ދީން

ޙައްޖުގެ އަޅުކަން މެދުކަނޑައިލި ފަހަރުތައް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޙައްޖާޖީންގެ ޢަދަދު މަދުކޮށް ޙައްޖުގެ އަޅުކަން އަދާ ކުރާން މިވަނީ މަޖުބޫރުވެފައެވެ. ފަހުގެ ތާރީޚުގައި އެތައް މިލިޔަން މުސްލިމުންނެއް ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން ކުރަމުން ދިޔަ ނަމަވެސް މީގެ ކުރިން ބައެއް ފަހަރު މަތިން ޙައްޖު ވަނީ ކެންސަލްކޮށްފައެވެ.

Ads by STELCO

އިސްލާމީ ތާރީހުގައި ވެސް މަތިވެރިވެގެންވާ ގެފުޅަށް ގޮސް ހައްޖުވުން މެދު ކަނޑައިލައިފައި ވަނީ 40 އަހަރުއެވެ. ތާރީހުގައި ހިނގާ ދިޔަ ބޮޑެތި ކަންތައްތަކުގެ ސަބަބުން ހައްޖު ފުރިހަމަ ނުކުރެވުނު ބައެއް ހާދިސާތަކަށް އަވަސް ކަޅިއެއް ހިންގައިލާނަމެވެ.

މީގެ 14 ޤަރުނުގެ ކުރިން ކީރިތި ރަސޫލާ ހައްޖަތުލްވަދާއުގައި ޚުތުބާ ދެއްވި ޖަބަލުއްރަޙްމާގައި މީލާދީން 865 ވަނަ އަހަރު ހިނގާދިޔަ ގަތުލްއާއްމުގެ ސަބަބުން ގިނަ ހައްޖުވެރިން ގަތުލް ވުމާ ގުޅިގެން އެއަހަރުގެ ހައްޖު ވަނީ ފުރިހަމަ ނުކޮށް މެދުކަނޑައިލައިފައެވެ. އެ ގަތުލްއާއްމު ހިނގާދިޔައީ، ބަޣްދާދު ޤާއިމްވެ އޮތް އައްބާސީ ޚިލާފަތުގެ ލަޝްކަރާއި އިސްމާއިލް ބިން ޔޫސުފްގެ ލަޝްކަރާ ދެމެދުގައެވެ.

318 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ޤަރްމާތީ ހަނގުރާމަވެރިން ހައްޖުމަހުގެ 9 ވަނަ ދުވަހު މައްކާއަށް އަރައި، 30000 ހައްޖުވެރިން ގަތުލުކުރުމާއި ގުޅިގެން އެ އަހަރުގެ ހައްޖު ވެސް ވަނީ ކެންސަލުކޮށްފައެވެ. ޤަރްމާތީ ހަނގުރާމަ ވެރިން ވަނީ އެ ހަމަލާ 11 ދުވަސްވަންދެން ކުރިއަށް ގެންގޮސްފައެވެ. ބައެއް ތާރީހީ ފޮތްތަކުގައި ލިޔެވިފައިވާގޮތުގައި، ޙައްޖުވެރިން ޤަތުލުކޮށް އެމީހުންގެ ހަށިތައް ޒަމްޒަމް ވަޅަށް އަޅަމުން ގެންދިޔައެވެ.

އައްބާސީންއާއި ފާޠިމީންގެ ސިޔާސީ ކޯޅުމުގެ ސަބަބުން މީލާދީން 983 ވަަނަ އަހަރުގެ ހައްޖުގެ އަޅުކަން ވަނީ މެދުކަނޑައިލައިފައެވެ. އެ ކޯޅުންތަކުގެ ސަބަބުން 8 އަހަރުވަންދެން ހައްޖުގެ އަަޅުކަން ވަނީ މެދުކެނޑިފައެވެ.

އިންޑިޔާގައި އުފެދުނު ބަލިމަޑުކަމެއް މައްކާއާ ހަމައަށް 1831ވަނަ އަހަރު ފޯރުމުން ޙައްޖުވުމަށް މައްކާއަށް ދަތުރުކުރި ތިންބައިކުޅަ އެއްބައި މީހުން މަރުވިއެވެ. އެ ފަހަރު ދުނިޔޭގައި ފެތުރިފައި ވަނީ ކޮލެރާއެވެ. އޭގެ ފަހުން 1837ވަނަ އަހަރާއި 1858ވަނަ އަހަރާ ދެމެދު އެކި ބަލިމަޑުކަން ފެތުރި 7 ފަހަރެއްގެ މަތިން ޙައްޖުގެ އަޅުކަން މެދުކަނޑައިލަން ޖެހުނެވެ. އެ ގޮތުން 1837ން 1840އަށް މައްކާގައި ހަލުވިކަމާއެކު ބަލިމަޑުކަމެއް ފެތުރުނެވެ. 1846ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް ކޮލެރާ ފެތުރި 15،000އަށްވުރެ ގިނަ މީހުން މަރުވިއެވެ. 1850ވަނަ އަހަރު އަންނަންދެން ބަލިމަޑުކަމުގެ ޙާލަތު މައްކާގައި ދެމިއޮތެވެ. 1865ވަނަ އަހަރާއި 1883ވަނަ އަހަރުވެސް ކޮލެރާ ފެތުރުނެވެ. އަދި 1858ވަނަ އަހަރު މުޅި ދުނިޔޭގައި އަނެއްކާ ވެސް ކޮލެރާ ފެތުރުމުން މައްކާއަށް ދަތުރުކުރި މިޞްރުގެ ޙައްޖާޖީން މިޞްރުގެ ރަތް ކަނޑުގެ އައްސޭރީގައި ކަރަންޓީނުވުމަށް މަޖުބޫރުވިއެވެ.

އޭގެ ފަހުން ކޮންމެ އަހަރަކުވެސް މައްކާގެ ޙަރަމްފުޅަށް ގޮސް ޙައްޖުގެ އަޅުކަންދަނީ ފުރިހަމަ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!