4 އަހަރުގެ ކުއްޖާއާ ބެހުނު ބައްޕަ އަލުން ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި
ހަތަރު އަހަރުގެ ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހައްޔަރު ކުރި އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލައިފައި ވަނިކޮށް އަލުން ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
މިމައްސަލަގައި ހައްޔަރުކޮށްފައި ވަނީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.
މިމައްސަލައިގައި އެރަށު ކޯޓުން ފުރަތަމަ ނިންމީ އޭނާ ބަންދުން ދޫކޮށްލަން ނަމަވެސް ފަހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާށެވެ. އެހެން ނަމަވެސް ޝަރީއަތް ނިމެންދެން އޭނާ ބަންދުގަައި ބެހެއްޓުމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް އޭނާ ވަނީ ހުށައަޅައިފައެވެ. އޭނާ ބަންދުން ދޫކޮށްލައިފައި ވަނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.
މި މީހާ ބަންދުން ދޫކޮށްލުމަށް ރަށު ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށް ގެންދެވި ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވައިފައި ވަނީ އޭނާ ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށާއި ދޫކޮށްލީ ބަންދު މުރާޖައާ ނުކުރެވި ދިގުލައިގެން ދިއުމުގެ ސަބަބުން ކަމަށް ދަށު ކޯޓުން ބުނެފައިވީ ނަމަވެސް ބަންދު މުރާޖައާ ނުކުރެވުމަކީ މީހަކު ބަންދުން ދޫކުރަން އޮންނަ ސަބަބެއް ނޫން ކަމަށެވެ.
އެހެންކަމުން އޭނާ އަލުން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފައި ވަނީ އިއްޔެއެވެ.