ވެކްސިން ޖެހުމުން ލޭ ގަނޑުވާ މިންވަރަށްވުރެ ކޮވިޑް-19 ޖެހުމުން ލޭގަނޑުވާ މިންވަރު 8 ގުނަ އިތުރު
ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިން ޖެހުމުން ލޭ ގަނޑުވާ މިންވަރަށްވުރެ ކޮވިޑް-19 ޖެހުމުން ލޭގަނޑުވާ މިންވަރު 8 ގުނަ އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މިގޮތަށް ދިރާސާއަކުން ދައްކައިފައި މިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ބައެއް ވެކްސިންތަކުން ލޭ ގަނޑުވާ މައްސަލަ ދިމާވެ، ބައެއް ވެކްސިން ދިނުން ބައެއް ޤައުމުތަކުން ހުއްޓާލަން ނިންމާފައިވަނިކޮށެވެ.
މިދިރާސާއިން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހޭ ކޮންމެ މިލިޔަކުން 39 މީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ދިމާވެއެވެ. ނަމަވެސް ވެކްސިން ޖަހާ މީހުންގެ ތެރެއިން މިމައްސަލަ ދިމާވަނީ ކޮންމެ މިލިޔަނަކުން 5 މީހުންނަށް ކަމަށްވެސް މިދިރާސާގައި ބުނެފައި ވެއެވެ. އަދި 5 ލައްލަ މީހުންނާއެކު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހުމަށް ފަހު ލޭ ގަނޑުވުން 100 އިންސައްތަ އިތުރުވެއެވެ.
ލޭ ގަނޑުވާ މައްސަލަ ދިމާވާތީ އެސްޓާރޒެނިކާއާއި އޮކްސްފޯޑުން އުފައްދާފައިވާ ވެކްސިން ޖެހުން ބައެއް ޤައުމުތަކުން ވަނީ އެއްކޮށް ހުއްޓާލާފައެވެ. އަދި އަނެއްބައި ޤައުމުތަކުން ވަކި އުމުރަކަށް އެކަނި މި ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މެޑިކަލް ރެގިއުލޭޝަނުން މި ވެކްސިން ރައްކާތެރިކަމަށް ވަނީ ބުނެފައެވެ.
އެހެން ނަމަވެސް 30 އަހަރުން ދަށުގެ ފަރާތްތަކަށް މި ވެކްސިން ދެމުންދަނީ މަދުންނެވެ. ސަބަބެއް ކަމުގައި ބުނެފައި ވަނީ، އެ އުމުރުފުރައަކީ ކޮވިޑް-19 ޖެހިގެން ހާލު ބޮޑުނުވާ އުމުރުފުރައަކަށްވާތީއެވެ. ނަމަވެސް އޮކްސްފޯޑްގެ ދިރާސާއަކުން ދައްކާގޮތުގައި ކޮވިޑް-19 ޖެހުމަށްފަހު ލޭ ގަނޑުވުމުގެ މައްސަލަ ދިމާވި ފަރާތްތަކުގެ 30 އިންސަތައްއަކީ 30 އަހަރުން ދަށުގެ މީހުންނެވެ.
ބައެއް ސައިންވެރިން ޤަބޫލު ކުރާ ގޮތުގައި ލޭ ގަނޑުވުމުގެ މައްސަލަ ދިމާ ވަނީ އޮކްސްފޯޑުން ވެކްސިން އުފެއްދުމުގައި ގެންގުޅޭ އުކުޅުތަކުގެ ސަބަބުންނެވެ. ނަމަވެސް މިކަމަށް ބާރުދޭ އިތުރު ހެކި ތަކެއް އަދި ހުށަހަޅާފައެއް ނުވެއެވެ.