ލުއި ޚަބަރު

ހޯދަން ވަރަށް އުނދަގޫވި މީހެއްގެ ވޮލެޓު އަނބުރާ ރައްދުކުރި ގޮތް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓްވިޓާގައި މިދުވަސްކޮޅު އެންމެ ގިނަ ތައުރީފެއް ލިބިފައިވާ އެކަކީ، ލަންޑަންގައި ދިރިއުޅޭ ލާހޯރްގެ ޣާޒީ ތައިމޫރަށެވެ.

Ads by Hajj Corporation

ޣާޒީ ވަނީ މި މަހުގެ 29ވަނަ ދުވަހު މަގުމަތިން އޭނާ ހޯދި ވޮލެޓެއް، އޭގެ ވެރިފަރާތަށް ރައްދު ކޮށްގެން އާންމުންގެ މެދުގައި ބަޠަލަކަށް ވެފައެވެ. ސަބަބަކީ ވޮލެޓުގެ ވެރިމީހާ ހޯދަން ޣާޒީ ކުރި ބުރަ މަސައްކަތް ހާމަވުމެވެ.

ލަންޑަންގެ ޝޯޑިޗް ހައި ސްޓްރީޓުން ވޮލެޓެއް ހޮވި ކަމަށާއި އޭގައި އޮތް ބެންކް ކާޑަކުން އެނގުނީ އެއީ "ރާހުލް އާރް."އެއްގެ ވޮލެޓްކަމަށް ޣާޒީ ވަނީ ޓްވިޓާގައި ބުނެފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ. އޭނާ ކުރި މަސައްކަތް ވަރަށް ތަފްސީލުކޮށް ވަނީ ޓްވިޓާގައި ހިއްސާ ވެސް ކޮށްފައެވެ.

ރާހުލް ހޯދަން ޣާޒީ އެންމެ ފުރަތަމަ މަސައްކަތް ފެށީ މީސްމީޑިއާއިންނެވެ. އެގޮތުން ފޭސްބުކްއާއި ޓްވިޓާ އަދި އިންސްޓަގްރާމް އިން "ރާހުލް އާރް." އއް ފެނޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

"މިއޮތް ފަދަ މީސް މީޑިއާގެ ޒަމާނުގައި ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމުން ވެސް ރާހުލް އާރް. އެއް ނުފެނުނު. މިކަން މިވަނީ އަހަރެން ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށް" ވޮލެޓު އަނބުރާ ރައްދު ކުރުމަށް ކުރި މަސައްކަތުގެ ތަފްސީލެއް ދެމުން ޣާޒީ ބުންޏެވެ.

އޭގެ ފަހުން އޭނާ ވަނީ ރާހުލް ހޯދަން ގޫގްލްގެ އެހީ ވެސް ހޯދައިފައެވެ. ނަމަވެސް އޭގެން ރާހުލްއެއް ފެނުނު އިރު އެ މީހާއަކީ ގުޖްރާތުގައި އުޅޭ މީހެއް ކަމަށް ބުނެފައިވާތީ، އެއީ އޭނާ ހޯދާ މީހާ ނޫންކަން އެނގުނު ކަމަށް ޣާޒީ ބުންޏެވެ.

އެއަށް ފަހު އޭނާ ދެން މަސައްކަތް ފެށީ "ލިންކްޑްއިން"އިން ރާހުލް ފެނޭތޯއެވެ. ތިން ރާހުލްއެއް އޭގެން ފެނުނު ކަމަށާއި އޭގެން އެކަކީ ޔޫކޭގެ ފުޑް އެންޑް ބެވަރެޖް ކޮމްޕެނީއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ބުނެފައިވާތީ، އެއީ ޣާޒީ އެ ހޯދާ "ރާހުލް"ކަމާ މެދު ވަރަށް ބޮޑަށް ޔަގީން ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

ރާހުލް މަސައްކަތް ކުރާ އޮފީހުގެ އެޑްރެސް ލިންކްޑްއިންގައި ނެތުމުން، ކޮމްޕެނީގެ ރަސްމީ ވެބްސައިޓަށް ގޮސް އެޑްރެސް ހޯދި ކަމަށް ޓްވިޓާގައި އޭނާ ބުނެފައިވެއެވެ.

އެންމެ ފަހުން ޣާޒީ ހޮވި ވޮލެޓު އޭނާ ވަނީ އޭގެ ވެރި ފަރާތަށް ރައްދު ކޮށްފައެވެ. ރާހުލްއަށް ވޮލެޓު އަނބުރާ ލިބުމާ އެކު ލިބުނީ ޝޮކެއް ކަމަށާއި އުފަލުން ގޮސް ރޮވެން ކަައިރިވެފައި ހުރި ކަމަށް ޣާޒީ ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!