މުސާރައިގެ ގޮތުގައި 2000 ޑޮލަރު ލިބޭ ވަޒީފާއެއް، ކުރަން ޖެހޭ ކަމަކީ ނިދުން!
ހެލްތު އެޑްވައިޒް ވެބްސައިޓަކުން ގިނަ ބަޔަކު އަދާކުރަން ބޭނުންވާ ކަހަލަ ވަޒީފާއެއް އިއުލާން ކޮށްފިއެވެ. މި ވަޒީފާގެ މުސާރަ އަކީ 2000 ޑޮލަރު ކަމަށްވާއިރު، މި ވަޒީފާ އަދާ ކުރަން ޖެހެނީ އެންމެ ފަސް ދުވަހުއެެވެ.
މި ވަޒީފާގެ މަސްއޫލިއްޔަތުތައް މާ ބޮޑެއް ނޫނެވެ. އެއީ އެންމެން ވެސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެގޮތުން މި ވަޒީފާގައި ހަމައެކަނި ކުރަން ޖެހޭ ކަމަކީ ފަސް ދުވަސް ވަންދެން ކޮންމެ ރެއަކު ތަފާތު މާހައުލެއްގައި ނިދުމެވެ. އެގޮތުން އޭގެ ތެރޭގައި ފައިވް ސްޓާރ ރިސޯޓެއް ވެސް ހިމެނެއެވެ.
މި ވެބްސައިޓުން މިފަދަ ވަޒީފާއެއް ހުޅުވާލުމުގެ ބޭނުމަކީ ތަފާތު މާހައުލުގެ ސަބަބުން ނިދުމަށް އަންނަ ބަދަލުތައް ދިރާސާ ކުރުމެވެ. އެގޮތުން އެޕްލިކޭޝަން ފޯމު ހުށަހަޅާ މީހުންގެ ތެރެއިން މި ވަޒީފާއަށް ހޮވޭނީ އެންމެ މީހެކެވެ.
އެމީހާގެ ހުރިހާ ހަރަދުތަކެއް އެ ފަސް ދުވަހު ބަލަހައްޓާނީ މި ވެބްސައިޓުންނެވެ އަދި ވަޒީފާގެ މުސާރައެއްގެ ގޮތުގައި 2000 ޑޮލަރު ދޭނެ ކަމަށް ވެސް މި ވެބްސައިޓުން ވަނީ ބުނެފައެވެ. އަދި އެމީހުން ބުނެފައިވާ ގޮތުގައި ވަޒީފާއަށް ހޮވޭ ފަރާތެއް ކޮންމެ ރެޔަކު ވެސް ތަފާތު މާހައުލެއްގައި ނިދުމަށް ފޮނުވޭނެއެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތައް ނިދުމުން އަދި ނިމުނީއެއް ނޫނެވެ. ނަމަވެސް ދެން ކުރަން ޖެހޭ ކަންތައް ވެސް މާ ބޮޑެއް ނޫނެވެ. ކުރަން ޖެހޭ ކަމަކީ ނިދި 5 މާހައުލުގައި ދިމާވި އުނދަގޫތަކާއި ފަސޭހަތަކާއި އަދި ކުރެވުނު ތަޖުރިބާ ބަޔާން ކޮށް ތަފްސީލް ރިޕޯޓެއް ތައްޔާރު ކުރުމެވެ. އަދި 10-1 ގެ ސްކޭލަކުން ނިދި މާހައުލުތަކަށް މާކްސް ދޭން ޖެހޭނެއެވެ.
މި ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މާރޗް ތިރީހެވެ.