މެދުއިރުމަތި ދުނިޔެ

ޣައްޒާގައި މިވަގުތު ކޮވިޑް-19 ޓެސްޓް ހެދޭނެ އެއްވެސް އިންތިޒާމެއް ނެތް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޣައްޒާގައި ކޮވިޑް-19 ޓެސްޓް ހަދާ މައި ލެބޯޓަރީއަށް ބޮން އެޅުމުގެ ސަބަބުން، މިވަގުތު ޣައްޒާގައި ކޮވިޑް-19 ޓެސްޓް ހެދޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ޑރ.އަޝްރަފް އަލް-ގަދްރީ ވިދާޅުވީ، ކޮވިޑް-19 ޓެސްޓް ހެދުމަށް ޣައްޒާއިން ބޭނުން ކުރަމުން އަންނަ ލެބޯޓަރީ ކައިރީ ހުންނަ އިމާރާތަކަށް ދިން ހަމަލައިގައި ލެބޯޓަރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ލެބޯޓަރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި މިވަގުތު ޣައްޒާގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ލެބޯޓަރީގެ ޚިދުމަތް މިވަގުތު ދެވޭކަށް ނެތް. އެ އިމާރާތަށް ވަދެނިކުމެ ނޫޅެވޭ ވަރަށް އިމާރާތް ވަނީ ފުޑުފުޑުވެފައި. ޓެސްޓް ހަދަން ބޭނުން ކުރަމުން އައި އާލާތްތައް ވެސް ވަނީ ހަލާކުވެފައި." ޑރ.އަޝްރަފް ވިދާޅުވިއެވެ.

ޑރ.އަޝްރަފް ވަނީ ބޭރުގެ ޖަމާއަތްތަކުން ލަސްނުކޮށް ޣައްޒާއަށް އެހީތެރިވުމަށް ގޮވާލައިފައެވެ.

"މިވަގުތު ޣައްޒާއަށް އެންމެ ބޭނުންވަނީ ސިއްޙީ އެހީތެރިކަން. އަޅުގަނޑުމެން މިއަދު މިތިބީ ވަރަށް ނިކަމެތި ހާލެއްގައި"

ޢައްޒާއަށް އިސްރާއީލުގެ ހައްދު ފަހަނަ އަޅައިފައިވާ ސިފައިން ރެޔާ ދުވާލު ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، އެޤައުމުގައި ކޮވިޑް-19 ބިރުވެރިކަން ވެސް އެބައޮތް ކަމަށްވެސް ޑރ.އަޝްރަފް ވިދާޅުވިއެވެ.  މިގޮތުން އޭނާ ވިދާޅުވީ، ދެ ކަންތައް އެއް ފަހަރާ ކުރިމަތިވުމުން، ފަރުވާ ދޭން ވަރަށް ދަތިވާ ކަމަށާއި ބޮމުގެ ހަމަލާއެއް އަންނާނެ އިރެއްގެ ބިރު އަބަދުވެސް އޮންނަ ކަމަށެވެ.

މީގެ އިތުރުން ޣައްޒާގެ ބައެއް ހިސާބުތަކުގައި ބޯފެން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑުކަން ފާހަގަ ކުރައްވާ ޑރ.އަޝްރަފް ވަނީ މިކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އިސްރާއީލުން ޓާގެޓް ކުރަނީ ސީދާ އަޅުގަނޑުމެންގެ ދިރިއުޅުމަށް. މިއަދު ޣައްޒާގެ އެކި ހިސާބުތަކުގައި ހުރި ފެން އުފައްދާ ސިސްޓަމް ތަކަށް ބޮން އެޅި، މިވަގުތު ޣައްޒާގެ ބޮޑު ބައެއް މިވަނީ ފެނަށް ޖެހިފައި." ޑރ.އަޝްރަފް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!