އެފްރިކާ ދުނިޔެ

ތޫނީސިއާގައި އެއް ދުވަހުގެ ތެރޭގައި ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުތުރު އެފްރިކާގައި އޮންނަ ޢަރަބި ޤައުމެއްކަމަށްވާ ތޫނީސިއާގައި އެއް ދުވަހުގެ ތެރޭގައި ބައި މިލިޔަން މީހުންނަށް ވެކްސިން ޖަހައިފިއެވެ.

Ads by WAMCO

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން އެ ގައުމުން މިހާރު ފުރިހަމަކޮށްފައި ވަނީ 1.3 މިލިޔަން މީހުންނެވެ. އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 610،000އަށް އަރައިފައެވެ. އަދި ބަލިމަޑުކަމުގައި 20،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 ފެތުރުން އިތުރުވެފައިވާ ތޫނީސިއާގައި އާދިއްތަ ދުވަހު ވަނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ. އެ ގައުމުގެ އެކި ހިސާބުތަކުގައި ވެކްސިން ސެންޓަރުތައް ގާއިމްކޮށް ފެށި މި ޕްރޮގްރާމްގައި އެ ދުވަހު 551،000އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފައިވެއެވެ.

އެ ޤައުމުން މަސައްކަތްކުރަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އާބާދީގެ 50 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށެވެ. އެ ގައުމުގައި މިހާރު ފެތުރެމުންދަނީ ކޮވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓެވެ.

މި ބައްޔަށް މީހުން ފައްސިވާ އަދަދު ގިނަވަމުން ދިޔުމާ ގުޅިގެން އެ ގައުމުން ވެސް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމާއި ޖާގައިގެ ދަތިކަން ކުރިމަތިވަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!