ލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރިޔަސް މާސްކް އެޅުން ހުއްދަ
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރަން ހުށަހެޅި ބިލަށް އެގައުމުގެ ކެބިނެޓުން ރުުހުން ދީފިއެވެ.
ކެބިނެޓުގެ ތަރުޖަމާން، މިނިސްޓަރ އޮފް މާސް މީޑިއާ އެންޑް އިންފޮމޭޝަން ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ އާއްމު ތަންތަނުގައި އުޅޭ އިރު މޫނު ބުރުގާ މަނާކުރަން ކެބިނެޓުގެ ރުހުން ދިނީ މޫނު ނިވާ ކުރުމުން އެއީ ކާކުކަން ދެނެގަންނަން ދަތިވާނެތީ ކަމަށެވެ. ކެބިނެޓުން ހުއްދަ ދިނުމާއެކު އެ ހުށަހެޅުން ދެން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހަށެވެ. އެއަށް ފަހު ގާނޫނު ހަދާ މަޖިލީހަށް ފޮނުވައިގެން ގާނޫނެއްގެ ގޮތުގައި ފާސްކުރަން ޖެހޭނެއެވެ.
ލަންކާ ކެބިނެޓުގެ އެ ނިންމުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އަދި އެފަދަ ގާނޫނެއް ތަންފީޒު ކޮށްފި ނަމަ މާސްކާއި ހެލްމެޓު އެޅުން ވެސް މަނާ ވާނެތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. މިސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރ ބުނެފައި ވަނީ ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް ފޭސް މާސްކް ހުއްދަވާނެ ކަމަށެވެ.
މޫނު ބުރުގާ މަނާކުރުމުގެ ބިލް ކެބިޓަށް ހުށަހަޅާފައި ވަނީ މިނިސްޓަ އޮފް ޕަބްލިކް ސެކިއުރިޓީ، ރިޓަޔާޑް ރިއާ އެޑްމިރަލް ޑރ. ސަރަތު ވީރަސެކަރާއެވެ. އޭނާ ބުނެފައި ވަނީ މޫނު ބުރުގާ އެޅުމުން ދޭހަކޮށްދެނީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހެއްގެ ގޮތަށް ކަމަށެވެ.
2019 ވަނަ އަހަރު ލަންކާގެ ޗާޗަކަށް ދިން ހަމަލާއާ ގުޅިގެން، އޭރު ވަނީ ލަންކާގައި މޫނު ބުރުގާ އެޅުން ވަގުތީ ގޮތުން މަނާކޮށްފައެވެ. އެ ހަމަލާގައި 260 މީހުން މަރުވިއެވެ.