މުޙައްމަދު ރަސޫލުﷲ (ޞޢޥ)ގެ އުއްމަތަށް ޓަކައި ފަލަސްތީނުގެ މުސްލިމުންނަށް ދުޢާ ކޮށްދެއްވާށެވެ.

އާދަމް ޢަލައިހިސަލާމުން ފެށިގެން މި ދުނިޔެ ނިމުމާ ހަމަޔަށް ދުނިޔެއަށް ފޮނުއްވި، ފޮނުއްވާނޭ އެންމެހައު މީސްތަކުން އެއްތަނަކަށް ޖަމާވާނޭ ދުވަހެއް އެބަވެއެވެ. 50،000 އަހަރުގެ ދިގު ނާމާން ބިރުވެރި ދުވަހުގައި އެންމެންގެ ޙާލަކީ ވެސް ނަފްސީ ، ނަފްސީގެ ޙާލެވެ. ދަރިއަކަށް ވިޔަސް ، މައިންބަފައިން ކަމުގައި ވިޔަސް ލޯބިވާ އަނބީންނާއި ފިރީން ވިޔަސް އެކަކަށް އެހީވާނޭ އަނެކަކު ނެތެވެ. ކޮންމެ މީހަކު ވެސް މަގޭ ނަފްސެވެ. މަގޭ ނަފްސެވެ.
ނަމަވެސް ، އަހަރެމެންގެ މައްޗަށް ހިތާމަ ކުރައްވައި ، އަހަރެމެންގެ މައްޗަށް ޝަފާޢަތްތެރި ވާނޭ ބޭކަލަކު އެ ދުވަހުގައި ވާނެއެވެ. އެ ބޭކަލަކީ މުޅި އިންސާނިއްޔަތަށް ރަޙުމަތެއްގެ ގޮތުގައި ﷲ ތަޢާލާ ފޮނުއްވެވި މާތް ޙަބީބު ، މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމައެވެ. އެ ބޭކަލެއްގެ އުއްމަތާ މެދު ނުހަނު ފިކުރުކުރެއްވި ، އަމިއްލަ ނަފްސާމެދު އެދިވަޑައިގެންނެވި ފަދައިން އުއްމަތުގެ ކޮންމެ ފަރުދަކަށް ހެޔޮ ދުޢާ ކޮށްދެއްވި މާތް ނަބިއްޔާއެވެ.
މިއަދު ، އެ ބިމުގައި ރަސޫލުން ދިރިއުޅުއްވި ބިމެއްގައި ލޭގެ ކޯރުތައް ހެދެނީއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެ ބަޔަކު ކުށެއް ނެތި މަރައި ހަދަނީއެވެ. ތުއްތު ކުއްޖެއް އަންހެނެއް މުސްކުޅިއެއް ބެލުމެއް ނެތެވެ.
އިރުއޮއްސުމާއެކު އާއިލާތައް ގޭގެއަށް ވަދެ ފިލައި ތިބެނީ ، މާދަމާ ވެސް ހެޔޮ ހާލުގައި ތިބޭނޭ ކަމާމެދު އެއްވެސް އުއްމީދެއް އޮވެގެންނެވެ. އާއިލާގެ ގާތުގައި އަރާމު ތަންމަތީގައި އަހަރެމެން ނިދައިފައި ތިބޭއިރު އަހަރެމެންނާއި 3000 މޭލު ދުރުގައި އަހަރެމެން އެ ބަޔަކަށް ނިސްބަތްވާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެ ބަޔަކު އެ ތިބެނީ ބިރުވެރިކަމުގައެވެ. ދަރީން ކުރިމަތީގައި މަރުވެ ދާއިރު ހިތްތައް ކުދިކުދިވާ ހާލުގައެވެ. ދަރީން ރޯއަޑާއި ސަލާމަތަށް އެދި ގޮވާ އަޑު އިވުނު ނަމަވެސް ރައްކާތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އެ ތިބެނީ ނުކުޅެދިފައެވެ.
މި ހާލުގައި އަހަރެމެންގެ ހިތްތަކަށް ހަމަޖެހުން ލިބޭނީ ކިހިނަކުން ހެއްޔެވެ؟ މިނިވަން ފަލަސްތީނަކަށް އެދި ހިތާހިތުން ބުނެލާ ބަހަކުން ފާޅުކޮށްލާ ޝުޢޫރަކުން ނުފުދެއެވެ. މަހުޝަރުގެ މައިދާނުގައި އަހަންނަށާއި ތިބާއަށް ޝަފާއަތްތެރިވާނޭ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެ ބަޔަކު އެ ހާލަށް ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ. އެކަލޭގެފާނުގެ އުއްމަތަށް ޓަކައި އަހަރެމެންނަށް ކޮށްދެވުނީ ކޮންކަމެއް ހެއްޔެވެ؟ ވީ މިންވަރަކުން އެހީތެރިވާށެވެ. އަތްތައް މައްޗަށް އުފުލައްވާ ދުޢާ ކުރައްވާށެވެ. ހަމަ ކަށަވަރުން ވެސް މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ.