"ދަރިފުޅާ ބަލާބަލަ ބައްޕަގެ އަތް ނެތަސް ވަރަށް ބާރަށް ފެތޭ"
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ ޕެރަލިމްޕިކް ގޭމްސްގައި، ދެއަތް ނެތް ފެތުންތެރިއަކު މުޅި ދުނިޔެ އަޖައިބުކޮށްލައިފިއެވެ.
ޗަައިނާގެ ޒެންގް ޓާއޯގެ ދެ އަތް ނެތް ކަމުގައިވިޔަސް އޭނާ ވަނީ ޕެރަލިމްޕިކުގައި މިހާރުވެސް 4 ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން އޭނާ ވަނީ ކުރީގެ ރިކޯޑްތައް ވެސް ވެސް މުގުރައިލާފައެެވެ.
"ދަރިފުޅާ ބަލާބަލަ ބައްޕައަށް. ބައްޕަގެ އަތް ނެތަސް ވަރަށް ބާރަށް ފެތޭ" ރޭހެއް ނިންމުމަށް ފަހު ޒެންގްގެ އަންހެން ދަރިފުޅަށް ފޮނުވި ވީޑިޔޯ މެސެޖެއްގައި ބުނެފައިވެއެވެ.
ކުޑައިރު އިލެކްޓްރިކް ޝޮކެއް ޖެހި ދެ އަތް ގެއްލިފައިވާ ޒެންގް ވަނީ ފްރީ ސްޓައިލް، ބެކްސްޓްރޯކް އަދި ބަޓަފްލައި ސްވިމިން ސްޓައިލްގައި ވާދަކޮށް މެޑަލްތައް ހޯދައިފައެވެ. މިދިޔަ ބުދަ ދުވަހު އޭނާ ވާދަކުރި 50 މީޓަރުގެ ފްރީސްޓައިލް ފެތުމުން ވެސް އޭނާ ވަނީ ރެކޯޑެއް ހަދައިފައެވެ. އެއީ ސަމާ ޕެރަލިމްޕިކް ގޭމްގެ ޗައިނާގެ 500 ވަނަ ގޯލްޑް މެޑަލްއާއި 1984 ވަނަ އަހަރު ނިއުޔޯކް ސިޓީގައި ބޭއްވި ޕެރަލިމްޕިކަށް ފަހު ޗައިނާއިން ޕެރަލިމްޕިކުގައި ކާމިޔާބު ކުރި ފުރަތަމަ ގޯލްޑް މެޑަލްގެ ރިކޯޑެވެ.
"އަހަރެން ހުރިހާ ކަމަކަށް ވެސް ކުރިމަތިލީން ދިމާވެފައިވާ ހާލަތާ މެދު ޝަކުވާއެއް ނެތި. ޓޯކިޔޯ ޕެރަލިމްޕިކުގައި މިއީ އަހަރެންގެ ފަހު ރޭސް. މިއީ އަހަރެންގެ އެންމެ ކާމިޔާބު ރޭސްތައް ވެސްމެ" ރޭހެއް ނިންމުމަށް ފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ޒެންގް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޓޯކިޔޯ ގޭމްސްއަށް ފަރިތަކުރުމުގެ ގޮތުން އޭނާ ވަނީ ކޮންމެ ދުވަހަކު 10 ކިލޯމީޓަރަށް ފަތައިފައެވެ. އަދި މިހާތަނަށް އޭނާ ވަނީ 9 ޕެރަލިމްޕިކް މެޑަލް ވެސް ކާމިޔާބު ކޮށްފައެވެ.
"ޓުރޫ އިންސްޕިރޭޝަން" އަދި "ސޯސް އޮފް ޕްރައިޑް"ގެ ގޮތުގައި ޝޯޝަލް މީޑިޔާގައި ޒެންގްގެ ވާހަކަތަައް ދަނީ ދައުރުވަމުންނެވެެ. އަދި އޭނާގެ ހިތްވަރަށް އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.