ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ބާރު ހިނގުމެއްގައި ގޮސް ދޮރު ލައްޕަން އުޅުނު ވަގުތު ފެންއަރުވާ ވަޑާން ކައިރީގައި ހުރި ހިލަގޮނޑިމަތީގައި މީހަކު އިންހެން ހީވެ އެ ދިމާލަށް ރަނގަޅަށް ބަލައިލިއެވެ. ގެއިން ނިކުމެ ތަންކޮޅެއް ކުރިއަށް ޖެހިލައިފައި ބަލައިލީ އިތުރަށް ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އެ ތަނުގައި ދިއްލައިފައި ހުރި ލައިޓްގެ ފަނޑު އަލީގެ ތެރެއިން އެއީ އަނީކްކަން ޖީނާއަށް އެނގުނެވެ. އެހިނދު ޖީނާ ހައިރާންވިއެވެ. އެފަދަ ވަގުތެއްގައި އަނީކް އެކަނި އިނުމުން ހިތުގައި ސުވާލު އުފެދުނެވެ. ފަހުން އެއީ މުހިންމު ކަމަކަށް އޭނާއަށް ނުވިއެވެ. ތުން އަނބުރައިލައިފައި އެނބުރި ވަންނަން ދިޔަ ވަގުތު އިވުނު އަޑުން ޖީނާ ހުއްޓެން މަޖުބޫރުވިއެވެ. އެ އިވުނީ ފިރިހެނެއްގެ ގިސްލުމުގެ އަޑުކަން ޔަގީނެވެ. ޖީނާ ފަހަތް ބަލައިލިއެވެ. އަނީކް ރޮނީ ހެއްޔޭ ހިތަށް އެރިއެވެ. ޔަގީން ކޮށްލުމުގެ ގޮތުން ޖީނާ އިތުރަށް އަނީކް އިން ގޮނޑިއާ ކައިރި ވެލިއެވެ. އެހިނދު އެއީ އަނީކްގެ ގިސްލުމުގެ އަޑުކަން ޖީނާއަށް ޔަގީންވިއެވެ. މީ ފިރިހެނެއްގެ ގިސްލުމުގެ އަޑު ޖީނާއަށް އިވުނު ފުރަތަމަ ފަހަރެވެ. އަނީކް ދެކެ ކިތަންމެ ރުޅި އަޔަސް އެގިސްލުމުގެ އަޑު އިވި ޖީނާގެ ހިތް މަޑު ކަފަކޮޅަކަށް ވެއްޖެއެވެ. މަޑުމަޑުން ގޮސް އަނީކްގެ ކުރިމަތީގައި ހުއްޓެމުން އޭނާގެ ނަމުން ގޮވައިލިއެވެ. އެއާއެކު އަނީކް ސިހިފައި އޭނާގެ ދެލޯ ފޮހެލައިފިއެވެ. ޖީނާއަށް އަނީކްގެ ދެ ލޮލަށް ބަލައިލެވުނެވެ. ރަތްކަން ވެރިވެފައިވާ އަނީކްގެ ދެލޯ ފެނުމުން ޖީނާ ދެރަވެއްޖެއެވެ. އެރުއިމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ ބަލަން ނުހަނު ބޭނުންވިއެވެ.

Ads by STELCO

" ހުރިހާ ކަމެއް ރަނގަޅުތަ؟" އަނީކް އިން ގޮނޑީގައި އޭނާއާ ތަންކޮޅެއް ދުރުން އިށީންނަމުން ޖީނާ އަހައިލިއެވެ. އަނީކް ޖީނާއާ ދިމާލަށް ބަލައިލުމަށް ފަހު ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އޭރު ވެސް އޭނާގެ ދެލޯ ކައިރިން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

" އަހަރެންގެ ހާލު ފެނި ވަރަށް އުފާވެއްޖެ ދޯ؟" އަނީކް ސުވާލުކޮށްލިއެވެ. އޭނާގެ އަޑުގައި ވަނީ މަލާމާތުގެ ރާގެކެވެ. އަނީކް އެފަދަ ގޮތަކަށް އޭނާއާ މެދުގައި ދުށީތީ ޖީނާ ދެރަވިއެވެ. އެއްވެސް މީހަކަށް ދެރައެއް ލިބުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ. ބައެއް ކަންކަމުގައި އަނީކްދެކެ އޭނާ ރުޅި އައި ނަމަވެސް އޭނާ އަނީކަށް ނަފްރަތެއް ނުކުރެއެވެ. އެކަން އޭނާ ހެއްދެވި ފަރާތް ދެނެވޮޑިގެން ވާނެއެވެ.

" އަނީކް އަހަރެންނާ މެދު ތި ދެކެނީ ރަނގަޅަކަށް ނޫން... އަހައިލެވިދާނެތަ އަނީކްގެ ތި ރުއިމުގެ އަސްލަކީ ކޮބައިތޯ؟" ޖަވާބު އެނގެން ނުހަނު ބޭނުންވެފައި އިނދެ ޖީނާ އަހައިލިއެވެ. ޖީނާގެ މޫނު ނަޒަރު ވަކިކޮށްލަމުން އަނީކް ކުރިމައްޗަށް ބަލައިލިއެވެ.

" ޖީނާ ބޭނުންވި ގޮތަށް ތާޝާ އަހަރެން މުޅިން ބާކީ ކޮށްލައިފި.. މިތަނުގަ އަހަރެން ހުރުމުގެ ބޭނުމެއް ނެތް ކަންނޭނގެ ދެން... އަހަރެން ވަރަށް އަވަހަށް މިތަނުން ފުރައިގެން ދާނަން.. އެކަމަކު އޭގެ ކުރިން ޖީނާ ކައިރީގައި ބުނެލަން ބޭނުން ތި ކަންތައް ކުރަނީ އެންމެ ރަނގަޅަކަށް ނޫނޭ... ޒިދާން އެއީ ތާޝާއާ އެންމެ އެކަށީގެންވާ މީހާއެއް ނޫން... " ކުރެހިފައިވާ އޭނާގެ އަޑުން އަނީކް ބުންޏެވެ. އަނީކްގެ ރުއިމުގެ ފަހަތުގައި ވަނީ ތާޝާކަން އެނގުމުން ޖީނާ ހައިރާންވިއެވެ. އެހާ ވަރަށް އަނީކް ތާޝާ ދެކެ ލޯބިވެދާނެ ކަމަށް އޭނާ ހިޔެއް ނުކުރެއެވެ.

" ނޫން އަނީކް.. ޒިދާނަކީ އަނީކް ތި ހީކުރާ ކަހަލަ މީހެއް ނޫން... ކުޑަބައްޕަ އަނީކަށް ކިޔައިދީފައި ތި ވަނީ ހަޤީގަތެއް ނޫން... އަނީކް ތި ވަނީ ވަރަށް ބޮޑު އޮޅުވައިލުމެއްގެ ތެރޭގައި... ހަޤީގަތަކީ ކޮބައިކަން މިރޭ އަނީކަށް އަހަރެން ކިޔައިދޭނަން... ޤަބޫލު ނުކުރުމާއި ކުރުން އެއީ އަނީކްގެ ކަމެއް... ކުޑަބައްޕަ އަނީކް ކައިރީގައި ހެދީ ދޮގުކަން މިހާރު ވެސް އަނީކަށް އޮންނާނީ އެނގިފައި... އަހަރެންގެ ފޯނުން އަނީކަށް ދެއްކި ފޮޓޯ އެއީ އެޑިޓެއް ނޫންކަން ޔަގީން... އެފޮޓޯ ނެގީ އަހަރެންގެ މި ދެ އަތުން.." ޖީނާ ބުންނެވެ. އަނީކް އެއް މިޔަކަނުން ހިނިތުންވެލިއެވެ.

" ކޮބައިތަ ޖީނާ ތި ބުނާ ހަޤީގަތަކީ...؟ އައިމް އޯލް އިއަރސް" އޭނާ އިނީ އަޑުއަހަން ތައްޔާރަށް ކަމަށް އަންގައިދެމުން އަނީކް ބުންޏެވެ.

" އެހެންވީ އިރު އަޑު އަހާ!!.. ޒިދާނާއި ތާޝާ ބައްދަލުވީ މީގެ އަށް އަހަރު ކުރިން.. ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަން ފެށީ އެ ދެ ހިތުގައި ވެސް އެކަކު އަނެކަކަށް ޓަކައި ހާއްސަ މަގާމެއް ދެވިފައިވާތީ... ޒިދާން ލޯބި ހުށައެޅީ ތާޝާ އެ ކަމަށް އެދިއެދި ހުއްޓާ.. ލަހެއްފަހެއް ވެސް ނެތި ތާޝާ އެ ހުށައެޅުން ޤަބޫލުކުރީ އޭނާ ވެސް ޒިދާން ދެކެ އިންތިހާއަށް ލޯބިވާތީ.. ތިންއަހަރު ވަންދެން އެ ދެ މީހުން އުޅުނީ އިންތިހާއަށް އުފަލުގައި.. ދުވަހެއް ދުވަހަކަށް ވުރެ އެ ދެމެދުގައި އޮތް ގުޅުން އައީ އިތުރަށް ވަރުގަދަވަމުން.. ކަންތައްތައް ބަދަލުވާން ފެށީ ކުޑަބައްޕަ ދަތުރުވަރެއްގައި މާލެ އައި ހިސާބުން.. ޒިދާނާއި ތާޝާގެ ގުޅުން އެނގުމުން ސާފު ބަހުން ކުޑަބައްޕަ އެކަމަށް އިންކާރު ކުރި... ޒިދާން ކަހަލަ މެދު ފަންތީގެ ކުއްޖަކާ ތާޝާ ގުޅުން އެއީ ކުޑަބައްޕައަށް ބަލައިގަނެވޭނެ ކަމަކަށް ނުވީ... އެހެން ނަމަވެސް ތާޝާ ހުރީ އޭނާގެ ގޮތުގައި... ތާޝާ ހުރީ ޒިދާނާ ގުޅުން ކަނޑައިލާ ގޮތަކަށް ނޫން.. ކޮންމެ ގޮތެއް ހަދައިފައި ވެސް ކުޑަބައްޕަ ބޭނުންވީ ތާޝާ އެކޮޅަށް ގެންދަން.... އެހެން ނަމަވެސް ތާޝާ ހަމަހިލާ އެގޮތެއް ޤަބޫލެއް ނުކުރި.. ކުޑަބައްޕަ އެންމެ ރުޅިގަދަވީ ޒިދާންގެ އެދުމުގެ މަތިން ތާޝާ ބުރުގާ އެޅީމަ.. އެކަންވީ ކުޑަބައްޕަގެ ރުޅިގަނޑު އިތުރުކުރުވި ކަމަކަށް... ގަދަ ބާރުން ނަމަވެސް ތާޝާ އެކޮޅަށް ގެންދަން އުޅެނިކޮށް ތާޝާގެ މަންމަ އަދި އަހަރެންގެ ކުޑަމަންމަ އައީ... ކުޑަބައްޕައާ ހިލާފަށް ކުޑަމަންމަ އެ ދެ މީހުންގެ ގުޅުމަށް ރުހި ޤަބޫލުވި.. ކުޑަމަންމަގެ އެދުމުގެމަތިން ނުގަބޫލުގައި ވިޔަސް ކުޑަބައްޕައަށް ޖެހުނީ އެކަމަށް އެއްބަސްވާން.. ތާޝާ ހުރީ ވަރަށް އުފަލުން.. އޭނާ އެހާ އުފަލުގައި ވަނިކޮށް ދުވަހަކު ވެސް އަހަރެން ނުދެކެން... ޝާނާ ދޮންތައަށް ބާވީސް އަހަރުފުރުނު އުފަން ދުވަހުގެ މުނާސަބަތުގެ ޕާޓީއަށް ތާޝާ ޒިދާން ގެނައީ އޭނާގެ މައިންބަފައިންނާ ބައްދަލުކޮށްދެން ވެގެން... އަހަންނަކީ އުފަންދުވަސް ފާހަގަ ކުރާ މީހަކަށް ނުވުމުން އެރޭ އަހަރެން ކޮޓަރިއަކުން ނުނިކުންނަން... އިރުގަނޑެއްފަހުން ތާޝާ އައިސް އަހަރެންގެ ކޮޓަރިއަށް ވަނީ ރޮމުން.. " އެހިސާބަށް ބުނެފައި ޖީނާ ފުންނޭވައެއް ލިއެވެ. ޝައުޤުވެރިކަމާ އެކު ޖީނާގެ ވާހަކަތައް އަޑު އަހަން އިން އަނީކްގެ ޝައުޤުވެރިކަންވީ އިތުރެވެ.

" ކީއްވެ ތާޝާ ރުއީ؟ " ކެތްމަދުވެފައި އިނދެ އަނީކް ސުވާލުކޮށްލިއެވެ.

" އަހަރެން އެތައް ފަހަރަކު ސުވާލު ކުރުމުން ވެސް ރޮވޭ ވަރުން ތާޝާއަށް ޖަވާބުދެވޭ ގޮތެއް ނުވި... އަހަރެން އެހެން މީހުންނަށް ގުޅައިގެން އެތަނަށް ގެނައީ ހާސްވެފައި ހުރިވަރުން... ތާޝާ ބުނިގޮތުގައި ޝާނާ ދޮންތައާއި ޒިދާން އެކުގައި ނިދާފައި އޮތް މަންޒަރު ފެނުނީ... އަހަންނަކަށް ޤަބޫލެއް ނުކުރެވުނު... އެއީ ޒިދާނަކީ ކޮންކަހަލަ ކުއްޖެއްކަން އަހަރެންނަށް އެނގޭތީ.. އަދި ޝާނާދޮންތަ ރައްޓެހިވެގެން އުޅެނީ ޒިދާންގެ އެންމެ ގާތް އެކުވެރިޔާ ރާއިފާކަމަށް ވާތީ.. ރަހުމަތްތެރިޔާއާއި ލޯބިވެރިޔާއަށް ޒިދާން އެފަދަ ލަނޑެއް ދޭނެކަމަށް އަހަރެންގެ ހިތް ޤަބޫލެއް ނުކުރި.. ކުޑަބައްޕަ އައި ރުޅީގައި ޒިދާނާ ދިމާލަށް ދަނިކޮށް ޒިދާން ފެނުނީ ޝާނާދޮންތަގެ ކޮޓަރިން ނިކުންނަނިކޮށް.. ޒިދާނަށް އަނިޔާއެއް ދީފާނެތީ ކުޑަބައްޕަ ހުއްޓުވީ ތާޝާ.. އެރޭ ޒިދާނާ ހުރިހާ ގުޅުމެއް ތާޝާ ކަނޑައިލި... ތާޝާ ބޭނުންވީ އެރެއިން އެ ރެއަށް ފުރައިގެން ދާން... އަހަރެން ވަރަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިން.. އެކަމަކު ތާޝާ ހުރީ އަޑު އަހާގޮތަކަށް ނޫން... " ޖީނާ ކިޔައިދިނެވެ.

" ދެން ކޮބާ ޒިދާން ރަނގަޅުވެފަ.. ތާޝާއަށް އެފަދަ މަންޒަރެއް ފެނިގެން ދޯ ބުނާނީ" އަނީކް އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.

" އަދި އަހަރެން ކިޔައިދީ ނުނިމޭ... ތާޝާ އެ ނިންމުން ނިންމިތާ މާގިނައިރެއް ނުވެ އަނެއްކާ ވެސް އަހަރެންގެ ގާތަށް އައިސް ބުނީ ޒިދާންގެ އެއްވެސް ކުށެއް ނެތޭ... ޒިދާނަށް ގުޅާފައި ބައްދަލުކުރަން ދާން އުޅޭ ވާހަކަ ބުނީ... އެރޭ ގެއިން ނިކުތް ގޮތަށް ތާޝާ އެނބުރި ގެއަކަށް ނާދޭ... އިވުނީ ތާޝާގެ އެކްސިޑެންޓްގެ ޚަބަރު... ތާޝާ އެކްސިޑެންޓްވީ ކިހިނެއް ކަމެއް އެނގެނީ ހަމަ އެކަނި ކުޑަބައްޕައަށް... ތާޝާ ގޮވައިގެން މެލޭޝިޔާއަށް ފުރުމުގެ ކުރިން އަހަރެންނާއި މަންމައާއި ޝާނާދޮންތައަށް އިންޒާރު ދިނީ ތާޝާގެ އެކްސިޑެންޓްގެ ޚަބަރު ޒިދާނަށް ނުދިނުމަށް.. އަދި ތާޝާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް ނުދިނުމަށް... އެންމެ ކުރިން ފެށިގެން ވެސް އަހަރުމެން އުޅެމުން އައީ ކުޑަބައްޕަގެ ތައްޕާހުގަ... އެވާހަކަތައް ޒިދާނާ ހަމައަށް ގޮސްފިނަމަ މަގުމަތިވެދާނެ ކަމުގެ ބިރަށް މަންމަ އަހަރުމެންނަށް މަޖުބޫރުކުރީ.. އަދި އެމީހުންނަށް މަންމަ ކުރާ ޤަދަރެއްގެ ސަބަބުން ވެސްމެ.. އެކަމަކު މިހާރު މަގުމަތި ވެދާނެ ކަމަށް އަހަރެން ބިރެއް ނުގަނޭ... މަންމަ ގޮވައިގެން އެކަނި އުޅެވޭވަރަށް އަހަރެންގެ އަތުގައި ފައިސާ އެބަހުރި.. އަދި ޝާނާދޮންތަ ވެސް އިނދެގެން އެއުޅެނީ މާލޭގެ މުއްސަނދި އާއިލާއެއްގެ މީހަކާ... މިހާރު އަހަރެން ބޭނުން ވަނީ ތާޝާއާއި ޒިދާން ގުޅެން... އެދެމީހުން އެކަކު އަނެކަކު ދެކެވީ ތެދުވެރި ލޯތްބަށް ޓަކައި... މީހަކު ކަންތައް ކޮށްފާނެ ގޮތަކާ މެދު އަހަރެން މިހާރު ބިރެއް ނުގަނޭ... ބިރު ގަންނަން ޖެހޭ އެންމެ ފަރާތެއް ވަނީ.. އެއީ ހާލިޤުވަންތަ މާތްﷲ.. " ޖީނާ ކިޔައިދިނެވެ.

" ދެން ތިބުނީ ތާޝާގެ އެކްސިޑެންޓްގެ ހަޤީގަތް އެނގޭނީ ޑެނީ އަންކަލް އަށޭތަ؟؟.. އެކްސިޑެންޓްގެ ހަޤީގަތް ފޮރުވަންވީ ކީއްވެ؟؟؟... ޒިދާންގެ ކުށެއް ނެތްކަން އެނގުނީ ކިހިނެއްކަން ތާޝާ ނުބުނޭތަ؟؟ ޝާނާ އެފަދަ ކަމެއް ކުރީ ކީއްވެތޯ އޭނާ ކައިރިން ޖީނާ ނާހަންތަ؟؟" އަނީކް އޭނާގެ ހިތުގައި އުފެދުނު ސުވާލުތައް ބަނޑުންކޮށްލިއެވެ.

" ތިސުވާލުތަކުގެ ޖަވާބު އެނގެން އަހަރެން ވެސް ބޭނުންވި.. ކުޑަބައްޕަ ކޮންމެވެސް ކަމެއް ސިއްރު ކުރާކަން އަހަރެންނަށް އެނގެނީ... ޝާނާދޮންތަ ގާތުގައި އަހައިގެން އަހަރެންނަށް އެދެވޭ ޖަވާބެއް ނުލިބުނު... އަހަރެން އަނީކަށް ހަޤީގަތް މި ކިޔައިދިނީ... ތާޝާއާއި ޒިދާން އެކަކު އަނެކަކު ދެކެ ވަނީ ހަޤީޤީ ލޯބި... އެ ލޯބި އެ ދެ މީހުންނަށް ކާމިޔާބު ކޮށްދޭން އަހަރެން ބޭނުން ވަނީ ދެ ލޯބިވެރިން ދުރުކޮށްގެން ވާނެ ފައިދާއެއް ނޯންނާނެތީ... އަހަރެންނަކީ އަނީކް ނަމަ ހަމަގައިމު ވެސް އަހަރެން އެދޭނީ ތާޝާގެ އުފަލަށް.. އެއީ ބައެއްފަހަރު ލޯތްބަކީ ހާސިލުކުރުމަށް ކިޔާ ނަމަކަށް ނުވާތީ... ޤުރުބާނީއަށް ވެސް ލޯތްބޭ ކިޔާތީ" ޖީނާ ބުންޏެވެ. ޖީނާ ދެއްކި ވާހަކަތަކާ މެދު ވިސްނާލަން އަނީކަށް މަޖުބޫރުވިއެވެ. ހާއްސަކޮށް ފަހުން އެ ބުނެލި ދެޖުމްލަ އާ ދޭތެރޭ ފުންކޮށް ވިސްނައިލެވުނެވެ.

" ޤަބޫލުކުރަން ތާޝާ އަނީކާ އެކު ހޭދަ ކުރާ ވަގުތު މަދުވެއްޖެކަން.. އެކަމަކު އޭގެ ފަހަތުގައި ވެސް ސަބަބެއްވާނެ.. އެންމެ ރަނގަޅު ގޮތަކީ އެކަމާ ގުޅޭގޮތުން ތާޝާއާ ވާހަކަ ދެއްކުން.. ފުރައިގެން ދިއުމަކީ ހައްލެއް ނޫން!!" އިންތަނުން ތެދުވަމުން ޖީނާ ބުންޏެވެ.

" އަނީކާ ތާޝާ ދުރުކުރުމުގެ އެއްވެސް ނިޔަތެއް ނެތް... އަހަރެން ހަމައެކަނި ބޭނުން ވަނީ ތާޝާއަށް އޭނާއަށް ހައްޤުވާ ލޯބި ލިބެން.." މިހެން ބުނުމަށް ފަހު ޖީނާ ގޮސް ގޭތެރެއަށް ވަނެވެ. ޖީނާ ދެއްކި ވާހަކަތަކާ މެދު އިތުރަށް ވިސްނައިލުމަށް އަނީކް އެތާނގައި މަޑުކޮށްލިއެވެ.

*****

ފާޚާނާއިން ނިކުތް އަންސޫދާއަށް ކޮފީތައްޓެއް ހިފައިގެން ބެލްކަންޏަށް ނިކުތް ދާނިޔަލް ފެނުމުން އަތުގައި އޮތް ތުވާލި ، ހަރުގައި އަޅުވައިފައި ދާނިޔަލް ފަހަތުން ނިކުތެވެ. ރޭގަނޑުގެ އަނދިރިކަމުގައި އިމާރާތްތަކުން ފެންނަން ހުރި އެކު ކުލަތަކުގެ އަލިން ދުރު ފެންނަނީ ވަރަށް ސާދާ ގޮތަކަށެވެ. ރެއިލިންގައި އަތް އަޅުވައިލައިގެން ކޮފީތަށިން ލަސްލަހުން ބޯން ހުރި ދާނިޔަލް ފަހަތަށް ބަލައިލީ އޭނާގެ ބުރަކަށީގައި އަންސޫދާ ލައްވެލިކަން އެނގުމުންނެވެ.

"ކިހިނެއްވީ؟ އަހަރެން މިދަނީ އޮށޯންނަން. މިއަދު ބަލިކޮށްނު އުޅުނީ ވެސް" ކުރިމައްޗަށް އެނބުރި އަންސޫދާގެ ބުރަކަށީގައި ފިރުމައިލަމުން ދާނިޔަލް ބުނެލިއެވެ.

"އަހަރެންގެ މި ބަލި ރަނގަޅުކުރަން ޑެނީ ބޭނުންތަ؟" އަންސޫދާ ބުނެލިއެވެ. ދާނިޔަލް ހީލިއެވެ. ފަހަކަށް އައިސް އަންފޫޒާ ބޮލެއްގައި ރިއްސާތީ އުޅޭތީ ދާނިޔަލް ހުންނަނީ ކަންބޮޑުވެފައެވެ. ޑޮކްޓަރަކަށް ދާން ވެސް އަންސޫދާ އެއްބަހެއް ނުވިއެވެ.

"އާދެބަލަ މިތާ އިށީންނަން" އަނބިމީހާ އަތުގައި ހިފައިގެން އައިސް ބެލްކަނީގައި ހުރި ދަގަނޑު އުނދޯލީގައި ދާނިޔާލް އިށީނެވެ. އަދި ކުރިމަތީގައި ހުރި މޭޒުމަތީގައި ކޮފީތަށި ބެހެއްޓިއެވެ. އަންސޫދާ އިނީ ދާނިޔަލްގެ ކޮނޑުގައި ބޯއަޅައިލައިގެންނެވެ.

"އަހަރެންނަށް ހާދަ އުނދަގުލޭ. އަހަރެން ބޭނުން ވަނީ އެންމެފަހަރަކު ވެސް ތާޝާ ދެކިލަން ދާން. އެންމެ ދުވަހަކަށް ވިޔަސް އެކުއްޖާ ދެކިލާފަ އަންނަން" އަންސޫދާ ބުނެލިއެވެ.

"މާގިނަ ދުވަހެއް ނުވަނީސް އަތުވެދާނެ. އެކަމާ އެހާ ވަރަށް ނުވިސްނަބަލަ" އަންސޫދާގެ ބޮލުގައި ފިރުމައިލަމުން ދާނިޔަލް ބުނެލިއެވެ. ތާޝާ އަންނާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ދާނިޔާލްއަށް އޮތް ކަހަލައެވެ.

"މިހާރު ވެސް ކިހާ ދުވަހެއް މިވީ. އެމަންޖެ އަންނަން ބޭނުން ނުވަނީ ކަންނޭނގެ. އަޅެ ހިނގާބަލަ ގޮސްލަން. އަހަރެންގެ ބޮލުން ރިހުން ނުކެނޑެނީ އެމަންޖެއާ މެދު ވިސްނާވިސްނާ" އަންސޫދާ ބުނެލިއެވެ. މިފަހަރު ދާނިޔަލް ބަހެއް ނުކިޔައެވެ.

"އަހަރެން ހީކުރީ ކުރެވުނު ކަންތަކާ މެދު ދެރަވެ މައާފަށް އެދެން އަހަރެންނަށް ގުޅާނެކަމަށް.. އެންމެ ކުޑަމިނުން މެސެޖެއް ވެސް ކޮށްނުލާ... އަހަރެން ހިތަށް އަރާ ކޮންކަހަލަ ދަރިއެއްބާއޭ އެއީ. އަހަރެން ވެސް ނުގުޅަން މިހުންނަނީ ޑެނީގެ އެދުމަށް... އަހަރެން ކަންބޮޑުވަނީ އެންމެ ކަމަކާ. އެއީ މާޒީގައި ހިނގާފައި ހުރި ކަންތައްތައް ހަނދާނުގަ ހުރި ކުއްޖެއް ނޫން. ކަމެއްވެގެން އަނެއްކާ ވެސް އެމަންޖެ ބޮޑު ބައްޔަކަށް ހުށަހެޅިދާނެތީ. އެ ވެސް އަހަރެން ނެތް ތަނެއްގަ" އަންސޫދާ ބުނެލިއެވެ.

"އެހާ ވަރަށް ނުވިސްނަބަލަ. އަނީކް ވެސް އެބަހުއްޓެއްނު. އަނެއްކާ އަންފޫޒާގެ ގާތުގައެއްނު އެ ހުންނަނީ" ދާނިޔަލް ބުނެލިއެވެ. އެދެމީހުންނަށް އޭނާގެ ފުރިހަމަ އިތުބާރު އޮވެއެވެ.

އަންސޫދާ އިތުރަށް ވާހަކައެއް ނުދެއްކިއެވެ. ތާޝާދެކެ އެންމެ ލޯބިން އުޅޭތަން އަބަދުވެސް ފެންނަނީ ދާނިޔާލްއެވެ. ނުފެންނަ ހިސާބަށް ތާޝާ ގޮސްދާނެތީ މީގެކުރިން އެވާހަކަ އަބަދުވެސް ދައްކާނީ ދާނިޔަލްއެވެ. ހެނދުނު ސައިބޯން އަރައިފައި ވެސް ތާޝާ ލޮލަށް ނުފެންނަނީސް ދާނިޔަލް ފެންފޮދެއް ވެސް ގޮހޮރުގައި ނުޖައްސާނެއެވެ. އެކަމަކު މިހާރު ތާޝާ އޭނާއާ އެތައް މޭލެއް ދުރުގައި ހުރި އިރު މާބޮޑަށް ކަންބޮޑުވެގެން އުޅޭތަނެއް އަންސޫދާއަކަށް ނުފެނެއެވެ. އަންސޫދާ ރާއްޖެ ދާން ބޭނުންވެގެން އެވާހަކަ ދެއްކިޔަސް ދާނިޔަލް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެންކަމުން އަންސޫދާގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ދާނިޔަލް އޭނާއަށް ކަމެއް ސިއްރުކުރަނީ ހެއްޔެވެ؟ ނުވަތަ ތާޝާ ރާއްޖެ ދިޔުމުގައި ދާނިޔަލްގެ އަތެއް ވަނީ ހެއްޔެވެ؟

*****

ތާޝާއަށް ނަމާދު ނުކުރެވޭ ދުވަސްކޮޅަކަށް ވުމާ އެކު ފަތިސް ނަމާދަށް ޖީނާ ، ތާޝާއަކަށް ނުގޮވިއެވެ. ނަމާދުކޮށްލައިގެން ހެނދުނުގެ ޒިކުރުތައް ކިޔައިލުމަށް ފަހު ތިރިއަށް ފޭބީ ހޫނު ކޮފީތައްޓެއް ބޯލުމުގެ މަޤްސަދުގައެވެ. ސިޑިން ފޭބި ވަގުތު ގެއަށް އައިސް ވަން ޝާމިން ފެނި ޖީނާ ހައިރާން ވިއެވެ. އެހެންޏާ ނުފެންނަ މަންޒަރަކަށް ވާތީއެވެ.

" ޝާމިންބެ މިގަޑީ ކޮންތާކުން؟" ޝާމިން އޭނާއާ އަރާ ހަމަވުމުން ޖީނާ އަހައިލިއެވެ.

" މި.. މި އައީ ނަމާދަށް ގޮސްފަ.. ދެން މިގަޑީގަ ކޮންތަކާކަށް ދާނީ!! ހެހެހ" ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުން ޝާމިން ބުންޏެވެ. އެއަށް ފަހު ޖީނާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. ޝާމިން ދިން ޖަވާބު ޤަބޫލު ކުރަން ޖީނާއަށް ދަތިވިއެވެ. އެހެނީ ކޮންމެ ދުވަހަކު ވެސް މިގަޑީގައި ޖީނާ ތިރިއަށް ފައިބައެވެ. މިއަދު އެކަނި ޝާމިން ފެންނަންވީ ކީއްވެ ހެއްޔެވެ؟؟ ޝާމިންއަކީ ނަމާދަށް އެހާ ފަރުވާތެރި މީހެއް ނޫންކަން ޖީނާއަށް އެނގެއެވެ. ނޭނގޭ ސަބަބަކާ ހުރެ ފުރަތަމަ ފަހަރަށް ޝާމިން ހެދީ ދޮގެއްކަމާ މެދު ޖީނާއަށް ޝައްކުވިއެވެ. އެހެން ނަމަވެސް އެކަމާ މާބޮޑަށް ނުވިސްނާ ބަދިގެއަށް ވަދެ ކޮފީތައްޓެއް ތައްޔާރުކޮށްލިއެވެ.

*****

ތާޝާއަށް ހޭލެވުނު އިރު ޖީނާ ސްކޫލަށް ގޮސްފިއެވެ. މިއަދު ވެސް ޖީނާއާ ބައްދަލުނުވީތީ ތާޝާ ދެރަވިއެވެ. އޭނާ ހުރީ ޖީނާ ގާތުގައި އެތައް ވާހަކައެއް ދައްކަން ނިންމައިގެންނެވެ. އަނެއްކާ ވެސް ޖީނާ އަންނަންދެން އިންތިޒާރު ކުރަން ޖެހުމުން ފޫހިކަމެއް ލިބުނެވެ. ޒިދާނާ ބައްދަލު ކުރާ ހިތުން ވެސް ހުރެވެނީއެއް ނޫނެވެ. އެކަންވެސް ވާން އޮތީ ޖީނާ ގެއަށް އައި އިރަކުންނެވެ. ޖީނާ އަތުން ޒިދާންގެ ނަމްބަރު އަތުލެވުނު ނަމައޭ ހިތަށް އެރިއެވެ. އެއަޑު އަހައިލާ ހިތުން ވެސް ތާޝާ ވަނީ ކެތްމަދުވެފައެވެ. ފެންވަރައިގެން ނިކުމެ އާދައިގެ ގޮތަކަށް ރީތިވެލައިގެން ތާޝާ ކޮޓަރިން ނިކުތް ވަގުތު އެދިމާލަށް އައި ޝާމިން ގައިގައި ނުޖެހުނީ ކިރިޔާއެވެ. ޝާމިން އުޅޭ ކޮޓަރި ހުންނަނީ ސިޑީން އަރާއިރު އެންމެ ފުރަތަމައަށް ކަމަށްވެފައި ޖީނާގެ ކޮޓަރިއަކީ އެންމެ ބިއްދޮށުގައި ހުންނަ ކޮޓަރިއަށް ވުމާއެކު އެ ދިމާލަށް ޝާމިން އަންނަންވީ ސަބަބެއް ތާޝާއަކަށް ނުވިސްނުނެވެ.

" މޯނިން..." ތާޝާ ފެނުމާ އެކު ޝާމިން ބުންޏެވެ. ތާޝާ ބަހެއް ނުބުނެ ކުރިއަށް ހިނގައިގަތީ ގަސްދުގައެވެ. ޝާމިންގެ އަމަލުތައް ހުންނަ ގޮތުން އޭނާދެކެ ވަރަށް ބޮޑަށް ތާޝާ ފޫހިވެއްޖެއެވެ.

" ހާދަ ރުޅި އައިސްފައި.. " ތާޝާއާ އެއްވަރަށް ހިނގައިގަންނަމުން ޝާމިން ބުންޏެވެ. އެކަންވީ ތާޝާ އިތުރަށް ހިތްހަމަނުޖެހުނު ކަމަކަށެވެ.

" ތީ ހީވާ ގޮތް... " ތާޝާގެ ޖަވާބު ކުރެވެ. އޭނާ ޝާމިންއާ މާގިނަ ވާހަކަ ތަކެއް ދައްކާކަށް ބޭނުމެއް ނުވެއެވެ.

" ތާޝާ މިހާރު ޖީނާގެ ކޮޓަރީގަތަ އުޅެނީ؟" ޝާމިން އިތުރަށް އަހައިލިއެވެ. ޝާމިންއާ ވާހަކަ ނުދައްކަން ވެގެން ތާޝާ ކުރިއަށް ވުރެ ބާރަށް ހިނގައިގަތެވެ. އެހިނދު ޝާމިން ކޮށްލި ކަމަކުން ތާޝާގެ ގައިން ހީބިހި ނަގައިގަތެވެ. އައި ރުޅީގައި ޝާމިން އާ ދިމާލަށް ބަލައިލެވުނީ އަލިފާނުގެ ބެލުމަކުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!