އަނިޔާވެރި ކައިވެންޏެއްގައި އުޅުމަށްވުރެ އެކަނިވެރި މައެއްގެ ގޮތުގައި އުޅުން ދަރިންނަށް މާ ރަނގަޅުވާނެ: ޝްވެތާ
މަޝްހޫރު މީހުންނާއި އެ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަކީ އެންމެން ނުހަނު ޝައުޤުވެރިކަމެއް ބަހައްޓާ ވާހަކަތަކެކެވެ. ގިނަ ތަރިންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަކީ އާންމުކޮށް މީހުން ދަންނަ ވާހަކަތަކެކެވެ.
އެގޮތުން ފާހަގަ ކޮށްލެވޭ އެއް ތަރިއަކީ "ކަސޯޓީ ޒިންދަގީ ކޭ" އިން "ޕްރޭނާ"ގެ ގޮތުގައި ބެލުންތެރިންގެ ހިތްތަކުގައި ރަނިކަން ކުރަން ފެށި މަޝްހޫރު އެކްޓްރެސް ޝްވެތާ ތިވާރީއެވެ.
އުމުރުން 18 އަހަރުގައި ފުރަތަމަ ކައިވެންޏެއްކޮށް އަންހެން ދަރިއަކު ލިބުމަށް ފަހު އެ ކައިވެނި ރޫޅުނީ ހަތް އަހަރު ދުވަހަށް ފަހުއެވެ.
އޭގެ ފަހުން 2017 ވަނަ އަހަރު ދެވަނަ ކައިވެންޏެއްކޮށް، ފިރިހެން ދަރިއަކު ލިބުމަށް ފަހު އެ ކައިވެނި ރޫޅުނީ ކައިވެންޏަށް ދެ އަހަރު ފަހުންނެވެ.
ދާދި ފަހުން އިންޑިއާގެ ނޫސް ޗެނަލަކަށް ޝްވެތާ ދިން އިންޓަވިއު އެއްގައި ބުނީ، ދެ ކައިވެނި ރޫޅިފައި ވުމުން، ގިނަ ބައެއްގެ ފަރާތުން ފާޑު ކިޔުން އޭނާއަށާއި އޭނަގެ ދަރިންނަށް އަމާޒުވި ކަމަށެވެ. ޚާއްސަކޮށް ޝްވެތާގެ ދޮށީ އަންހެން ދަރި ޕަލަކްއަށް ވަރަށް ގިނަ ކަންކަމާ ކުރިމަތި ލާން ޖެހުން ކަމަށް ވެސް ޝްވެތާ ބުންޏެވެ.
"ޕަލަކްއަށް ހުރީ ވަރަށް ގިނަ ކަންތައް ފެނިފައި. އޭނަގެ އުމުރުން ހަ އަހަރުން ފެށިގެން އަހަރެން އެކަނި އޭނަ ބަލަމުން މި ގެންދަނީ. އަހަންނަށް މީހުން ޖިސްމާނީ ގޮތުން ދިން އަނިޔާތައް ވެސް ޕަލަކްއަށް ހުރީ ފެނިފައި. އަދި ހުރިހާ ކަމަކުން އަހަރެން އަރައިގަތުމުން ކުރި މަސައްކަތްތައް ވެސް ހުންނާނީ ފެނިފައި. އޭނައަށް އަހަރެން އަބަދުވެސް ދަސްކޮށްދެނީ، އަނިޔާ ލިބިލިބި ހުރުމަކީ ހައްލެއް ނޫންކަން، އެކަމަށް ނޫނެކޭ ބުނަން ޖެހޭކަން" ޝްވެތާ ބުންޏެވެ.
ޝްވެތާ ބުނިގޮތުގައި އޭނަގެ އެއްވެސް ދަރިއަކާއި އެ ކުދިންގެ ބައްޕައާ އޭނާ ދުރެއް ނުކުރުވައެވެ.
"އެ ކުދިންނަށް އެނގޭނެ އެ ކުދިންގެ ބައްޕަދެކެ ލޯބިވާން. އަހަންނަކީ އެކަނިވެރި މަޔަކަށް ވާތީ މީހުން ވަރަށް ފާޑުކިޔާ. އެއީ ދަރިންނަށް ރަނގަޅު ގޮތް ނޫން ކަމުގައި ވެސް ބުނޭ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އަނިޔާވެރި ދިރިއުޅުމެއްގައި އުޅުމަށްވުރެ އެކަނިވެރި މައެއްގެ ގޮތުގައި އުޅުން ދަރިންނަށް މާ ރަނގަޅު ވާނެ" ޝްވެތާ ބުންޏެވެ.
ޝްވެތާގެ ދޮށީ ދަރި ޕަލަކް ދާދި ފަހުން ވަނީ އޭނަގެ ބައްޕަ ރާޖާ ޗޯދްރީއާ ބައްދަލު ކޮށްފައެވެ. ދެ ބަފައިން ބައްދަލުވީ 13 އަހަރު ފަހުން ކަމަށް ރާޖާ ވަނީ ބުނެފައެވެ. އަދި ޕަލަކްއަށް ރަނގަޅު ތަރުބިއްޔަތެއް ދީފައިވާ ކަމަށް ބުނެ ރާޖާ ވަނީ ޝްވެތާއަށް ޝުކުރު އަދާ ކޮށްފައެވެ.