ޚަބަރު މެދުއިރުމަތި

ފަލަސްތީނަށް އެހީވުމަށް މާފަރުގައި ގިނަ ހަރަކާތްތަކެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ނ.މާފަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މާފަރުގެ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ މާފަރު ޑިވަލޮޕްމަންޓް (އެސްއެމްޑީ)ގެ ރައީސް އަބްދުއްސައްތާރު އަލީ ވިދާޅުވީ މި ހަރަކާތްތަކަކީ މާފަރުގެ ހުރިހާ ޖަމިއްޔާތަކަކާއި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ.

މާފަރުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޓަކައި މިއަދު ހަވީރު ވަނީ ކާބޯތަކެތީގެ މައުރަޒެއް ވެސް ބާއްވައިފައެވެ. އަދި މާފަރުގެ ރައްޔިތުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް ޓަކައި މިއަދު ހަވީރު އެ ރަށުގައި ވެހިކަލް ބުރެއް ވެސް ބާއްވައިފައިވެއެވެ.

"މައުރަޒް ބޭއްވުނީ މާފަރު ރައްޔިތުން އެތަނަށް ބޭނުންވާ ތަކެތި ގެންގޮސްގެން، މިހާރު ވެސް ފަންޑު ރައިޒް ކުރުމަށް ޓަކައި ފަންޑުފޮށި ދެ މިސްކިތުގައި ބަހައްޓައިގެން މިއުޅެނީ" ސައްތާރު ވިދާޅުވީ އެންމެ ފުރަތަމަ އެ ރަށުގައި މި ހަރަކާތްތައް ފެށުމަށް ޓަކައި ބޭއްވީ ދަރުހެއް ކަމަށެވެ. އަދި ފަންޑު ފޮށި ހުޅުވައިލެވުނީ އެ ދަރުސް ނިންމާލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޒުވާނުންގެ ފަރާތުން އިތުރު ހަރަކާތްތަކެއް ރާވަން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާފަރު ސުކޫލްގެ އަންހެން މުވައްޒަފުން އެކި ކަހަލަ ކާއެއްޗެހި ތައްޔާރުކޮށް ރަށުތެރޭގައި ވިއްކާތާ މިހާރު ދެތިން ދުވަހެއް ވެއްޖެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހަރަކާތްތަކުގައި އެސްއެމްޑީގެ އިތުރުން މާފަރު ޔޫތު އެސޯސިއޭޝަން (އެމްވައިއޭ) އަދި އައިލެންޑް ސްޕޯޓްސް އެކަޑަމީ (އައިއެސްއޭ) އިން ވެސް ވަނީ މި ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ސައްތާރު ފާހަގަ ކުރެއްވީ މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ދެ ހަރަކާތް އެއް ވަގުތެއްގައި ކުރިއަށް ގެންދިޔައިރު ވެސް ދެ ހަރަކާތަށް ވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!