އޭޝިއާ

ކޮވިޑް-19އަކީ ލެބޯޓަރީއަކުން އުފެދުނު އެއްޗެއްތޯ ތަޙްޤީޤު ކުރަން ފެށުމުން ޗައިނާ ރަތަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު ކޮވިޑް-19 އުފެދުނު ގޮތް، ނުވަތަ އިންސާނުންގެ ގަޔަށް އެރިގޮތް ތަޙްޤީޤް ކުރުމަށް ޓަކައި ޗައިނާގެ ލެބޯޓަރީތައް ބެލުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުށަހެޅުމުން ޗައިނާއިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

ޑަބްލިއު.އެޗް.އޯ އިން ބުނެފައި ވަނީ ކޮވިޑް-19 ފެތުރެން ފެށިގެން ތަޙްޤީޤް ކުރަން އެ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތުގެ ދެވަނަ މަރުހަލާއަކީ ޗައިނާގެ ލެބްތައް ބެލުމެވެ. މިގޮތަށް ޗައިނާއިން ނިންމައިފައި ވަނީ އެމެރިކާއިން އެކަން ކުރުމަށް ބާރު އަޅަމުންދާތީކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ޑަބްލިއު.އެޗް.އޯ  އިން ނިންމައިފައި ވަނީ ވައިރަސްގެ ފުރަތަމަ ވޭދަނަ 2019 ވަނަ އަހަރު ޑިސެންބަރު މަހު ފެނުނު ވޫހާން ސިޓީގައި ހުރި ލެބްތައް އޮޑިޓް ކުރާށެވެ.

ޗައިނާގެ ވައިސް މިނިސްޓަރ އޮފް ނޭޝަނަލް ހެލްތް ކޮމިޝަން ޝެންގް ޒިންގް މިކަމާ ގުޅިގެން ވިދާޅުވީ، މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިއީ ވަރަށް އިޙްތިރާމް ކުޑަ ގޮތަކަށް ނިންމައިފައިވާ ނިންމުމެއް ކަމަށެވެ. އަދި ސައިންޓިފިކް އުސޫލުތަކާ ޚިލާފަށް ،  ފެންނަން ހުރި ހެކިތަކަށް ނުބަލައި މި ފަދަ ތަޙްޤީޤެއް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

ކޮވިޑް-19 ވައިރަަހަކީ ލެބޯޓަރީއަކުން ހެދި ވައިރަހެއް ނޫން ކަމަށް ޑަބްލިއު.އެޗް.އޯއިން މީގެ ކުރިން ކުރި ތަޙްޤީޤެއްގައި އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ. ދެވަނަ މަރުހަލާގެ ތަޙްޤީޤްގައި އެ ޖަމިއްޔާއިން ޚާއްސަ ސަމާލުކަމެއް ދީގެން ، މިއީ ލެބޯޓަރީއަކުން ލީކްވި ވައިރަހެއްތޯ ބެލުމަށް ވަނީ ނިންމައިފައެވެ. ޗައިނާއިން ވަނީ ވައިރަސް ލީކްވިތޯ ނުވަތަ ނޫންތޯ ކުރާ ތަހްޤީޤްގައި އެމެރިކާ ފަދަ ޤައުމުތަކުގެ ލެބްތައް ވެސް ބެލުމަށް ގޮވައިލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!