ރިޕޯޓް

އެހީ ރިޕޯޓު: ސިއްޙީ އެތައް މައްސަލަތަކެއް ދިމާވަމުން އަންނަ ތުއްތު އާއިޝާއަށް އެހީއެއްވަމާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މައިންބަފައިން އެންމެ ބޭނުންވާނެ އެއް ކަމަކީ އެ މީހެއްގެ ދަރިންނަށް ދުޅަހެޔޮ ރަނގަޅު ސިއްހަތެއް ލިބުމެވެ. ތިމާގެ ދަރިއަކީ ހުރިހާ އުފަލެއް ލިބި، ވޭނާއި ތުރާލުން ދުރުވެފައިވާ ކުއްޖަކަށް ވުމަށް ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ.

Ads by Sosun Fihaara

ނަމަވެސް ހަގީގަތަކީ، ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަމެވެ. ސިއްޙަތު ރަނގަޅު ކުދިންނާއި އުފެދުމުގައި ސިއްޙީ އެތައް މައްސަލަތަކަކާ އެކު އުފަންވާ ކުޑަ ކުދިން ވެސް މަދެއް ނޫނެވެ. އުންމީދާއި ހިތްވަރާ އެކު އެފަދަ ކުދިންނަށް ރަނގަޅު ފަރުވާ ދެވިއްޖެނަމަ، މާތް ﷲގެ އިރާދަފުޅާއެކު އެފަދަ ބަލި ހާލަތްތަކުން އެ ކުދިން ސަލާމަތް ކުރެވުމުގެ ފުރުސަތު ވެސް ބޮޑެވެ.

އުމުރުން އެންމެ 2 އަހަރުގެ އާއިޝާ ބިންތު އަލީ ޝިފާޒްއަކީ ވެސް އެފަދަ ވޭންތަކެއް އެންމެ ތުއްތު އިރުން ފެށިގެން ތަޙައްމަލު ކުރަމުން އަންނަ ހިތްވަރުގަދަ ތުއްތު ކުއްޖެކެވެ.

އާއިޝާގެ ބަލި ހާލަތާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އޭނާގެ މަންމަ އަގުލީމާ އިބްރާހިމް ބުނީ އާއިޝާ ދުނިޔެއަށް އައި އިރު ވެސް ހަމުގެ މައްސަލައެއް ކަމުގައިވާ އެގްޒީމާ ހުރި ކަމަށެވެ. އަދި ކުއްޖާއަށް ދެ މަހުން ފެށިގެން ވެސް ރޯގާއާއި ހުން އައުން ފަދަ ކަންކަން ވެސް ދިމާވި ކަމަށާއި އެކަންކަން ރަނގަޅު ނުވެ ހުރި ކަމަށް ވެސް އަގުލީމާ ބުންޏެވެ.

"އަބަދުވެސް ނޭފަތަށް ވެސް ބޭސް އަޅަން ޖެހޭ ނޭފަތް ބްލޮކް ވާތީ. އެއިރު މީހަކު ރަނގަޅު ޑޮކްޓަރެކޭ ބުނިއްޔާ ބުނިހާ ޑޮކްޓަރަކަށް ވެސް ވަނީ ދެއްކިފައި. ބޭބީގެ އެލާޖިކް ރިއެކްޝަންސް ވެސް ހުރި، ހޮޑުލުމާ މީގެ އިތުރުން ޕުއްޕު ހަރުވުން ވެސް ހުރޭ. ޕުއްޕު ހަރުވާން ފެށީ ހަ މަސް ފުރުނު ފަހުން ކާން ދޭން ފެށުމުން. އެއިރު ވެސް ހުން އައުމާއި ރޯގާ ޖެހުން ވެސް ހުރޭ. އަދި ހަމުގެ މައްސަލަ ވެސް ހުރި" ދަރިފުޅުގެ އެންމެ ތުއްތު އިރުގެ ހާލަތު ކިޔައިދެމުން މަންމަ ކިޔާދިނެވެ.

އަގުލީމާ އިތުރަށް ބުނީ އާއިޝާއަށް 18 މަހުގައި އެގޮތަށް ވަރަށް ބަލިވެގެން ޑރ. ނަޒްލާ މުސްތަފާއަށް ދެއްކި ކަމަށެވެ. ޑރ. ނަޒްލާ ޢާއިޝާގެ ލޭގެ ޓެސްޓެއް ވަގުތުން ހެދި ކަމަށާއި އާއިޝާގެ އޭއެންސީ ދަށްކޮށް ހުރިކަން އެ ޑޮކްޓަރު ފާހަގަ ކުރި ކަމަށް ވެސް އަގުލީމާ ބުންޏެވެ.

"ޑރ. ނަޒްލާ ވަގުތުން ވިދާޅުވި ނިއުޓްރޮޕީނިއާ ކަމަށޭ ޝައްކު ކުރެވެނީ އެހެންވީމަ ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރަށް ދާށޭ ޔަގީން ކުރަން. ބޭބީއަށް އެއިރު ވެސް ރަނގަޅަށް ޕުއްޕު ނުލެވޭ. އެހެންވެ ތަދުވާތީ އަބަދުވެސް ރޯނެ" އަގުލީމާ ބުންޏެވެ.

މީގެއިތުރުން އޭނާ ބުނީ އެއިރު އިންޑިއާ އަށް ގޮސް އަމްރިތާ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އާއިޝާގެ ކްރޯނިކް ކޮންސްޓިޕޭޝަން ވެސް ހުންނާތީ އެކަމަށް ވެސް ބޭސް ދެމުން ދާ ކަމަށެވެ.

އެއިރު އާއިޝާގެ ޓެސްޓުތަކެއް ހަދައިފައި، އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ 3 މަސް ފަހުން ކަމަށް ބުނި ކަމަށް ވެސް އަގުލީމާ ބުންޏެވެ.

"ދެން ބޯން މެރޯ އެސްޕިރޭޝަން ވެސް ހެދީ. އެކޮޅުގައި ތިބެން އެއީ ވަރަށް ގިނަ ޚަރަދު އެފަހަރު ވެސް ވަރަށް ގިނަ އަދަދަކަށް ފައިސާ ހޭދަވި" އަގުލީމާ ބުންޏެވެ.

ޖެނުއަރީ 2020ގައި އިންޑިއާއަށް ގޮސްފައި ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަ ދާގޮތަށް އެނބުރި އައީ މާރިޗު ކުރީ ކޮޅުގައި ކަމަށް އަގުލީމާ ކިޔައިދިނެވެ. އަނެއްކާ ވެސް ފުރައިގެން ދިޔައީ ސެޕްޓެމްބަރު 2020ގައި ކަމަށާއި އެ ފަހަރު ގޮސްފައި ބޭބީ އެޑްމިޓްކޮށް އައިވީއައިޖީ ޓްރިއަލްއެއް ދިންކަމަށާއި، އައިވީއައިޖީ ދިނުމުން ބޭބީގެ ނިއުޓްރޯފިލްސް ކައުންޓް 4000 އަށް އެރިކަމަށެވެ.

ނަމަވެސް ހަފުތާއެއް ފަހުން 2000 އަށް ވެއްޓުނު ކަމަށާއި، 500 އަށްވުރެ ދަށްވާ ކޮންމެ ފަހަރަކު ބޭބީ އެޑްމިޓްކޮށް ފަރުވާ ފަށަން ޖެހޭ ކަމަށް ޑރ. ލަފާ ދެއްވާފައިވާކަމަށް އާއިޝާގެ މަންމަ އަސަރާއެކު ކިޔާދިނެވެ.

"ބޭބީގެ އޭއެންސީ 500އަށް ނުވަތަ އެއަށްވުރެ ދަށްވެއްޖެ ނަމަ ވަގުތުން އެޑްމިޓު ކުރަން ޖެހޭ އަދި އައިވީއައިޖީ ދޭން ފަށަން ޖެހޭ. އެއީ ބާރުގަދަ އަދި ސައިޑް އިފެކްޓްސް ބޮޑު އައިވީއެއް. ބޭބީއަށް ކުރަމުންދާ ސައިޑް އިފެކްޓްސްގެ އަސަރުތައް ވެސް މިދަނީ ވަރަށް ބޮޑަށް ފެންނަމުން. ގަދަޔަށް ހުން އައުމާއި ވަރުބަލިވުމާއި ރުޅިގަދަ ވުމާއި، ނިދަން އުނދަގޫވުމާއި، އެލާޖިކް ރިއެކްޝަންސްތައް އަދި އެސެޕްޓިކް މެނިންގިޓިސް ފަދަ ކަންތައް ވެސް މިދަނީ ދިމާވަމުން" އާއިޝާ އަށް ކުރިމަތިވަމުންދާ އިތުރު ކަންތައްތަކުގެ ތަފްސީލު ކިޔައިދެމުން އަގުލީމާ ބުންޏެވެ.

އޮޓޯ އިމިއުން ނިއުޓްރޮޕީނިއާ ހުރި ތުއްތު އާއިޝާއަށް ވަނީ، މި އަހަރުގެ މިހާތަނަށް އައި އިރު ހަތަރު ފަހަރު އެޑްމިޓު ކޮށްގެން ފަރުވާ ދީފައެވެ. އަގުލީމާ ބުނި ގޮތުގައި އެ ކުއްޖާއަށް ކޮންމެ ދުވަހަކު ވެސް ގަވާއިދުން ދޭން ޖެހޭ ބޭސްތަކެއް ވެސް ހުރެއެވެ.

އެންމެ ފަހުން ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށްފަހު މި އަހަރުގެ އޭޕްރިލް މަހަކީ އާއިޝާ އަނެއްކާ ވެސް ފަރުވާއަށް އިންޑިއާއަށް ދާން އޮތް މަހެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިއުލާނުކުރި ފުރަބަންދާ ގުޅިގެން އާއިޝާގެ މައިންބަފައިންނަށް ވަނީ އެ ކުއްޖާ ގޮވައިގެން ނުދެވިފައެވެ.

އާއިޝާގެ މައިންބައިންގެ އޭނާގެ ދޮށްޓައް ވެސް ކުއްޖަކު ހުރެއެވެ. އެއީ ވެސް ކުޑަ ކުއްޖަކަށް ވުމާއެކީގައާއި މާލޭގައި އެ ކުއްޖާ ބަހައްޓައިފައި އެހާ ގިނަ ދުވަހަށް ދެވެން ނެތުމުން، ބޭސް ފަރުވާއަށް ދާން ޖެހެނީ ދެ ދަރިން ވެސް ގޮވައިގެންނެވެ.

އަގުލީމާ ބުނި ގޮތުގައި ރާއްޖޭގައި ޕިޑިއަޓްރިކް ހެމިޓޮލޮޖިސްޓެއް ނެތް ކަމަށް މާލެއިން އާއިޝާ ދެއްކި ހޮސްޕިޓަލުތަކުން ވެސް ވަނީ ޔަގީން ކޮށްދީފައެވެ. އާއިޝާއަށް ބޭނުންވާ ބޭސް ވެސް ރާއްޖެއިން ލިބެން ނުހުންނަ ކަމަށާއި އެ ބޭސް ވެސް ރާއްޖެއިން ބޭރުން ގެންނަން ޖެހެނީ އަމިއްލައަށް ޚަރަދު ކޮށްގެން ކަމަށް އަގުލީމާ ބުންޏެވެ. އާއިޝާގެ އޭއެންސީ ވެސް ކުއްލިއަކަށް ދަށްވާ ކަމަށާއި ބަލި ޖެހިފައި ހުއްޓާ އޭއެންސީ ދަށްވެއްޖެނަމަ ވަގުތުން އައިސީޔޫގައި އެޑްމިޓު ކުރަން ޖެހޭ ކަމަަށް ވެސް އަގުލީމާ ބުންޏެވެ.

އާއިޝާގެ އާއިލާގައި އާމްދަނީ ހޯދަން މަސައްކަތް ކުރަނީ އޭނަގެ ބައްޕަ އެކަންޏެވެ. މާލޭގައި ކުއްޔަށް އުޅެމުން، ދަރިންގެ ޚަރަދާއި، ބޭސް ފަރުވާގެ ޚަރަދުތައް ވެސް ކުރަން ޖެހުމުން މިހާރު އެ އާއިލާއަށް ވަނީ އެހެން މީހުންގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.

އާއިޝާ ގޮވައިގެން ބޭސް ފަރުވާއަށް ދާން ޖެހިފައި ހުރުމުން، ބޭސް ފަރުވާގެ ޚަރަދުތައް އާސަންދައިން ލިބުނު ކަމުގައި ވިޔަސް، އެހެނިހެން ޚަރަދުތައް ކުރަން ޖެހެނީ އަމިއްލަ އަތުންނެވެ.

ވީމާ އާއިޝާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން، ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރު 7707361516101 އަށް އަދި ޑޮލަރު އެކައުންޓު ނަންބަރު 7730000131521 އަށް ފައިސާ ޖަމާ ކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

އިތުރު މައުލޫމާތު 9730086 / 9848401 ނަންބަރު ފޯނަށް ގުޅުމުން ލިބޭނެއެވެ.

  1. ޙަނާ

    ﷲ ތިޔަ ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.އާމީން

  2. ފަސީ

    ލޯބިި ލޯބިި މަިއުސޫމްް ފުރާނައަށްް މާތްްﷲއަވަސްް ޝިފާއެއްް މިންވަރުު ކުރަށްވާށިި. އާމީން