަރާތުންވެސް އޭނާގެ މި މަސައްކަތް ކުރި އެރުވުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް މަރީ ފާހަގަ ކުރިއެވެ.
މަރީ ބުނީ ބޭނުންވަނީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ބޭކަރީ އެއް އަދި ކޭކް ފިހާރަ އެއް ހުޅުވާ އިތުރަށް ވިޔަފާރި ފުޅާ ކުރަން ކަމަށެވެ. އަދި ހަމަ އެހެންމެ މަރީގެ މަސައްކަތް ތައް ފެނި ގިނަ ބަޔަކު މި ދާއިރާ އަށް ޝައުގުވެރިކަން އުފެދުމަކީ ވެސް މަރީ ދެކޭ ހުވަފެނެކެވެ.
މަރީގެ އިތުރު މަސައްކަތްތައް މަރީގެ އިންސްޓަގްރާމް "ކޭކް&ކްރީމް" އިން ފެނިގެން ދާނެއެވެ.