ހައިކޯޓުން ވެސް ނިންމީ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރަން
މަސްތުވާތަކެތީގެ ދައުވާތަކެއް އުފުލިފައިވާ ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓު ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެ މައްސަލައިގައި އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރިއެވެ.
ދައުލަތުން ޕެސްޓުގެ މައްޗަށް ވަނީ ފަސް ދައުވާއެއް ކޮށްފައެވެ. އެއީ:
▪︎ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި
▪︎ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި
▪︎މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއާއި
▪︎ ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން
▪︎ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ދައުވާއެވެ.
އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ޖޫން މަހުގައެވެ.
ދަށު ކޯޓުން ކޮށްފައިވާ އަމުރު ޕެސްޓުގެ ފަރާތުން މިއަދު އިސްތިއުނާފް ކުރުމުން، އެ ކޯޓުން މިއަދު ކުރި ހުުކުމުގައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުރުމުންނާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން ބަންދާ މެދު ގޮތެއް ނިންމުމުގައި ކޯޓުން ބަލަން ޖެހޭނީ އެ ކަންތައްތަކަށް ކަމަށް އެ ހުކުމުގައިވެއެވެ.