ދުނިޔެ

ކޮވިޑް-19 ޖެހޭ މީހުންގެ ބޮލުން އިސްތަށި ފައިބަން ފަށާނެ ކަމަށް ދިރާސާއަކުން ދައްކައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 ޖެހޭ މީހުންގެ ބޮލުން އިސްތަށި ފައިބަން ފަށާނެ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

"ދި ލޭންސެޓް" ނަމަކަށް ކިޔާ މެޑިކަލް ޖާނަލްއެއްގައި ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން ހަ މަސް ފަހުން ބޮލުން އިސްތަށި ފައިބަން ފަށާނެ ކަމަށާއި، މިކަމުގައި އެންމެ ނުރައްކާ ބޮޑީ އަންހެނުންނަށް ކަމަށެވެ. އަދި ވަރުބަލިވުމާއި، ނޭވާ ކުރުވުމުގެ އިތުރުން ހުޅުތަކުގައި ރިއްސާ ބޯ އެެނބުރުމަކީ ވެސް މި ބަލީގައި ދިގު މުއްދަތަކަށް ފެންނަ އަލާމާތެއް ކަމަށް އެ ލިޔުމުގައި ވެއެވެ.

މި ދިރާސާ ހަދާފައިވަނީ ޗައިނާގެ ހޮސްޕިޓަލެއް ކަމަށްވާ "ޔިން ޖިން" ހޮސްޕިޓަލުގައި، 7 ޖަނަވަރީ އިން ފެށިގެން 29 މޭ 2020 އާ ހަމައަށް ކޮވިޑަށް ފަރުވާ ހޯދާފައިވާ ބަލިިމީހުންގެ ހާލަތަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ. އެގޮތުން އެމީހުން ވަނީ ފަރުވާ ހޯދި މީހުން ގާތަށް އޭގެ ހަމަސް ފަހުން ގޮސް ހާލަތު ބަލައި ފެންނަމުން ދާ އިތުރު އަލާމާތްތައް ބަލާފައެވެ.

އެގޮތުން އޭގެ ތެރެއިން 63 އިންސައްތަ މީހުންނަށް ވަރުބަލިކަން އިހުސާސް ކުރެވޭ ކަމަށާއި، 26 އިންސައްތަ މީހުންނަށް ނިދުމުގެ މައްސަލަތައް ދިމާވުމުގެ އިތުރުން 23 އިންސައްތަ މީހުން ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް ގޮސްފައިވާއިރު 22 އިންސައްތަ މީހުންގެ ބޮލުން ގިނަ އަދަދެއްގެ އިސްތަށި ފައިބާކަން ދިރާސާއިން ދައްކައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!