ފްރަންޓްލައިން އެލަވެންސް 220 ފަރާތަކަށް ދީފި
ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިުގައި މަސައްކަތްކުރާ 220 ފަރާތަކަށް މިހާތަނަށް އެލަވެންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކޯވިޑް-19 އާއި ގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް މިއަދު ދޭން ފަށާފައިވާ ކަމަށާއި އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
މިއީ ރާއްޖެއިން ފުރަތަމަ ކޯވިޑް ފެނުނު ދުވަސްކަމަށްވާ 2020 މާރިޗް 7ން ފެށިގެން ޖޫންމަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާ ކަމަށް ފިނޭންސުން ބުނެއެވެ.
އަދި އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު ކުރިއަށްދަނީ ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް ކަމަށްވާއިރު މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ކޮވިޑް-19އާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ރިސްކް އެލަވެންސެއް ދޭން ނިންމާފައިވާކަން ސަރުކާރުން އިޢުލާންކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.