Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

އަދީބުގެ ހެކިބަހާ ނުލައި ވެސް ޖިހާދުގެ މައްސަލަ ސާބިތު ކުރެވޭނެ: ދައުލަތް

އަދީބުގެ ހެކިބަހާ ނުލައި ވެސް ޖިހާދުގެ މައްސަލަ ސާބިތު ކުރެވޭނެ: ދައުލަތް
ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހިންގި މަޝްރޫއުއަކާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލައިފައިވާ ދައުވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ ހެކިބަހާ ނުލައި ވެސް ސާބިތު ކުރެވޭނެކަމަށް ދައުލަތުގެ ފަރާތުން ބުނެފިއެވެ. ޖިހާދުގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވިކަމަށް ބުނެއެވެ. މި ދައުވާގައި މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ ޖިހާދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅައިފައިވާ ހުށަހެޅުންތަކާ މެދު ދައުލަތުން ޖަވާބުދާރީވުމެވެ. މިއަދުގެ އަޑުއެހުމަށް ޖިހާދުގެ ފަރާތުން ޝަރީއަތަށް މިއަދު ހުށައެޅުއްވި ހުށައެޅުންތަކުގެ ތެރޭގައި ފުށިދިއްގަރު ފަޅުގެ މަޝްރޫއުގެ މަރުހަލާތަކުގައި އެންމެ އިސްކޮށް އުޅުއްވި އަދީބުގެ މައްޗަށް ދައުވާ ނުކޮށް އެހެން މީހެއް މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ޑްރާޕްޓް ކުރުމުގައި ވެސް އަދީބު އުޅުއްވި ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ދެވަނަ ހުށައެޅުމެއްގެ ގޮތުން ޖިހާދުގެ ފަރާތުން ހުށައަޅައިފައިވާ ހުށައެޅުމަކީ އޭސީސީއިން ތަހުގީގުކޮށް ނިންމައިފައި ވަނިކޮށް އަލުން އެސެޓް ރިކަވަރީ ކޮމިޝަނުން މި މައްސަލަ ތަހުގީގުކޮށްފައި ވަނީ އެ ފަދަ ކަންކަމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ފާހަގަކޮށް އަދި މައްސަލައެއް އަލުން ތަހުގީގު ކުރަން އަންގާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށާއި އެކަމަކު ޖިހާދުގެ މައްސަލަ އަލުން ތަހުގީގު ކުރީ ބަންޑާރަނައިބު އޮފީހުން އަންގައިގެން ކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ.
މިއަދުގެ ޝަރީއަތަށް ޖިހާދު ހުށައެޅުއްވި ކަންކަމަށް ދައުލަތުން ޖަވާބުދާރީވެފައިވާއިރު ދައުލަތުން ބުނީ މި މައްސަލައަކީ އަހުމަދު އަދީބު އަބްދުލްޣަފޫރްގެ ހެކިބަހާ ނުލައި ކިތާބީ ހެކިތަކަށް ރިއާޔަތްކޮށްގެން ވެސް ސާބިތުކުރެވޭނެ މައްސަލައެއް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށް ފަހު ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ދެން އޮންނާނީ މި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް