ބްލެކް ފަންގަސް އިންޑިއާގެ ޞިއްޙީ ނިޒާމް ހައިޖާނުކޮށް ހާސްކޮށްލައިފި
ކޮވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު އިންޑިއާގައި ބްލެކް ފަންގަސްގެ ބިރު ބޮޑުވެ އެގައުމުގެ ޞިއްޙީ ނިޒާމް ހާސްކޮށްލައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ގައުމުގެ ގިނަ ސްޓޭޓްތަކުން ވަނީ ބްލެކް ފަންގަސް ފެނިފައެވެ. ހަކުރު ބައްޔާ ގުޅުން ހުރި މި ބަލީގެ ސަބަބުން ނިކަމެތިވެފައި އޮތް އިންޑިއާގެ ޞިއްޙީ ނިޒާމަށް އަނެއްކާ ވެސް މިވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އައު ވޭރިއަންޓަކީ ވަރަށް ބޮޑަށް ނުރައްކާތެރި ވޭރިއަންޓެއްކަމަށް ޞިއްޙީ މާހިރުން ވަނީ ފާހަގަކޮށްފައެވެ. އެގައުމުގައި މި ބަލި ޖެހޭ މީހުން ކޮންމެ ދުވަހަކު ލައްކައިން ގުނައިލެވޭއިރު މަރުވާ މީހުންގެ އަދަދު އުޅެނީ ދެހާހުން ތިންހާހުންނެވެ. މިހައި ގިނަ އަދަދެއްގެ ބަަޔަކަށް ބަލި ޖެހެމުންދާތީ ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައެވެ. ހޮސްޕިޓަލުން ބޭރުގައި ބަލިމީހާ ބާއްވައިގެން ފަރުވާއަށް އެދި ސަލާން ޖަހަނީއެވެ. އެހެން ތިބެ އެތައް ބަޔަކު މަރުވަނީއެވެ. މިއީ އިންޑިއާއިން ކޮންމެކޮންމެ ދުވަހަކު ފެންނަ މަންޒަރެވެ. މީގެ އިތުރުން ހޮސްޕިޓަލަށް ނުތަކާ ވަރަށް މީހުން އެނދުމަތިކޮށް ބައެއް އެނދުތަކުގައި އެކަކަށް ވުރެ ގިނައިން ބައިތިއްބައި ފަރުވާ ދޭއިރު ހޮސްޕިޓަލްތައް ވަނީ އެކި އާލާތްތަކަށް ޖެހިފައެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަމަށް ބެލެވޭ އޮކްސިޖަން ހިމެނެއެވެ.
އިންޑިއާގެ ސަރުކާރުން ނުވަތަ ހޮސްޕިޓަލްތަކުން އޮޅުވައިލަމުންދާ މަރުގެ އަދަދުތައް ވެސް އެތައް ހާހަކަށް އަރައެވެ. ހޮސްޕިޓަލްތަކުން ނެރެން ޖެހޭ ހަށިތައް ކޮންމެ ދުވަހަކު ހާހުން ގުނަން ޖެހިފައިވާއިރު ހިންދޫންގެ އާދަކާދަތަކާ އެއްގޮތަށް އެމީހުންގެ ހަށިގަނޑު އަންދާނެ ތަންތަން ވަނީ ހައިޖާނުވެފައެވެ. އަންދާނެ ދަރަށް ޖެހިފައެވެ. ދަރު މަދުވުމުގެ ސަބަބުން ހަށިގަނޑު ރަނގަޅަށް ނޭންދި ، އެފަދަ ހަށިތައް ކޯރުތަކަށް އުކައިލަނީއެވެ. އަދި އެ ހަށިތައް އެ ގައުމުގެ އެކިއެކި ހިސާބަށް ލައްވަމުން، ލައްގަމުން އެބަދެއެވެ.
މި ހާލަތުގައި އޮތް އިންޑިއާ އިތުރަށް ހާސްކޮށްލީ ކޮވިޑް ޖެހިފައިވާ މީހުން ނުވަތަ ކޮވިޑުން ރަނގަޅުވެފައިވާ މީހުންނަށް ޖެހެން ފެށި ބްލެކް ފަންގަސްގެ ސަބަބުންނެވެ. ގިނަ ދުވަހު އައިސީޔޫގައި ފަރުވާ ހޯދުން ނުވަތަ އެއްފަހަރާ ބޮޑެތި ގިނަ ބަލިތަކަށް ފަރުވާ ހޯދަން ޖެހުން ނޫންނަމަ ގިނައިން ބޭސް ކެއުމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ޖެހޭ ކަމަށް ދެނެގަނެވިފައިވާ ބްލެކް ފަންގަސް ދަނީ މުޅި އިންޑިއާ ފަތަހަ ކުރަމުންނެވެ. ދިވެހީންނާ އެންމެ ގާތް އިންޑިއާގެ ކެރެލާއިން ވެސް މިހާރު ވަނީ މި ބަލި ފެނިފައެވެ.
މި ބަލީގެ ސަބަބުން އެތައް ބަޔަކު ދުނިޔެ ދޫކޮށްފައިވާއިރު އެތައް ބަޔަކަށް ވަނީ ލޮލުގެ ފެނުން ގެއްލުން ފަދަ އިޢާދަ ނުކުރެވޭނޭ ވަރުގެ އެތައް ގެއްލުމެއް ލިބިފައެވެ. އިންޑިއާގެ އެކި ހޮސްޕިޓަލްތަކުން ދަނީ ފަންގަސްގެ ބަލިތަކަށް ފަރުވާ ދޭނެ ވޯޑްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ކޮވިޑްގެ ބިޔަ ރާޅެއް އަރައި އިންޑިއާގެ ޞިއްޙީ ނިޒާމު ދޮވެލައިފައި ވަނިކޮށް ބްލެކް ފަންގަސް މިވަނީ އިންޑިއާގެ ޞިއްޙީ ނިޒާމް ހާސްކޮށްލައި ހައިޖާނުކޮށްލައިފައެވެ.