ޚަބަރު ސަރުކާރު

ތިމަރަފުށީ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސް ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

Ads by MWSC

ތިމަރަފުށީ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ތިމަރަފުށީގައި ކުރިޔަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ތިމަރަފުށީގެ ރައްޔިތުން ބަލައިގަންނަކަ މަށާއި ތިމަރަފުށީގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ކައުންސިލުގެ ރައީސް އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ތިމަރަފުށީގައި ކުރިޔަށްދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށާއި، ދާދިފަހުން ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރެވިފައިވާ ކަމަށާއި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒު ފާހަގަކުރެއްވިއެވެ.

ތިމަރަފުށީ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި، އެއަރޕޯޓްގެ ދަތުރުތައް މަދުވުމުން ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާކަމާއި، އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ގިނަ ފުރުޞަތުތަކެއް ނެތުމުން ދިމާވާ އިޤްތިޞާދީ ދަތިތަކާއި، މަގުހެދުމުގެ މަޝްރޫޢު ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، ކަރަންޓުގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ކައުންސިލުން ބޭނުންވާ ތަރައްޤީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސްއާ މަޝްވަރާކުރައްވާފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އަދި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަކި ޖާގައެއް ކަނޑައަޅައިދެއްވުމަށާއި، ކޮމިޓީގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެބޭފުޅުން ވަނީ ރައީސްއާ ހިއްސާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ކުރިޔަށްދާގޮތާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވައިފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނުފެށި ލަސްވެފައި ވަނީ ކޮވިޑްގެ ސަބަބުން ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުގެ މަސައްކަތް ފެށޭނެކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމަކާއެކީ އެކަން ކުރެވޭނެ ގޮތެއް ބަލައިދެއްވާނެކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް މި އަންނަ އަހަރަށް ބަޖެޓްކުރެވޭތޯ މަސައްކަތްކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި މި ރަށުގެ ޞިއްޙީ މަރުކަޒުގެ އަޕްގްރޭޑިންގ މަސައްކަތް މީހާރަށް ބޭނުންވާނެކަންކަމާއެކީ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި، މެދު ފަންތީގެ ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ރާވާފައިވާ މަޝްރޫޢުގައި ހިމަނައިގެން އެ ރަށުގަ އިވެސް އެފަދަ ހޮސްޕިޓަލެއް ކުރިޔަށް އޮތްތާގައި ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ ތ. އަތޮޅަށް ފަތުރުވެރިކަން ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ހާމަކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމައިފައިވާކަމުގައި ފާހަގަ ކުރައްވައި އެމަނިކުފާނު ވަނީ ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ރަށުގެ ރައްޔިތުން އެދޭކަންކަން ފަހިކޮށްދީ ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސްގެ ޝަރަފުގައި ތިމަރަފުށީގެ ރައްޔިތުން ދެއްވި ރޭނގަޑުގެ ފަރިއްކޮޅެއްގައި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް މިހާރު ތިމަރަފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!