ސަފާރީތައް އަލުން އޮޕަރޭޓްކުރުމަށް ހުއްދަ ނަގަން އެދިއްޖެ
ސަފާރީތަކުން އަލުން ހިދުމަތްދިނުމަށް ފަށައިގަތުމުގެ ކުރިން ޓުއަރިޒަމް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފި އެވެ.
އެންބީއޭއެމް އިން ބުނެފައިވަނީ ފަތުރުވެރިން ރާއްޖެ ގެނެސް އަރުވާ އުޅަނދުތައް ކަމަށްވާ ސަފާރީތައް ފަދަ އުޅަނދުތައް އަލުން އޮޕަރޭޓް ކުރަން ފަށާއިރު މިނިސްޓްރީއިން ނަގަން ޖެހޭ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.
އެގޮތުން ހުއްދަ ނަގާއިރު ބޭނުންވާ ލިޔެކިޔުންތަކަކީ ޑިކްލެރޭޝަން ފޯމް އާއި އޮޕަރޭޓިން ލައިސެންސް އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ހެލްތު އެންޑް ސޭފްޓީ ޕްލޭން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެންބީއޭއެމް އިން އިތުރަށް ބުނެފައިވަނީ މީރާގެ ޓެކްސް ކްލިއަރެންސް ހަދާއިރު އެކަމަށް ވަގުތު ހޭދަވާނެ ކަމަށެވެ. އަދި އިތުރުން ޕެންޑިން ޕޭމެންޓްތަކެއް ހުރި ނަމަ އެއަށް ހޭދަވާ ވަގުތު އިތުރު ވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ބޯޓުތަކުގެ އޯނަރުންނަށް މިނިސްޓްރީގެ ހުއްދަ ލިބުމުގެ ކުރީން އެއްވެސް ފަތުރުވެރިޔަކު ގެނެސްގެން ނުވާނެ ކަމަށް އެންބީއޭއެމް އިން ބުނެފައިވެއެވެ.