ރިސޯޓް މުވައްޒަފުންގެ 93 އިންސައްތަ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފި

ރިސޯޓްތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން 93 އިންސައްތަ މުވައްޒަފުން، ކޮވިޑް-19އިން ދިފާޢުވުމަށް ޖަހައި ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި ހިނގާ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުގައި މަސައްކަތް ކުރަމުން އަންނަ 356،883 (%98) މުވައްޒަފުން ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަމަށާއި، އަދި އޭގެ ތެރެއިން 297،003 (%93) މުވައްޒަފުން ވަނީ ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައި ކަމަށެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 އިން ފެށިގެން އެ އަހަރު ނިމެންދެން ކޮވިޑް-19 ބައްޔާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އުޅެނީ 0.19 ގައެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 18 ގެ ނިޔަލަށް މި ނިސްބަތް 0.25 ގައި އުޅޭއިރު، މި މަހުގެ 1 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް މި ނިސްބަތް އުޅެނީ 0.11 އިންސައްތައިގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެގެ ނިޔަލަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ ތެރެއިން 359,647 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު، 2 ވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 297,556 މީހުންނެވެ.