ދީން

ކޮންމެ ދުވަހަކު ވެސް ކީރިތި ޤުރްއާން ކިޔެވުމުގެ މުހިންމުކަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކީރިތި ޤުރުޢާންގެ މޫރިތި އާޔަތްތައް ކޮންމެ ދުވަހަކު ވެސް ކިޔެވުމަކީ ކިހައި މުހިންމު ކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މިހާރު ދަނީ ހަނދާން ނެތެމުންނެވެ.

Ads by Hajj Corporation

އިހުޒަމާނުގައި އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތަކީ، ކޮންމެ ގެއަކުންހެން އަޑުހަރުކޮށް ކީރިތި ޤުރްއާން ކިޔަވައި އަޑު އިވޭ ވަގުތުތަކެވެ. ބޮޑެތި މީހުންނާއި އަދި ޚާއްސަކޮށް ކުޑަ ކުދިންގެ ކިބައިގައި، މި ރީތި އާދަ ހުރެއެވެ.

ނަމަވެސް ހިތާމައަކީ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި މި ރިވެތި އާދަ ފުހެވެމުން އަންނަ ކަމެވެ. ކީރިތި ޤުރްއާން ކިޔަވާ އަޑު މަދުން އިވޭއިރު ބަންގި ގޮވުމުން މިސްކިތަށް ނަމާދަށް އަރާތަން ވެސް ފެންނަނީ މަދު ބައެކެވެ.

ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުމަކީ ޝައިޠާނާގެ ނުބައި ވަސްވާހުން ސަލާމަތްކޮށް، ނުބައި ޢަމަލުތައް ކުރުމުން ދުރުކޮށްދޭ ބަރަކާތުން ފުރިގެންވާ އަަޅުކަމެކެވެ.

ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުމުން ލިބިދޭ ތިން ފައިދާއެއް، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

▪︎ ކުފްރު ވުމުން ސަލާމަތްކޮށްދީ ނަފްސު ހަމަހިމޭން ކޮށްދެއްވައެވެ.

މުފްތީ މުޙައްމަދު ޝާފީ ސާހިބް މަޢާރަފުލް ރިވާ ކުރަައްވާ ވިދާޅުވެފައިވެއެވެ. އެގެއެއްގައި ކޮންމެ ދުވަހަކު ޤަވައިދުން ކީރިތި ޤުރުޢާން ކިޔަވާނަމަ، ކުފްރާއި ޝިރްކުން ސަލާމަތް ކުރެވިގެންވާނެ ކަމަށެވެ. އަދި ކީރިތި ޤުރްއާން ކިޔަވާނަމަ ނަފްސު ހަމަހިމޭން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

﴿28﴾ الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟
[އައް ރަޢްދް 28 ވަނަ އާޔަތް]

▪︎ ފިތުނައިން ސަލާމަތްކޮށްދޭ

އިބްނު އައްބާސް ރިވާކޮށްފައި ވަނީ " ޖިބްރީލު ޢަލައިޙިއްސަލާމް، އިތުރު އެކަލޭގެފާނު صلى الله عليه وسلم އަށް ޙަދީޘްފުޅު ކުރެއްވީ ، 'މިދުނިޔެމަތީގައި ވަރަށްވެސް ގިނަ ފިތުނަތައް އުފެދޭނެ' ކަމަށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. 'ފިތުނައިން ސަލާމަތްވެވޭނީ ކިހިނަކުންތޯ އެވެ؟' ޖިބްރީލް ޢަލައިހިއްސަލާމް ޖަވާބުގައި ދެންނެވިއެވެ. 'މާތް ﷲ ސުބްޙާނަހޫ ވަޠަޢާލާ ގެ ފޮތް ކިޔުމުންނެވެ."

﴿1﴾ الر ۚ كِتَابٌ أَنزَلْنَاهُ إِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَاطِ الْعَزِيزِ الْحَمِيدِ
ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީ، އެއުރެންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. ގަދަފަދަވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ (ދެއްކެވި) މަގަށެވެ.
[އިބްރާހީމް 1 ވަނަ އާޔަތް]

▪︎ ސަލާމާއި ބަރަކާތްތެރިކަން އިތުރުކޮށްދޭ

އަބޫ ހުރައިރާ ރިވާކުރައްވާ ވިދާޅުވެފައިވެއެވެ. "އެގެއަކީ ޤަވައިދުން ކީރިތި ޤުރްޢާން ކިޔަވާ ގެއެއްނަމަ، ސަލާމަތާއި ބަރަކާތްތެރިކަން އެ ގެއެއްގައި އިތުރުވެގެންދާނެ" ކަމަށާއި، "ނަމަވެސް ކީރިތި ޤުރްޢާން ނުކިޔަވާ ގެއެއްނަމަ، އެގެއެއްގައި ފިކުރާއި މައްސަލަތައް އިތުރުވެގެންދާނެ" ކަމަށެވެ.

މަސްދަރު: ޑޯން ޑޮޓްކޮމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!