ކުރިޔަށް އޮތް ދެތިން ހަފްތާގައި ވެކްސިން ފުރިހަމަ ނުކުރާ މީހުން ގޭގައި ތިބުމަށް ސިންގަޕޫރުގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ސިންގަޕޫރުގެ ހެލްތް މިނިސްޓްރ ވިދާޅުވީ، ކޮވިޑް-19 ވޭދަނަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިހެންކަމުން ވެކްސިން ނުޖަހާ ފަރާތްތައް، ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް ދަތުރު ކުރާ މިންވަރާއި ގެއިން ބޭރަށް ނިކުންނަ މިންވަރު މަދުކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައެވެ.
ސިންގަޕޫރުގައި އިއްޔެ ވަނީ މުޖުތަމައުގެ ތެެރެއިން 88 މީހަކަށް މި ބަލި ޖެހިފައެވެ. މިއީ މިދިޔަ އޯގަސްޓް މަހަށް ފަހު އެންމެ ގިނަ މީހުން ބައްޔަށް ފައްސިވި ދުވަހެވެ.
ސިންގަޕޫރުގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ ކަރޯކޭ ބަރއަކާއި މަސް ކިރުވާ ތަނަކުން ފެށުނު ދެ ކުލަސްޓާރގެ ސަބަބަބުންނެވެ. މިކަމުގެ ސަބަބުން މަސް މާރުކޭޓުތަކާއި ބައެއް ބަރތައް ސަރުކާރުގެ އެންގުމަށް ވަނީ ވަގުތީ ގޮތުން ބަންދު ކުރެވިއެވެ.
އަވައްޓެރި ޤައުމުތަކާ އަޅައިބަލާއިރު އެ ޤައުމުގެ ހާލަތު ކުޑަކޮށް ރަނގަޅުވި ނަމަވެސް އޭޝިއާގެ ވިޔަފާރީގެ މައި ހަބްގެ ގޮތުގައި ސިފަ ކުރާ ސިންގަޕޫރުގައި ކޮވިޑް-19 ކޭސްތައް މިދާ ރޭޓުން އިތުރުވެއްޖެ ނަމަ އެކަމުގެ އަސަރު މުޅި އޭޝިއާއަށް ކުރާނެއެވެ.
ސިންގަޕޫރުގެ 5.6 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 73 އިންސައްތަ މީހުންނަށް ކޮވިޑް-19 ފުރަތަމަ ޑޯޒް ވަނީ ދީފައެވެ. އެހެންނަމަވެސް ވެކްސިން ޖެހި މުސްކުޅިންގެ އަދަދު މަދެވެ. ސިންގަޕޫރުގެ ސަރުކާރުން މިހާރު ވަނީ މުސްޅިންނަށް ޚާއްޞަކޮށް ވެކްސިން ޕްރޮގްރާމެއް ފަށައިފައެވެ.
ކޮވިޑް-19ގެ ވޭދަނަތައް މަދުމަދުން އިތުރު ވަމުން ދިއުމާ އެކު ސިންގަޕޫރުގައި ވަނީ މީގެ ހަފްތާއެއް ކުރިން ދިން ލުއިތައް މުރާޖަޢާކޮށް އަނެއްކާ ވެސް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެހެން ނަމަވެސް ވެކްސިން ޖެހި ފަރާތްތަކަށް ދިން ލުއިތަކަށް ބަދަލު ގެނެސްފައެއް ނުވެއެވެ.
މިވަގުތު ސިންގަޕޫރުގައި ކޮވިޑް-19 ޖެހިގެން 243 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މީގެ ތެރެއިން ފަސް މީހުންނަށް ފަރުވާ ދެނީ އޮކްސިޖަން ދީގެންނެވެ. އަދި އެކަކު އޮތީ އައިސީޔޫގައެވެ.