ވާހަކަ

ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

"އިރާދަކުރެއްވިއްޔާ މި ކައިވެންޏެއް ނުކުރެވޭނެ... އެންމެ ފަހު ފަހަރަށް އަހަރެންނަށް އިތުބާރުކޮށްދީ.. ކަންތައްކުރަންވީ ގޮތް އަހަރެން މެސެޖް ކުރާނަން!"ޝާނާ އެހެން ބުނީ ފުރިހަމަ ސާބިތުކަމާ އެކީގައެވެ. ރާއިފް ވެސް އެންމެ ރަނގަޅޭ ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ވެދިޔަ ކަންތަކަށް ފަހު ޝާނާއަށް އިތުބަރު ކުރަން އުނދަގުލެވެ. އެހެން ނަމަވެސް ވަގުތު ކުޑަތަންވެފައި ވުމާއެކު ޝާނާއަށް އިތުބާރުކުރުން ނޫން ގޮތެއް ނެތެވެ. ޒިދާންގެ ހަޔާތް އާބާދުކޮށްދިނުމަށް ޓަކައި ކުރެވުނު ކޮންމެ ކުރުމަށް ރާއިފް ތައްޔާރެވެ.

Ads by Sosun Fihaara

*****

އިރުއޮއްސެން ކައިރިިވިއިރު ޖީނާ ހުރީ މުޅިން ވަރުބަލިވެފައެވެ. މިރޭގެ ޙަފްލާގައި ބައިވެރިވާން ޖީނާ ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް އެ ހަފްލާގައި ބައިވެރިވާން މަޖުބޫރުކުރީ އޭނާގެ އަމިއްލަ ނަފްސެވެ. އޭނާއަކީ އެހާ އަވަހަށް ދެރަ ޤަބޫލުކުރާ މީހެއް ނޫންކަން އަނީކަށް ދައްކާން ބޭނުން ނުވާތީއެވެ. އެކަމަކު އޭނާގެ ފުރަތަމަ ލޯބި ނާކާމިޔާބުވާ ތަން ބަލަން އޭނާއަށް ކެތްވާނެ ހެއްޔެވެ؟ ކޮންމެ ގޮތެ އްވިޔަސް މިރޭ ތާޝާ، އަނީކާ އިންނަން ރަންކިޔުމަށް ފަހު އަނީކް ވާނީ އޭނާގެ ޅިޔަނަކަށެވެ. ޅިޔަނަކާ ދޭތެރޭގައި އެފަދަ ގޮތަކަށް ދެކެން އަމުދުން ޖީނާ ބޭނުމެއް ނޫނެވެ. އެކަމަކު އޭނާގެ ހިތުގައި އަނީކަށް ޓަކައިވާ އިހުސާސްތައް އެހާ އަވަހަށް ފިލައިގެން ގޮސްދާނެ ބާއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އޭނަ ޖެހޭނީ ކެތްތެރިވާށެވެ. ބީވެ ދިޔަ އެއްޗަކަށް ވުރެ ރަނގަޅު އެއްޗެއް ލިބެން މެނުވީ އެއްޗެއް އަތުން ބީވެގެން ނުދާނެކަން އެއީ ޖީނާ ޔަގީންކުރާ ގޮތެވެ. އެހެން ނަމަވެސް ، މޫނުމަތިން ހަމަޖެހޭ ގޮތް ދެއްކި ނަމަވެސް އޭނާގެ ހިތް އިންތިހާއަށް ރޮމުން ދިޔުމަކީ ވެސް ޤަބޫލުކުރަން ޖެހޭ ހިތި ހަޤީގަތެކެވެ.

މަސައްކަތް ނިންމައިލުމަށް ފަހު ޖީނާ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ ބަންގި ގޮވަން ކައިރިވެފައިވާތީއެވެ. އަނީކްގެ ކޮޓަރި ހުރަސްކޮށް ދިޔަ ވަގުތު ސިހުމެއް ލިބުނީ ކޮންމެ ވެސް މީހަކު އޭނާގެ އަތުގައި ހިފާ އެ ކޮޓަރި ތެރެއަށް ދަމައިގަތުމުންނެވެ. ސިހިފައި ހުރި ޖީނާއަށް އަނީކްގެ މޫނު ފެނިގެން ދިޔަ ހިނދު މޫނުމައްޗަށް ވެރިވެގަތީ ރުޅިއެވެ. ހަމަ އެހިނދުގައި އަނީކް އޭނާގެ ކޮޓަރީގެ ދޮރު ވެސް ލައްޕައިފިއެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ... އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟ ތިގޮތަށް އަންހެން ކުއްޖެއްގެ އަތުގައި ހިފައި ކޮޓަރިއަށް ވައްދަން ލަދެއް ނުގަނޭތަ.. އަދި އެވެސް ވާން އުޅޭ ފަހަރިއެއްގެ؟" ޖީނާ ހަޅޭއްލައިވައިގަތެވެ. އަނީކްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ މާޔޫސްކަމެވެ. ޖީނާ މިއަދު އޭނާއާ ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް އޭނާއެއް ނުހުއްޓުވާނެއެވެ. ޖީނާއަށް އެކަން ހައްޤެވެ. އަނީކަށް ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުމަށް އެންމެ މުހިންމު ވާނީ އިތުބާރެވެ. އެހެން ނަމަވެސް އަނީކް ޖީނާއަށް ޝައްކުކޮށް އޭނާއާ ދިމާލަށް އެއްޗެތި ގޮވީ އޭނާގެ އެއްވެސް ކުށަކާ ނުލައެވެ. އެވެސް މާދުރު މީހެއް ބުނި ބުނުމަކަށެވެ.

" އަހަރެންނަށް މައާފުކުރޭ ޖީނާ... އަހަރެންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ" އަނީކް ކުރެހިފައިވާ އަޑަކުން ބުންޏެވެ. ރުޅި އައިސްފައިވާ ޖީނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައީ އަނީކްގެ ލޮލުން ފޭބި ކަރުނައިގެ ރޮގު ފެނިފައެވެ. އެހެން ނަމަވެސް ދެވަނަ ހިނދުގައި އަނެއްކާ ވެސް އަނީކް ކުޅިވަރެއް ކުޅެން އުޅެނިއްޔޭ ހިތަށް އެރިއެވެ.

" ﷲއަށް ޓަކައި ބުނަން އަނީކް! އަހަރެންނާ އެކު ތި ކުޅިވަރުތައް ކުޅުން ހުއްޓާލާ! ދެތިން ގަޑިއިރެއްގެ ތެރޭގައި އަނީކްތީ އަހަރެންގެ ޅިޔަނަކަށް ވާނެ... އަހަރެން ބޭނުން ވަނީ ވެދިޔަ ހުރިހާ ކަމެއް ހަނދާން ނައްތައިލައިފައި އާ ފެށުމަކުން ފަށަން.. އެހެންވީމަ އަނީކްވެސް ތި ކުޅިވަރުތައް ހުއްޓައިލާފައި ދިރިއުޅުމުގައި ތަންކޮޅެއް ސީރިއަސް ވެބަލަ.. އަނީކަށް އެންމެ ލޯބިވާ ކުއްޖާޔާ އިނދެވެން އުޅޭއިރު ކީއްވެތަ ތިހެން ތިއުޅެނީ.." ޖީނާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

" ނޫން ޖީނާ ތިހެން ނުބުނޭ... އަހަރެން ތާޝާއާ އިންނަން އެއްބަސްވީ އެ ވަގުތު ޖީނާދެކެ އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން.. ޖީނާ ޤަބޫލު ކުރިޔަސް ނުކުރިޔަސް އަހަރެން އަދިވެސް ލޯބި ވަނީ ޖީނާ ދެކެ... ހަމަ ހުވާކޮށްފަ ބުނަން.. އަހަރެން ޖީނާ ދެކެ ވަރަށް ލޯބިވޭ.. މީގެ ކުރިން ދުވަހަކު ވެސް މީހަކު ދެކެ މިހާ ލޯތްބެއް ނުވެވޭ.. އޭރު ވެސް އަހަރެން ޖީނާ ދެކެ ލޯބިވާ ވާހަކަ ބުނީ ކޮންމެހެން ޖީނާގެ އިހުސާސްތަކާ ކުޅޭކަށް ނޫން.. އެކަމަކު އެ ދުވަހު އަހަރެންނަށް ލިބުނު މެސެޖްތަކެއްގެ ސަބަބުން އަހަރެންނަށް ޖީނާ ދެކެ ރުޅި އާދެވި ޖީނާއާ ޒިދާންގެ ގުޅުމަށް ޝައްކު ކުރެވުނީ.. މިހާރު އަހަރެންނަށް ހަޤީގަތް އެނގިއްޖެ.." އަނީކް ކިޔައިދިނެވެ. އެ ވާހަކަތައް އިވިފައި ޖީނާ ހުރީ ހައިރާންވެފައެވެ. އަނެއްކާ ވެސް އަނީކް މޮޅު ވާހަކަތަކެއް ދައްކާ އޭނާގެ އިހުސާސްތަކާ ކުޅެން މަސައްކަތް ކުރަނީބާއޭ ހިތަށް އެރިއެވެ.

" އަނީކް އާދޭސްކޮށްފަ ބުނަން.. ތި ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރާކަށް އަހަރެން ބޭނުމެއް ނޫން... ދެން އިތުރަށް މިތާ ހުންނާކަށް ވެސް ބޭނުމެއް ނޫން.. " ދޮރުހުޅުވަން މަސައްކަތް ކުރަމުން ޖީނާ ބުންޏެވެ. ނަމަވެސް އޭގެ ކުރިން އަނީކް ޖީނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

" ނޫން ޖީނާ!! ﷲ ގަންދީ ހުވާކޮށްފަ ބުނަން! އަހަރެން މި ދައްކަނީ ހަމަ ތެދު ވާހަކައެއް.. ޤަބޫލު ނުކުރެވެންޏާ ބަލައިލަބަލަ.." އަނީކް ޖީނާއަށް އޭނާގެ ފޯނު ދައްކައިލަމުން ބުންޏެވެ. ޖީނާ ނުރުހިފައި ހުރި ނަމަވެސް އަނީކް އަތުން ފޯނު އަތުލައިފައި ބަލައިލިއެވެ. އެވަގުތު އޭނާއަށް ލިބިގެން ދިޔައީ ކުޑަވަރެއްގެ ޝޮކެކެވެ.

" ތީ އެ ދުވަހު ތާޝާ ބަލާ ޒިދާންމެން ގެއަށް ދިޔަ މަގުމަތީގައި ޝާމިން އަހަރެންނަށް ފޮނުވި މެސެޖްތަކެއް.. އެހެންވެ އެ ދުވަހު އައިސްފައި ހުރި ރުޅީގައި އެއްވެސް ކަމެއް އެނގޭ ކަމަށް އަހަރެން ނުހެދީ... އެކަމަކު މިއަދު ޖީނާގެ ދޮންތަގެ ފަރާތުން އަހަރެންނަށް ހަޤީގަތް އެނގިއްޖެ... ޕްލީޒް އަހަރެންނަށް މައާފުކުރޭ ޖީނާ" އަނީކް ބުންޏެވެ. ޖީނާ އަނީކާ ދިމާލަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ.

" ލޯބިވާން ވާނީ ތިމާއަށް އިތުބާރު ވެސް ކުރެވޭ ފަރާތެއް ދެކެ..އެއްކޮޅުން ލޯބިވެއޭ ބުނެފަައި ދެން އޮތް ސިކުންތުގައި އެމީހަކަށް އޮތް އިތުބާރު ގެއްލުވައިލީމަ އެ ވެވުނީ ލޯތްބެއް ނޫން.. އަނީކް އަހަރެންދެކެ ހަޤީގަތަށް ވެސް ލޯބިވާ ނަމަ މިމެސްޖްތަކުގައި މިވާ ކަންތައްތައް ޤަބޫލުކުރުމުގެ ބަދަލުގައި އެންމެ ފަހަރަ ކުވެސް އައިސް އަހަރެން ކައިރީގައި ތެދުދޮގު އަހައިލާނެ.. އަހަރެންގެ މުސްތަޤުބަލުގައި ފިރިއެއްގެ ގޮތުގައި އަހަރެން ބޭނުން ވަނީ އަހަރެންދެކެ ލޯބިވާ ކޮންމެ ފަދަ ހާލެއްގައި ވެސް އަހަރެންނަށް އިތުބާރުކުރާނެ ފިރިއެއް.. އެކަމަކު އެ ސިފަތަކެއް އަނީކްގެ ކިބައިގައި ނެތް... އަހަރެން ބޭނުމެއް ނޫން އަނީކް ފަދަ މީހަކާ ގުޅިގެން އަހަރެންގެ ހަޔާތުން ދުވަސްތަކެއް ބޭކާރު ކުރާކަށް.. އަހަރެން ދިޔަ ދީ އަނީކް.. އެހެން ނޫނީ އަހަރެންގެ މަންމަ ކައިރީގައި އަނީކް ގޮސް ބުނާނެ އަހަރެން އަނީކްގެ ކޮޓަރިއަށް ވަދެ އުނދަގު ކުރީއޭ.." ދެރަވެފައިވާ އަނީކްގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވީ ޖީނާ ފަހުން ބުނި ޖުމްލައާ އެކީގައެވެ.

" އަހަރެން ކީއްވެ ޖީނާ މަންމަ ކައިރީގައި ބުނަންވީ؟" އަނީކް އަހައިލިއެވެ. ޖީނާގެ ތުންފަތްމަތިން ފެނިގެން ދިޔައީ ހިތި ހިނިތުންވުމެކެވެ.

" އަހަރެން އަނީކް އަތުއަޅުވައިލާން އުޅުނީއޭ ކިޔައިގެން މަންމަ ކައިރީގައި ވާހަކަ ދެއްކި މީހަކަށް މިވަރުގެ ވާހަކައެއް ނުބުނެވޭނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން.. އެހެން ނޫނަސް އަހަރެންނަށް ވަރަށް ލަސް އެބަވޭ.. ރަންކިޔުމުގެ ހަފްލާއަށް އަހަރެން ވެސް ތައްޔާރު ވާން ޖެހޭނެއްނު.. އަނީކް ވެސް ތައްޔާރު ވާން ޖެހޭނެއްނު.. އަވަހަށް ތައްޔާރުވާން އުޅޭ އެހެން ނޫނީ ތާޝާ ކައިވެންޏަށް ނޫނެކޭ ބުނެދާނެ.." ޖީނާގެ އަޑުގައިވީ މަލާމާތެވެ. އެނބުރި ދާން ހިނގައިގަތް ވަގުތު އަނީކް ޖީނާގެ ކުރިމަތީގައި ދެ ކަކޫ ޖަހައިގެން އިށީނެވެ.

" ޖީނާ ޕްލީޒް.. އަހަރެން ޖީނާގެ މަންމަ ކައިރީގައި އެއްވެސް ވާހަކައް ނުދައްކަން.. އަހަރެން ޤަބޫލުކުރަން ޖީނާއަށް ޝައްކުކޮށްގެން އަހަރެންނަށް ހެދުނީ ވަރަށް ބޮޑު ގޯހެއްކަން.. އެކަމަކު އަހަރެން ވަޢުދުވަން މީގެ ފަހުން ދުވަހަކު ވެސް ޖީނާއަށް ޝައްކެއް ނުކުރާނަން.. އަހަރެން ވެސް މީ އިންސާނެއް އެހެންވީމަ ކުށެއް ކުރެވިދާނެ.. އަހަރެންނަށް ކުރެވޭނެ މަސައްކަތަކީ ދެން އެކުށް ތަކުރާރު ނުކުރުމަށް މަސައްކަތް ކުރުން.. ޕްލީޒް ޖީނާ.. އަހަރެންނަށް މައާފުކުރޭ.. އަހަރެން ބޭނުން ވަނީ ޖީނާ... ހަމައެކަނި ޖީނާ.. ޕްލީޒް..." އަނީކް އާދޭހުގެ ރާގެއްގައި ބުނިއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ޖީނާގެ ހިތް އެތެރެއިން ކުދިކުދިވަމުން ދިޔަ ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

" އަހަރެން އަނީކަށް މަޢާފުކޮށްފިން.. އެކަމަކު މިހާރު ދެން އަނީކްގެ ލޯބި ޤަބޫލުކުރެވޭކަން ނެތް.. މާބޮޑަށް ވެސް ލަސްވެއްޖެ.. " ޖީނާ ބުންޏެވެ. އެންމެ ފުރަތަމަ ހިނިތުންވާން އުޅެފައި ދެވަނަ ހިނދުގައި އަނީކްގެ މޫނުމަތި މިލައިގެން ދިޔައެވެ.

" ނޫން ޖީނާ އަދި ވަގުތު ފާއިތެއް ނުވޭ.. ޖީނާ މިހާރު ބުންޏަސް މިކައިވެނި ކެންސަލްކޮށްލަން އަހަރެން ތައްޔާރު.." އަނީކް އިން ތަނުން ތެދުވަމުން ބުންޏެވެ.

" އޭރުން ވާނީ އެހެން މީހުންނަށް ދެވޭ ބޮޑު ދެރައަކަށް.. އަނީކްގެ މަންމައާއި ބައްޕަގެ އިތުރުން ތާޝާއަށް ވެސް ދެވޭ ބޮޑު ދެރައެއް.. އާއިލާއެއް ރޫޅާލުމުގެ ސަބަބަކަށް ވާން އަހަރެން ބޭނުމެއް ނޫން.. ދެން ރަނގަޅު ވާނީ ދެމީހުން ވެސް ވީކަމެއް ހަނދާން ނައްތައިލުން.. ދިޔައީ އަނީކް... އުއްމީދުކުރަން ދެން އަހަރެންގެ ފަހަތުން ނާންނާނެ ކަމަށް.." ޖީނާ ބުންޏެވެ. އަނީކަށް ފަހަތަށް ޖެހެވުނީ ގޮތް ހުސްވުމުންނެވެ. ޖީނާ އަނީކާ ދިމާލަށް ބަލައި ވެސް ނުލައި އެ ކޮޓަރިން ނިކުމެ ދޮރުލައްޕައިލިއެވެ.

އަނީީކްގެ ކޮޓަރިން ނިކުތްގޮތަށް ޖީނާ މިސްރާބު ޖެހީ ޝާނާގެ ކޮޓަރިއަށް ދިއުމަށެވެ. ޝާމިން އެފަދަ މެސެޖްތަކެއް އަނީކަށް ފޮނުވީ ކީއްވެތޯ ސުވާލުކުރަން ބޭނުން ވާތީއެވެ. ޝާނާގެ ކޮޓަރިއާ އަރާ ހަމަވެފައި ޖީނާ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. ހުޅުވާފައޭ ބުނެ އެތެރެއިން އައީ ޝާނާގެ އަޑެވެ. ދޮރު ހުޅުވައިލައިފައި ޖީނާ އެތެރެއަށް ވަނެވެ. ޑްރެސިންގ ޓޭބަލް ކައިރީގައި ރީތިވާން ހުރި ޝާނާ ފެނިފައި ޖީނާއަށް ލިބުނީ ހައިރާން ކަމެކެވެ. ކުރިމަތީގައި އެ ހުރީ އޭނާގެ ރުންކުރު ދައްތަ ޝާނާބާއޭ ވެސް ހިތަށް އެރިއެވެ. ރަތްކުލައިގެ ކަކުލުން ތިރިއަށް ހުރި ދޫހެދުމަކާއި ކަޅު ޖިންސެއްގައި ހުރި ޝާނާގެ ބޮލުގައި އަޅައިފައި ހުރީ ރަންކުލައިގެ ޝޯލްއެކެވެ.

" ރީތިތަ؟" ޝާނާ ހިނިތުންވެލަމުން އަހައިލިއެވެ. އެ އަޑުގައި ކުރިން ހުންނަ ކަހަލަ ރުންކުރު ކަމެއް ނެތެވެ. ކުރިން އަބަދުވެސް ރުޅިމޫނު ދައްކައިގެން ހުންނަ މީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

" ވަރަށް ރީތީ. މާޝާﷲ... އަހަރެން ވަރަށް އުފާވެއްޖެ.." ޖީނާ ބުންޏެވެ. ޝާނާ ހިނިތުންވެލަމުން ލޯގަނޑާ ދިމާލަށް އެނބުރުނެވެ.

" ދޮންތާ ކޮބާ ޝާމިންބެ؟" އައި ކަންތައްމަތިން ހަނދާންކޮށްލަމުން ޖީނާ އަހައިލިއެވެ. ޝާނާގެ މޫނުމަތި މިލައިގެން ދިޔައެވެ. މިފަހަރު ދޮގު ހަދާކަށް ޝާނާ ބޭނުމެއް ނުވިއެވެ.

" ދޮންތައަކަށް ނޭނގެ ޖީން.. ޝާމިންގެ ހަބަރެއް ނުވާތާ ދެ ދުވަސް ވެއްޖެ.." ޖީނާއާ ދިމާލަށް އެނބުރެމުން ޝާނާ ބުންޏެވެ.

" ދޮންތާ! ޝާމިންބެ ކީއްވެ އަނީކްގެ ފޯނަށް އެފަދަ މެސެޖްތަކެއް ފޮނުވީ..؟" ޖީނާ އަހައިލިއެވެ. ޝާނާގެ މޫނުމަތިން ފެނިގެން ދިޔައީ ސީރިއަސް ކަމެވެ. ޖީނާގެ އަތުގައި ހިފައިގެން ގޮސް ޝާނާ އިށީނީ އެނދުމަތީގައެވެ.

" ނޭނގެ.. އެކަމަކު ދޮންތައަށް ހީވަނީ ކޮންމެ ވެސް މީހަކު ބުނެގެންހެން.. ޖީނާއާ އަނީކް ގުޅުނަ ނުދޭންވެގެން ކުރި ކަމެއްހެން ހީވަނީ... " ޝާނާގެ ވާހަކައިން ޖީނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.

" އަނީކް ދޮންތަ ކައިރީގައި ބުންޏޭ ޖީން ދެކެ ލޯބިވާ ވާހަކަ.. ދޮންތައަށް އަނީކްގެ ލޮލުން ފެނުނީ ޖީންއަށް ޓަކައިވާ ތެދުވެރި ލޯބި.. އެފަދަ މީހަކު ލިބޭނީ ނަސީބުވެރިއަކަށް.." ޝާނާ ބުންޏެވެ.

" ޝާމިންބެ ވެސް ދޮންތަދެކެ ވަނީ އެފަދަ ލޯތްބެއްނު.. ދޯ..؟" ޝާނާގެ ފަރާތުން ކަމެއް ދެނެގަންނާން މަސައްކަތް ކުރަމުން ޖީނާ އަހައިލިއެވެ. އެވަގުތު ޝާނާގެ މޫނުމަތި މިލައިގެން ދިޔައެވެ.

" ކަންތައްތައް ވަނީ ޖީންމެން ހީކުރާ ގޮތަކަށް ނޫން..." ޝާނާ ހުރިހާ ވާހަކައެއް ޖީނާއަށް ކިޔައިދީ ނިމުނުއިރު ޖީނާއަށް ރޮވިއްޖެއެވެ.

" ސޯ ސޮރީ ދޮންތާ.. ކުރިން ދޮންތަ އުޅުނީ ތިހާލުގައި ކަން އެނގުނުނަމަ ދޮންތައަށް އެހީވީމުސް.. އެކަމަކު.." ޖީނާ ބުންޏެވެ.

" ނޫން ޖީން.. ދޮންތައަށް ވީ ވާންވީ ގޮތް... ތާޝާއާއި ޒިދާނާ ދޭތެރޭގައި ކަންތައްކުރެވުނު ގޮތުން ކަންނޭނގެ އެހެންވީ.. އެކަމަކު މިރޭ ހުރިހާ ކަމެއް ބަދަލުވާނެ... ޔޫ ޖަސްޓް ވޮޗް.. ދާނިޔާލްއަށް މޮޅުވާކަށް ލާހިކެއް ނޫން.." ޝާނާ އެހެން ބުނީ ވަރަށް ޔަގީންކަމާ އެކީގައެވެ.

" އެކަމަކު މަންމަ...؟' ޖީނާ ބުންޏެވެ.

" މަންމަ ބަހައްޓާ... ދާނިޔާލްގެ ސިއްރު ފަޅާއެރީމަ މަންމައަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.. ދާނިޔާލް އަހަރުމެން ގެއިން ބޭރު ކުރިޔަސް ﷲ އިރާދަކުރެއްވިއްޔާ އަހަރުމެންނަށް ލިބޭނެ ދެރައެއް ނޯންނާނެ.. ނޫންތަ؟" ޝާނާ ބުންޏެވެ. ޖީނާ ބޯޖަހައިލީ ފެންކަޅިވެފައި އިނދެއެވެ.

*****

ރާއިފް އެނބުރި ހޮސްޕިޓަލަށް އައިއިރު ޒިދާން އޮތީ ހޭލައެވެ. ރާއިފް ފެނުމުން ޒިދާން އެނބުރުނީ އަނެއްކޮޅަށެވެ.

" ދޮންބެ ދާންވީނު ސައިބޮއެގެން އަންނަން.. އަހަރެން މަޑުކޮށްލާނަން.." ރާއިފް ބުންޏެވެ. މާދިހު ޒިދާން ކައިރީގައި މިއަންނަނީއޭ ބުނެ އެތަނުން ނިކުތެވެ. ގޮނޑީގައި އިށީނުމުގެ ބަދަލުގައި ރާއިފް އިށީނީ ޒިދާން އޮތް އެނދުގެ ތަންކޮޅެއްގައެވެ.

" ޒިދާން! ބަޑީ! " ރޮވިފައިވާ އަޑަކުން ރާއިފް ގޮވައިލިއެވެ. ޒިދާން ރާއިފަށް ބަލައިލީ ހައިރާންވި ވަރުންނެވެ. ޒިދާނަށް އެފަދަ ނަމަކުން ރާއިފް މުހާތަބު އެކުރީ އެތައް ދުވަހެއް ފަހުންނެވެ.

" އަހަރެންނަށް މައާފުކުރޭ ޒިދާން.. މިހާރު އަހަރެންނަށް ހަޤީގަތް އެނގިއްޖެ.. އެރޭގެ ހަޤީގަތް ޝާނާ އަހަރެންނަށް ކިޔައިދީފި.. ތާޝާ ފަދައިން ޒިދާން ދޫކޮށްލައިފައި އަހަރެން ދިޔައީ އަހަރެންގެ އެހީ ޒިދާނަށް އެންމެ ބޭނުންވި ދުވަހު.. އެތައް ދުވަހަކަށް ފަހު އަނެއްކާ ވެސް ޒިދާނަށް އުފަލެއް ލިބުުނު ދުވަހު އެކަން ވެސް މުޅިން ހަރާބުކޮށްލީ އަހަރެން.. އަހަރެންނަށް މައާފުކުރޭ.." ރާއިފްގެ އަޑު ކުރެހުނެވެ. ޒިދާން އިންތިހާއަށް އުފާވިއެވެ. ދުވަސްވީ ގާތް ރަހުމަތްތެރިޔާ އަލުން ލިބުމުންނެވެ. ވާހަކަ ނުދެއްކިއެއް ކަމަކު ޒިދާން ހިނިތުންވެލަމުން އޭނާގެ އަތް އުފުލައިލިއެވެ. ރާއިފަށް ޒިދާން އޭނާއަށް މައާފުކުރީކަން އެނގުމާ އެކު ޒިދާންގެ އެއަތުގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު ދެމީހުންނަށް ވެސް ބާރަށް ހެވުނެވެ. ނަމަވެސް ދެވަނަ ހިނދުގައި ރާއިފްގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.

" ޒިދާން.. އަހަރެންނަށް އެނގޭ އަދި ޒިދާން އެހާ ފިޓެއް ނޫންކަން.. އެކަމަކު މި ވަގުތު އެބަޖެހޭ އަހަރެންނާ އެކު ތަނަކަށް ދާން.. އެހެން ނޫނީ ޒިދާންއަށް ތާޝާ މުޅި އުމުރަށް ގެއްލިދާނެ..." ރާއިފް އެހެން ބުނުމާ އެކު ޒިދާނަށް ތެޅިގަނެވުނެވެ.

" ނޫން.. ކީކޭ ތިބުނީ.؟" ހާސްވެ އޮވެ ޒިދާން އަހައިލިއެވެ.

" ތާޝާ އުޅެނީ މިއަދު އަނީކާ އިންނަން ރަން ކިޔަންވެގެން.." ރާއިފްގެ އެ ބަސް ޒިދާނަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ.

" ނޫން ނުވާނެ އެހެނެއް.. ތާޝާ އެއީ އަހަރެންގެ ހައްޤެއް.. ރާއިފް އާދޭސްކޮށްފަ ބުނަން އަހަރެން ތާޝާ ކައިރިއަށް ގެންގޮސްދީ..." ޒިދާން އާދޭހާ އެކު ބުންޏެވެ.

" އަހަރެން މިއައީ ވެސް ބަލާ.. އެކަމަކު ދެވޭނީ ޒިދާން ވަރަށް ހިތްވަރު ގަދަވެގެން.. އަދިވެސް ޒިދާން ތަންކޮޅެއް ވީކް.." ރާއިފް ބުންޏެވެ.

" އަހަރެންގެ ފަރުވާލެއް ނެތް.. މިވަގުތު މުހިންމީ ތާޝާ.." ޒިދާން އޮތް ތަނުން ތެދުވާން މަސައްކަތް ކުރަމުން ބުންޏެވެ.

*****

ސާއިރާ އަނީކްގެ ކޮޓަރިއަށް ވަނީ އަނީކް ތައްޔާރު ވެއްޖެތޯ ބަލައިލުމަށެވެ. އޭރު ހަފްލާ ފެށެން އެންމެ ގަޑިއިރެއް ވެސް ނެތެވެ. ސާއިރަށް ހައިރާން ކަމެއް ލިބުނީ އެނދުމަތީގައި އިސްޖަހައިގެން އިން އަނީކް ފެނުމުންނެވެ.

" ދަރިފުޅާ އަދިވެސް ތައްުޔާރު ނުވަނީތަ؟ އިރުކޮޅަކުން މެހުމާނުން އަންނަން ފަށާނެ.." އަނީކާ ދިމާލަށް ދަމުން ސާއިރާ ބުންޏެވެ. އެ ވަގުތު އަނީކް އިސްއުފުލައި ސާއިރާއާ ދިމާލަށް ބަލައިލިއެވެ. ރޮއެރޮއެ ރަތްވެފައިވާ އަނީކްގެ ދެލޯ ފެނިފައި ސާއިރާއަށް ލިބުނީ ސިހުމެކެވެ، އަވަހަށް އަނީކް ކައިރީގައި އެނދުމަތީގައި އިށީންނަމުން ކިހިނެއްވީތޯ އަހައިލިއެވެ. އެވަގުތު ކުޑަކުއްޖަކު ފަދައިން އަނީކް ރޯން ފަށައިފިއެވެ.

" މަންމާ.. އަހަރެން މީ ވަރަށް ގޯސްމީހެއް.. އަހަރެންނަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ލޯބިވާ މީހާ އަހަރެންނަށް ގެއްލިއްޖެ" އަނީކް ގިސްލަމުން ބުންޏެވެ.

" ދަރިފުޅު ކީކޭތަ ތި ކިޔަނީ.. ދަރިފުޅު ތާޝާއާ އިންނާކަށްނު ތިއުޅެނީ.. ދެން ކީއްވެ ގެއްލުނީއޭ ތިބުނީ.." ސާއިރާ ހައިރާންވެ އިނދެ ސުވާލުކޮށްލިއެވެ.

" މަންމާ.. އަހަރެންނަށް ތާޝާދެކެ ވެވުނީ ހަޤީގީ ލޯތްބެއް ނޫންކަން އެނގުނީ މިހިތް އެހެން އަންހެންކުއްޖަކަށް ދެވިއްޖެކަން އެނގުނު ދުވަހު.. އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވޭ.. ތާޝާއާ ކައިވެނިކޮށްފި ނަމަ އަހަރެންނަށް އޭނާ ގެއްލޭނެ.. އޭނާއާ ދުރުގާވާކަށް އަހަރެންގެ މިހިތެއް ނޭދޭ.." އަނީކް ބުންޏެވެ. ސާއިރާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

" އެއީ ކޮންކުޖެއްތަ ދަރިފުޅާ" އަނީކްގެ ބޮލުގައި ފިރުމާލަމުން ސާއިރާ އަހައިލިއެވެ.

" ޖީ..ނާ..." އަނީކް ބުންޏެވެ. ސާއިރާއަށް ލިބުނީ ސިހުމެކެވެ. އަނީކް ޖީނާއާ މެދު އެފަދަ ގޮތަކަށް ދެކޭނެ ކަމަށް ސާއިރާއަށް ހީކުރެވިފައެއް ނެތެވެ.

" މަންމައަށް ކުރެވޭނެ ކަމެއް ނެތް ދަރިފުޅާ.. މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ.. ޖީނާއަކީ އަދި ތާޝާއާ ނުލާހިކު ގާތް ކުއްޖެއް.. މި ކައިވެނި ހުއްޓުވަން އުޅެފިއްޔާ ދެން ކުރިމަތިވާނީ އާއިލީ ބޮޑު މައްސަލަ ގަނޑެއް.. ދަރިފުޅު ކީއްވެ ކުރިން މަންމަ ކައިރީގައި ނުބުނީ.. އޭރުން ކޮންމެވެސް ގޮތަކުން މިކަން ހުއްޓުވުނީސް .. އެކަމަކު މީގެ ގަޑިއިރެއްހާއިރު ފަހުން ރަން ކިޔާނެ... ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތް " ނާއުއްމީދީ ރާގެއްގައި ސާއިރާ ބުންޏެވެ.

" އެކަމަކު މަންމާ... އަހަރެން ކިހިނެއް ލޯބިނުވާ މީހަކާ އެއްކޮށް އުޅޭނީ.." އަނީކް ބުންޏެވެ.

" މަންމަ ކީކޭ ބުނާނީ ދެން.. އެންމެ ރަނގަޅުވާނީ ދެން ތަޤުދީރުގެ ނިޔާ ޤަބޫލުކުރިއްޔާ... ކަންތައް ވާނީ ތަޤުދީރުގައި ލިޔެވިފައިވާ ގޮތަކަށް... މާތްﷲއަށް ވަކީލުކޮށްލާފައި ތައްޔާރުވެގެން ތިރިއަށް އާދޭ..." ސާއިރާ އިން ތަނުން ތެދުވަމުން ބުންޏެވެ. އެއަށް ފަހު މަޑުނުކޮށް އެތަނުން ނިކުމެގެން ދިޔައީ އަނީކްގެ ރޯތަން ބަލަން އިތުރަށް ކެތްނުވާނެތީއެވެ.

*****

" ޑްރެސިންގ ޓޭބަލް ކައިރީގައި އިށީނދެގެން އިން ތާޝާގެ ނަޒަރު ހުއްޓިފައިވަނީ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރައަށެވެ. އެރޭގެ ހަފްލާއަށް ތާޝާ ތައްޔާރުކުރީ އަންސޫދާއެވެ. އިރުކޮޅަކުން ބަލާ އަންނާނެކަމަށް ބުނެފައި އަންސޫދާ ނިކުތީ ބޭރަށެވެ.

ރަތްކުލައިގެ އަތްކުރު މެކްސީގައި އިން ތާޝާގެ އިސްތަށިގަނޑުގައި ވަނީ ބޮޑު ހުޅިއެއް ޖަހައިފައެވެ. މޫނުމައްޗަށް ވައްޓައިލައިފައިވާ އިސްތަށިކޮޅު އިރުއިރުކޮޅާ އެއްކައިރިކޮށްލަން ޖެހެއެވެ. ތުންފަތުގައި ޖައްސައިފައިވާ ލޭރަތް ކުލަ ތާޝާއަށް އެހާ ކަމަކު ނުދެއެވެ. އެހެން ނަމަވެސް އެކަމާ އޭނާގެ މާބޮޑު ފަރުވާލެއް ނެތެވެ. އޭނާގެ ހިޔާލުތަކާ ގުޅިފައިވާ ފަރާތަކީ ޒިދާނެވެ. މިރެއަށް ފަހު އޭނާ ޖެހޭނީ ޒިދާން މަތިން އަބަދުގެ އަބަދަށް ހަނދާން ނައްތާލާށެވެ. އެހާ ބޮޑު މަކަރުވެރިއެއްގެ މަތިން ހަނދާން ކުރާކަށް ވެސް ތާޝާ ބޭނުމެއް ނޫނެވެ. އޭނައަށް ވެގެންވާ ނަމަ ޒިދާން މަތިން ހަނދާން ނައްތާލިތާ ކިތަންމެ ދުވަހެކެވެ. އެހެން ނަމަވެސް އޭނާގެ ހިތާއި ސިކުނޑިއަށް އޭނާއަކަށް ބާރެއް ނުފޯރުވެއެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ހިތާއި ސިކުނޑީގައި ދައުރުވަނީ ޒިދާންގެ ހަނދާންތަކެވެ. ލޮލަށް ޖަމާވި ކަރުނަތައް ފައިބާން ކައިރިވުމުން ތާޝާ ޓިޝޫއެއް ނަގައި މޭކަޕް ހަޑި ނުވާނެ ގޮތަކަށް ފޮހެލިއެވެ. އެއަށް ފަހު ކައިރީގައި ހުރި ޑަސްބިނަށް ޓިޝޫ ވައްޓައިލުމަށް ފަހު އަނެއްކާ ވެސް ލޯގަނޑަށް ބަލައިލިއެވެ. އެ ވަގުތު ލޯގަނޑުން ފެނުނު މަންޒަރުން ތާޝާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އެނބުރި ދޮރާ ދިމާލަށް ބަލައިލީ އިތުރަށް ޔަގީން ކުރުމުގެ ގޮތުންނެވެ. އެތަނުގައި އެހެރީ ދެވަނަ އެހެން މީހެއްް ނޫނެވެ. އޭނާއަށް ފެންނަ ބިރުވެރި މީހާއެވެ. ތާޝާ އިން ތަނުން ތެދުވެ ފަހަތަށް ޖެހިލިއެވެ. އެމީހަކު ތާޝާއާ ކައިރިވަމުން ދިޔަވަރަކަށް ތާޝާއަށް ލިބެމުން ދިޔަ ބިރުވެރިކަން ވީއިތުރެވެ. ތާޝާ ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު އެމީހަކު ކުރިކަމަކުން ވަގުތުން ތާޝާގެ އަނގަ ބަންދުވިއެވެ. އެމީހަކު މޫނުމަތީގައި އަޅައިފައި ހުރި މާސްކު ނެގިއެވެ. ތާޝާއަށް ލިބުނު ސިހުމާއެކު އަނގަ ހުޅުވިގެން ދިޔައެވެ.

" ޝާމިން.!" ތާޝާއަށް ބުނެވުނީ ވައި އަޑުންނެވެ. މިވީހާ ދުވަހު މާސްކެއްގެ ފުރަގަހުގައި ހުރެ އޭނާއަށް އުނދަގޫކުރި މީހަކީ ޝާމިން ހެއްޔެވެ؟

" އޯވްހ ތާޝާ.. ހާދަ ރީއްޗޭ މިރޭ.. ރީތިކަމުން ހިތަށް އަރަނީ.." މޭގައި އަތް ހާކާލަމުން ޝާމިން އެހެން ބުނީ މަސްތީ ގޮތަކަށެވެ.

" ތީ ހާދަ ހަޔާތްކުޑަ މީހެކޭ... އަހަރެން މިގޭ އެންމެންނަށް ކިޔައިދޭނަން ޝާމިންގެ ހަޤީގަތް..." ދޮރާ ދިމާލަށް ހިނގައިގަންނަމުން ތާޝާ ބުންޏެވެ. މާސްކުގެ ފަހަތުގައިވާ މީހާގެ ހަޤީގަތް އެނގުމުން ތާޝާއަށް ލިބިފައިވާ ބިރުވެރިކަން ފިލައި ގޮސްފިއެވެ. ތާޝާއަށް ދޮރާ ހަމައަށް ދެވުމުގެ ކުރިން ޝާމިން ތާޝާގެ އަތުގައި ހިފައި އެނދާ ދިމާލަށް ހޫރައިލިއެވެ. އެވަގުތު ކޮންޓްރޯލް ނުވެ ތާޝާ އެނދުމައްޗަށް ވެއްޓުނެވެ. ޝާމިން ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ.

" އަހަރެންނަށް މައްސަލައެއް ނެތޭ މިގޭ ހުރިހާ އެންމެންނަށް ކިޔައިިދިނަސް.. އެކަމަކު ކިޔައިދެވޭނީ އަހަރެންގެ މަޤްސަދު ހާސިލް ކުރުމަށް ފަހު... ތާޝާގެ އެހެން މީހެއްގެ ހައްޤަކަށް ވުމުގެ ކުރިން އަހަރެން ބޭނުން ވަނީ ތި ލޯބި މަލުގެ ފޮނިކަން އިހުސާސްކޮށްލަން... " ޝާމިން ނުލަފާ ގޮތަކަށް ބުންޏެވެ. ތާޝާ އެނދުމަތިން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ކުރިން ޝާމިން ފުންމައިގެން އެނދު މައްޗަށް އަރާ ތާޝާގެ ދެއަތުގައި ހިފެހެއްޓިއެވެ. އެވަގުތު ތާޝާގެ އަނގައިން ހަޅޭކެއްގެ އަޑުއިވުނެވެ.

" ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއްވެސް މީހަކަށް ނީވޭނެ.. ތިރީގައި ޖަހައިފައިވާ ބާރު މިއުޒިކުގެ އަޑު އެބައިވެއެއްނު.. ހަހަހަ..." ޝާމިން އަނެއްކާ ވެސް ހިނިގަނޑެއް ޖަހައިލިއެވެ.

" ކަލޭ ހީކުރީ ކަލޭ ބޭނުން ކަމެއް ކޮށްފަ ސަލާމަތް ވެވިދާނެ ކަމަށްތަ؟ އަހަރެންގެ ޑާޑާގެ ޕަވަރ އަދި ނޭނގިގެން ތިއުޅެނީ.. އަހަރެންގެ ޑާޑާއަށް އެނގުނިއްޔާ ކަލޭ ދިރިހުއްޓާ ވަޅުލާނެ..." ތާޝާ ބޭނުންވީ އޭނާ ބިރުނުގަންނަ ކަން އަންގައިލާށެވެ. ސާމިން ތާޝާގެ އަތުން ދޫކޮށްލީ ކުއްލިއަކަށެވެ. އެވަގުތު އޭނާގެ މޫނުމައްޗަށް ވެރިވެފައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ތާޝާގެ އަތުގައި ހިފާ ކުއްލިއަކަށް އެނދުމަތިން ނެގިއެވެ.

" ޑާޑާ އޭ.. އަހަރެންނަށް ކަލޭގެ ޑާޑާގެ ގޮތް ވަރަށް ރަނގަޅަށް އެނގޭ.. އެއީ ކާކުކަން އޮޅިގެން ތިއުޅެނީ ތާޝާއަށް.. އެނގެން ބޭނުންތަ ތި ބުނާ ޑާޑާއެއްގެ ހަޤީގަތް.؟" ތާޝާއާ ދިމާލަށް ފިޔަވަޅެއް އަޅައިލަމުން ޝާމިން ބުންޏެވެ. އެވަގުތު ތާޝާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.

" އެނގޭތަ ތާޝާ ބިރުގަންނަވަން އަހަރެން ކައިރީގައި ބުނީ ކާކުކަން..؟ ތާޝާގެ ލޯބިވާ ޑާޑާ.. އޭނާ ބޭނުންވީ ތާޝާ ވަރަށް ބޮޑަށް ބިރުގަންނަވާލަން.. އަދި އޭނާ ކައިރިއަށް މެލޭއަށް ތާޝާ އެނބުރި ދާން... އަދި އެނގޭތަ މީގެ ހަތަރު އަހަރުކުރިން ތާޝާ ޒިދާނާއި ތާޝާ ދުރުކުރުވަން މަސައްކަތް ކުރީ ވެސް ތާޝާގެ ތި ލޯބިވާ ޑާޑާ.. އަދި ތާޝާގެ އެކްސިޑެންޓް ވެސް... " ޝާމިނަށް ބުނެވުނީ އެވަރަށެވެ. ތާޝާ ކުއްލި ހަރަކާތަކާ އެކު ޑްރެސިންގް ޓޭބަލް މަތީގައި ހުރި ސެންޓް ފުޅި ނަގައި އަތުގައި ހުރިހާ ބާރެއްލައިފައި ޝާމިންގެ ބޯމަތީގައި ޖެހިއެވެ. އެހިނދު ބޮލަށް އެނބުރުން އަރައި ޝާމިން ތިރިއަށް ވެއްޓުނެވެ.   ،

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!