އޭޝިއާ ދުނިޔެ

24 ގަޑި އިރުތެރޭ އަފްގާންގެ ދެ އަވަށެއް ތާލިބާނުންގެ ބާރުގެ ދަށަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ތާލިބާނުން ގެ ހަނގުރާމަވެރިންތަކެއް/ ފޮޓޯ ތަ ގާޑިއަން

ފާއިތުވީ 24 ގަޑިއިރު ތެރޭ އަފްގާނިސްތާނުގެ ދެ އަވަށެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދެ އަވަށަކީ ޖަވުޒްޖަންގެ ޝެބެރގާން ސިޓީއާއި ނިމްރޯޒްގެ ޒަރަންޖް ޕްރޮވިންސްއެވެ.

ޝެބެރގާން ސިޓީގެ ޑެޕިއުޓީ ގަވަރުނަރު ގަދެރް މާލިއާ ވަނީ އެ ސިޓީ ތާލިބާނުންގެ އަތް ދަށަށް ގެންގޮސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

"ނަސީބު ދެރަކަމުން މުޅި ސިޓީ ވެސް އެ މީހުންގެ އަތްދަށަށް ގޮސްފި" އޭއެފްޕީއަށް މައުލޫމާތު ދެމުން މާލިއާ ބުނެފައިވެއެވެ.

ޝެބެރގާން ސިޓީގެ ޕްރޮވެންސިއަލް ކައުންސިލަރ ބިސްމިﷲ ސާހިލް ބުނެފައިވާ ގޮތުގައި ތާލިބާނުން ވަނީ އެ ސިޓީގެ މައި އިމާރާތްތައް އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިގޮތުން ޕޮލިސް ހެޑްކުއާޓާރސްއާއި ގަވަރުނަރުގެ އޮފީހުގެ އިތުރުން އެސިޓީގެ ޖަލު ވެސް ވަނީ ތާލިބާނުންގެ ބެލުމުގެ ދަށުގައެވެ. އެހެން ނަމަވެސް ޖަވްޒަން ސިޓީގެ ޕާރލިމެންޓް މެމްބަރު ކަމުގައިވާ މުހައްމަދު ކަރީމް ބުނެފައިވާ ގޮތުގައި އަފްގާން ސަރުކާރުން އަދިވެސް ދަނީ ބައެއް އިމާރާތްތައް ތާލިބާނުންގެ އަތް ދަށު ވިޔަ ނުދީ ހިފެހެއްޓޭތޯ މަަސައްކަތް ކުރަމުންނެވެ. އެގޮތުން އެސިޓީގެ އެއަރޕޯޓް އަދި ސިފައިންގެ މަރުކަޒު އަދިވެސް ވަނީ ސަރުކާރުގެ ބާރުގެ ދަށުގައެވެ.

އަފްގާން ސަރުކާރާއި ތާލިބާނުންގެ މެދުގައި މަޝްރަހު ހޫނުވެ ހަމަލާތައް ބަދަލުކުރަމުންދާ މި ދަނޑިވަޅުގައި ތާލިބާނުން ވަނީ ސަރުކާރުގެ މީޑިޔާ އެންޑް އިންފޮމޭޝަން އޮފިސަރު މަރައިލައިފިއެވެ.

ސަރުކާރުގެ އެންމެ އިސް މީޑިޔާ އޮފިޝަލުކަމުގައިވާ ދަވާ ހާން މަނިޕަލް މަރައިލައިފައިވާކަމަށް އަފްގާނިސްތާނުގެ ފެޑެރަލް އިންޓީރިއަރ މިނިސްޓްރީގެ އޮފިޝަލެއް ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!