އޮނިގަނޑުގައިވާ މަގާމުތަކަށް 2011 ވަނަ އަހަރުން ފެށިގެން މުއައްޒަފުން ނުލިބޭ: ގައްދޫ ކައުންސިލް
ގދ. ގައްދޫ ކައުންސިލް އިދާރާގެ އޮނިގަނޑު އެކުލަވައިލުމާ ގުޅިގެން މިއަދާ ހަމައަށް އައިއިރު ގައްދޫ ކައުންސިލްގެ އޮނިގަނޑުގައިވާ މަޤާމްތަކަށް އެތަކެއް ފަހަރުމަތިން އިޢުލާން ކުރުމުން ވެސް މުވައްޒަފުން ހަމަވެފައި ނުވާކަމަށާއި އޮނިގަނޑުގެ މަޤާމްތަކަށް މީހުން ނުލިބިގެން އުޅޭ މައިގަނޑު މައްސަލައަކީ ކައުންސިލްގެ އިދާރާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ދުވަހުގެ މަސައްކަތް ގިނަވެފައި ގިނަ ވަގުތު އޮފީސްތަކުގައި އުޅެންޖެހުމާއި، ލިބޭ މުސާރައިގެ މަދުކަމުންކަމުގައި އެކައުންސިލުން ވިދާޅުވެއްޖެއެވެ.
ގައްދޫ ކަައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ދާދި ފަހުން ގެނެވުނު ބޮޑު ބަދަލާ އެކު ކައުންސިލްތަކުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް އިތުރުވެ ބަލަހައްޓަވަން ޖެހޭ ޕޯޓަލްތައް ގިނަވުމާއި މުވައްޒަފުންގެ ޒިންމާތައް އިތުރުވެގެން ދިޔުމާ އެކު ކުރިއާ އަޅާބަލާއިރު ވަރަށް ގިނަވަގުތު ރޭގަނޑާއި ދުވާލު ކައުންސިލަރުންނާއެކު މުވައްޒަފުން އޮފީސްތަކުގައި އުޅުއްވަން ޖެހޭކަމަށެވެ.
"ނަމަވެސް މުވައްޒަފުން ކުރަމުންދާ މަސައްކަތާ، އަޅާބަލާއިރު އެބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ލިބެނީ އެންމެ އެކަށީގެންވާ އުޖޫރަކަމަށް މިކައުންސިލުން ނުދެކެމެވެ. ކަން މިހެން ހުރި ނަމަވެސް ގައްދޫ ކައުންސިލްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް ހީވާގި ކަމާއި، އިޚްލާސްތެރިކަމާ އެކު މަސައްކަތްކުރަމުންދާ މުވައްޒަފުންތަކެކެވެ." ކައުންސިލްގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ގައްދޫ ކައުންސިލުން ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ޙަޤީޤީ މޭސްތިރިންނަކީ އޮފީސްތަކުގެ މަސައްކަތް ކުރައްވާ ސިވިލްސަރވިސްގެ ssi އިން ފެށިގެން MS3އާ ،ދެމެދު ރޭންކުގައި މަސައްކަތް ކުރައްވާ އިދާރީ މުވައްޒަފުންނަށް ވީހިނދު އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައަކީ އެކަށީގެންވާ މުސާރައެއް، ނުވަތަ އުޖޫރައަކަށް ވާންޖެހޭކަމަށާއި އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުން ކުރައްވަމުން ގެންދަވާ އިޙްތިޖާޖުގައި ގައްދޫ ކައުންސިލްގެ
ސިވިލް ސަރވިސްގެ މުވައްޒަފުން ވެސް ޢަމަލީ ގޮތުން ބައިވެރިވާނެކަމަށެވެ.
"މިކަމާ، ގުޅިގެން 23 ސެޕްޓެމްބަރ 2021ވަނަ ދުވަހު ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެބައްދަލުވުމުގައި ބައިވެރިވެ ލެއްވި މެމްބަރުންގެ އިއްތިފާގުން ނިންމައިފައި ވަނީ މުވައްޒަފުންގެ ޝުޢޫރުތަކާއި، އިޙްސާސްތައް ސިވިލްސަރވިސް ކޮމިޝަނަށާއި، ކަމާ ބެހޭ އެހެނިހެން ފަރާތްތަކަށް ހުށަހެޅުމާ އެކު މިއިދާރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުން މަސައްކަތް ހުއްޓާލައި މުވައްޒަފުންގެ ހައްގު
ކަށަވަރުކުރުމަށް އިހުތިޖާޖުގައި ބައިވެރިވުމަށެވެ." ގައްދޫ ކައުންސިލުގެ ބަޔާނުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ އެކިއެކި މުވައްސަސާތަކުގައި އޮތް މުސާރައާއި އިނާޔަތްތަކުގެ ބޮޑު ތަފާތުކަން ނިމުމަކަށް ގެނައުމަށާއި، އަލަށް ކަނޑައަޅުއްވާ މިނިވަން ފޫޒަކީ އަސާސީ މުސާރައަށް ގެނޭވޭ ހެޔޮ ބަދަލެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށާއި، ޚާއްސަކޮށް ދަށް ފަންތީގެ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުންނަށް މިހާރު ދެމުންދާ ކުޑަމުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އެކައުންސިލުން ވަނީ ގޮވައިލައްވައިފައެވެ.