ޚަބަރު ސަރުކާރު

ވެކްސިނަކީ ދުނިޔެ އަލުން ހުޅުވައިލާން އޮތް އެންމެ ބޮޑު ފުރުސަތު: ޝާހިދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވެކްސިނަކީ ކޮވިޑް ބަލިމަޑުކަމުން އަރައިގަނެ ދުނިޔެ ހުޅުވައިލާން އޮތް އެންމެ ބޮޑު ފުރުސަތުކަމަށާއި އަދި ކޮވިޑް ވޭރިއަންޓްސްއާ ދެކޮޅަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބޭއްވެވި "ގްލޯބަލް ކޮވިޑް-19 ސަމިޓް"ގައި ތަގުރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ ދުނިޔޭގެ އެންމެންނަކީ ވެކްސިން ޖަހައިފައިވާ މީހުން ކަމުގައި ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ކަމަށެވެ.

"އަހަރުމެން އެންމެންނަށް އެކީ މަސައްކަތް ކުރެވޭނެ ދުނިޔޭގެ އެންމެންނަކީ ވެކްސިން ޖަހައިފައިވާ މީހުންނަށް ހެދުމުގެ ގޯލް ހާސިލް ކުރަން. ވެކްސިނަކީ ދުނިޔެ އަލުން ހުޅުވާލުމަށް އޮތް އެންމެ ބޮޑު ފުރުސަތު. އަދި ކޮވިޑް ވޭރިއަންޓްސްއާ ދެކޮޅަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން " ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށާއި އަންނަ އަހަރު ބާއްވާ މަތީ ފެންވަރުގެ އެ ހަރަކާތުގައި މަސައްކަތް ކުރައްވާނީ "ކޮވެކްސް"އާއި ވެކްސިން ދިނުމަށް ޓަކައި ގައުމުތައް ގުޅިގެން ކުރާ އެހެން މަސައްކަތްތަކަށް އެއްބާރުލުން ހޯއްދަވަން ކަމަށެވެ. ވެކްސިން ދިނުމުގެ މަސަައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން، ވެކްސިން ސަޕްލައިކުރުން ފަދަ ކަންތައްތަކަށް ގައުމުތަކުގެ އެހީތެރިކަން ހޯއްދަވަން އެ ހަރަކާތުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑު ކަމުން އަހަރުމެންނަށް ދަސްވިކަމަކީ ކުރިއަށް ދެވޭނެ ހަމައެކަނި ގޮތަކީ އެކުވެރިވެ އެއްބައިވަންތަވެ އެއްބައެއްގެ ގޮތުގައި ކުރިއަށް ދިޔުންކަމަށާއި އެއްވެސް ގައުމަކަށް މި ބަލިމަޑުކަމާ އެކަނި ކުރިމަތި ނުލެވުނުކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!